މި ފޮޓޯގެ ހަގީގަތް!

ގޭގެ ގޯޅިގަނޑުގައި ނިދާފައި އޮއްވާ މިއަދު ޝޯޝަލް މީޑީއާގައި ފޮޓޯ އާންމުވި އުމުރުން ދުވަސްވީ މީހާ--ފޮޓޯ/މީސް މީޑިއާ

މިއަދު ހެނދުނު މީސް މީޑިއާގައި، ނިކަމެތި، މުސްކުޅި އަންހެނަކު ވަރަށް ނިކަމެތި ހާލުގައި ކަރުދާސް ގަނޑެއް އަޅައިގެން ނިދަން އޮތް ފޮޓޯއެއް އާންމުވުމާއި ގުޅިގެން އެތައް ބަޔަކު އެވާހަކަ ދައްކަން ފެށިއެވެ.

"ހެޔޮނުވާނެ. މި މުސްކުޅި މީހާއަށް މިހެން ހަދާކަށް. މި މީހާ މިހާލުގައި ބާއްވާފައި ދަރިންނަށް ހަމަޖެހިލައިގެން ނިދާލަން ކެރުނު ކަން. ކޮބާ އިންސާނިއްޔަތުކަން،" މިފަދަ އެތައް ޝުއޫރުތަކެކެވެ.

އެ ފޮޓޯ ފޭސްބުކް ޕޭޖަކުން ހިއްސާ ކުރަމުން އެތައް ބަޔަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އެކަން ކުށްވެރި ކުރިއެވެ. މިއަދު މައިގަނޑު ގޮތެއްގައި މުޅި ފޭސްބުކް ފީޑްގައި އޮތީ އެ ވާހަކައެވެ.

މިކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް "ސަން"ގެ ނޫސްވެރިން ކުރި މަސައްކަތުން، ފޮޓޯއިން ފެންނަ މާމާއާ ވަނީ ބައްދަލުވެފައެވެ. އަދި އާއިލާ މީހުންނާވެސް ބައްދަލުވެ ވަނީ ވާހަކަ ދެކެވިފައެވެ.

"ސަން"ގެ ނޫސްވެރިން މާމަ ދިރިއުޅޭ ގެއަށް ދިޔައިރު އޭނާ އިނީ އޭނާ ދިރިއުޅޭ ގޭގެ އެއްވަނަ ފަންގިފިލާގައި، ގޮނޑިއެއްގަައިއިށީނދެލައިގެންނެވެ. ސަންގެ ނޫސްވެރިން އެގެއަށް ދިޔަ ވަގުތަކީ ފުލުހުންވެސް އެގޭގައި އެ މައްސަލައާ ގުޅިގެން ހަރަކާތްތެރި ވަމުން ދިޔަ ވަގުތެކެވެ.

ގޭގެ ގޯޅިގަނޑުގައި ނިދާފައި އޮއްވާ މިއަދު ޝޯޝަލް މީޑީއާގައި ފޮޓޯ އާންމުވި އުމުރުން ދުވަސްވީ މީހާ"ސަން"އާ ވާހަކަ ދައްކަނީ -- ސަން ފޮޓޯ/ މުއާވިއަތު އަންވަރު

" އަހަރެން ނުވަންނާނަން. ދަރިން އަހަންނަށް ހަދަނީ ހަދާނެ ގޮތެއް. ދަރިން އަހަންނަށް ރަނގަޅެއް ނޫން. ރޭގަ އެތާ އޮތް އިރުވެސް އެއްވެސް ދަރިއަކު އަހަންނަށް އެތެރެއަށް ވަންނަން ގޮވާ ވެސް ނުލާ،" މާމަ ވާހަކަ ފެށީ މިހެންނެވެ.

މާމަ ބުނާ ގޮތުން އޭނާއާއި އޭނާގެ ދަރިން ދިރިއުޅޭ ގެއަކީ މާމަ އަމިއްލައަށް ހިއްކި ބިމެއްގައި އިމާރާތް ކޮށްފައިވާ ތަނެކެވެ. މާމަގެ ހަ ކުދިން ދުނިޔޭގައި ތިބި އިރު 40 އަށް ވުރެ ގިނަ މާމަ ކުދިން އެބަތިއްބެވެ. އަދި މީގެ ކުރިން މާމަ އެތައް ކައިވެންޏެއް ކޮށްފައިވީ ނަމަވެސް މިއަދު މާމަ ދިރިއުޅެމުންދަނީ އެކަންޏެވެ. އަދި މާމާއަށް ހޫރުމާމަ ކިޔާ 20 އަށް ވުރެ ގިނަ ކުދިން ތިބި ކަމަށް މާމަ ބުނެއެވެ.

މާމަ ދިރިއުޅޭ ގޭގައި މިވަގުތު ދިރިއުޅެނީ އޭނާގެ ދެ ކުދިންނާއި މާމަ ދަރިންނެވެ. ދެންތިބި ކުދިންގެ ތެރެއިން ބައެއް މީހުން ހުޅުމާލޭގައި އުޅޭ އިރު ބައެއް ކުދިން އުޅެނީ މާލޭގައެވެ.

" މިގެ ހަދާފައި މިހުރީ އަހަރެންގެ ބުރަ މަސައްކަތުން. މިއަދު މި ކުދިން އަހަންނަށް ދެރަކޮށް ކަންތައް ކުރީމަ އަހަރެން ކިހާ ދެރަވާނެ. ކާއެއްޗެއް ދިއް ނުކޮށްލާ. ކަރަންޓް ބޭނުން ކުރީމަ ރުޅިއާދޭ ފެން ބޭނުން ކުރީމަ ރުޅި އާދޭ. އެހެންވީމަ އެއް ކުއްޖެއްގެ އެކައްޗެއްގަވެސް ނުޖެހެން އެތާ ނިދަނީ،"

އުމުރުން މިހާރު 80 އަހަރުގެ މާމަ ބުނާ ގޮތުން އޭނާ އެ ގެއަށް ނުވަންނަން ގޮސް ރޭ އެ ގޯޅި ތެރޭގައި އޮތީ ދަރިން އަޅާ ނުލާތީއެވެ. އަދި ދަރިން އޭނާ އެތާ އޮތަސް ގެއަށް ވައްދަން މަސައްކަތް ނުކުރާ ކަމަށް މާމަ ބުނެއެވެ. އަދި ބުނީ ދަރިން އެއްވެސް އެއްޗެއް ދިއްކޮށް ނުލާ ކަމަށާއި އަޅާވެސް ނުލާ ކަމަށެވެ.

" މާމަ މިހުންނަނީ ގިނަ ވަގުތު ފެން ނުވަރާ. ކަނީވެސް އަމިއްލަ އަށް. މާމަ ބެލި ކުއްޖަކު ހުންނާނެ. އޭނާ ދިއްކޮށްލާ ދޭތެރެ ދޭތެރެއިން ލާރި ކޮޅެއް. ދަރިއަކު ނުވޭ އެހީއެއް. ރަނގަޅު އެއްވެސް ކުއްޖަކު ނުހުންނާނެ. މިއީ އަހަރެންގެ ގެ. އަހަރެން ބޭނުންތާކު އުޅެވެންޖެހޭނެ،"

މާމާ މިހެން ބުނާއިރު ދަރިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި މާމަ ގޯޅި ގަނޑުގައި ނިދަން ނުބާއްވާ ކަމަށާއި ކިތަންމެ ވަރަކަށް ބުނި ކަމުގައި ވިޔަސް މާމަ ގޮތް ދޫނުކުރާ ކަމަށް އެކުދިން ބުނެއެވެ.

" މިއީ އަލަކަށް ނޫން މާމަ މިގޮތަށް ގެއިން ބޭރުގައި ނިދި. މީގެ ކުރިންވެސް މާގަ މިގޭ ކުރިމަތީގައި ހުންނަ ގެއެއްގެ އޮޅިގަނޑު މަތީގައި އޮންނާތީ އާދޭސްކޮށްގެން އެބަ ގެންނަން ގެއަށް. އެކަމަކުވެސް އަނެއްރޭ ދާނެ. ދެން އެކަން ބޮޑުވެގެން އަހަރަމެން ކުރި ކަމަކީ އެގޭގެ ވެރިފަރާތުގައި ބުނެގެން އެތާ އޮވުން މަނާ ކުރީ،" އާއިލާގެ ފަރާތުން ވާހަކަ ދެއްކި މާމަ ދަރިއަކު ކިޔައިދިނެވެ.

ގޭގެ ގޯޅިގަނޑުގައި ނިދާފައި އޮއްވާ މިއަދު ސޯޝަލް މީޑީއާގައި ފޮޓޯ އާންމުވި އުރުން ދުވަސް މީހާ ނިދަން ހަދާފައިވާ ކޮޓަރި ކަމަށް ދަރިން ބުނާ ކޮޓަރި--ސަން ފޮޓޯ/ މުއާވިއަތު އަންވަރު

މާމާގެ ދަރިން ބުނާ ގޮތުން ގޯޅިގަނޑުގައި އޮންނާތީ އެކަން އެގޮތަށް ނުކުރަން ތަކުރާރުކޮށް އެދޭ ކަމަށެވެ. އަދި ގެއަށް ވަނުމަށް އާދޭސް ކުރިނަމަވެސް މާމަ ގޮތް ދޫނުކުރާ ކަމަށް އެކުދިން ބުނެއެވެ.

މާމަ ނިދާނެ ތަނެއް ދަރިންނަށް ދައްކައި ނުދޭ ކަމަށް މާމަ ބުނާއިރު ދަރިން ބުނީ މާމަ ނިދަން އެ ގޭގެ ދެވަނަ ފަންގިފިލާގައި ކޮޓަރިއެއް ހަދާފައިވާ ކަމަށެވެ. އަދި ފަސޭހައިން ފާހަނައަށް ދެވޭ އިންތިޒާމް ހަމަޖެހިފައި ހުރި އިރު މިވީހާ ދުވަހުވެސް މާމަ އުޅުނީ އެތަނުގައި ކަމަށެވެ.

މާމާ ނިދަން ދެވަނަ ފަންގިފިލާއިން ދަރިން ދެއްކި ކޮޓަރި މާމައަށް ކަމުނުދާ ކަމަށް މާމަ ވަނީ ބުނެފައެވެ. މާމަ ބުނީ އެހާ މައްޗަށް ނޭރެނެ ކަމަށާއި އެނޫންތަނެއް ދައްކައިގެން ނޫނީ ގެއަށް ނުވަންނާނެ ކަމަށެވެ.

"ސަން"ގެ ނޫސްވެރިންނަށް މާމަގެ ދަރިން ވަނީ މާމަ ދިރިއުޅެން ހަދާފައި ހުރި ތަން ދައްކާފައެވެ. އެތަނުގައި އެނދެއް ބަހައްޓާފައި ހުރި އިރު، އެނދާއި ޖެހިގެން ކަހަލަ ގޮތަކަށް ފާހަނައެއް ހުރެއެވެ. އަދި އެނދު ކައިރީގައި ނަމާދު ކުރެވޭ ގޮތް ހަދާފައިވާއިރު މާމަގެ އަންނައުނު އެޅުވުމަށް އަލަމާރިއެއްވެސް ވަނީ ބަހައްޓާފައެވެ. އަދި ޓީވީއެއްވެސް ހުރެއެވެ.

" މާމަ ގާތު ބުނެފިން މިތަނާ މެދު ހިތްހަމަ ނުޖެހޭ ނަމަ މާމާ ބޭނުން ތަނެއްގައި އޮވެވޭނޭ. އެކަމަކު މާމަ އެގޮތެއް ބޭނުމެއް ނުވޭ. މާމަ ބޭނުމިއްޔާ ކޮންމެ ކުއްޖަކު ހުރީ ބޭނުން ތަނެއް ދޭ ގޮތައް. އެކަމަކު ދެރައީ ގޮތް ދޫކުރަން ބޭނުން ނުވާތީ،" މާމަ ދަރިއަކު ބުންޏެވެ.

މާމަ ދިރިއުޅޭ ގޭގެ ހުރިހާ އެޕާޓްމަންޓެއް "ސަން"ގެ ނޫސްވެރިންނަށް އާއިލާއިން ދައްކާލިއިރު އެ ގޭގެ ކޮންމެ އެޕާޓްމަންޓެއްގެ ފުޅާ މީނުގައި ހުރީ ގާތްގަނޑަކަށް 12 ފޫޓް 12 ފޫޓެވެ. ހަނި ސިޑިއަކުން މައްޗަށް އަރާއިރު ކޮންމެ ބައެއްގައިވެސް ހުރީ އެއްކޮޓަރި އަދި ފާހަނާއެކެވެ. ހުރިހާ ކުދިން ބޭނުން ކުރާ ބަދިގެ ހުންނަނީ އެއްވަނަ ފަންގިފިލާގައެވެ.

"މާމައަށް މިތަނުގައި އުޅެން ދަތިވާތީ އަޅުގަނޑުމެން މާމަ ގެންގޮސްފިން ހުޅުމާލެ އަށްވެސް. އެ ކޮޅުގައި އުޅޭ ދަރި ގާތަށް. އެކަމަކު މާމާ ބޭނުންވަނީ ހަމަ މިތާ އުޅެން،" މާމަގެ ދަރިއަކު ކިޔައިދިނެވެ.

ގެ ހަދާނެ ބަޔަކު ހޯދައިގެން ތަން ހަދަން މާމާ ބޭނުންވާއިރު ދަރިން ބުނީ އެކަން ކުރާނެ ތަނަވަސްކަން އާއިލާގެ ނެތް ކަމަށެވެ. އަދި މިހާރު ދަރިން ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް މާމަ ބޭނުންވާ ކޮންމެ ގޮތަކަށް އޭގެގައި އުޅެވޭނެ ކަމަށް ދަރިން ބުނެއެވެ.

ގޭގެ ގޯޅިގަނޑުގައި ނިދާފައި އޮއްވާ މިއަދު ސޯޝަލް މީޑީއާގައި ފޮޓޯ އާންމުވި އުމުރުން ދުވަސްވީ މީހާ ނިދަން ހަދާފައި ހުރި ކޮޓަރީގައި އޭނާގެ އަންނައުނު އަޅަން ބަހައްޓާފައި ހުރި އަލަމާރި--ސަން ފޮޓޯ/ މުއާވިއަތު އަންވަރު

ނަމަވެސް މާމަ އެކަމަށް އިންކާރު ކުރެއެވެ. ދަރިން މާމައަށް އަޅާލާނެ ކަމަކަށް މާމަ ގަބޫލެއް ނުކުރެއެވެ.

ދަރިން ބުނާ ގޮތުން މާމަ މިއަދު ގޯޅިގަނޑުގައި ނިދަން އޮންނަން ޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ. މާމަގެ އެތައްބައިވަރު ދަރިން ތިބިއިރު ހުރިހާ ކުދިންވެސް ތިބީ މާމައަށް އަޅާލާ ގޮތަށް ކަމަށް އެކުދިންވަނީ ބުނެފައެވެ. އަދި މީސް މީޑިއާގައި މިހާރު ދައުރު ވަމުންދާ ފޮޓޯއާ ގުޅިގެން އެތައް ބަޔަކު ބަދު ބަސް ބުނަމުންދާއިރު އާއިލާއިން ބުނީ ކަމުގެ ހަގީގަތް ބަލައި އެގެއަށް އައިސް ކަން ހިނގަމުންދާ ގޮތް ބެލުމަށް ފަހު ފާޑުކިޔަން އެދޭ ކަމަށެވެ.

" މީގެ ކުރިންވެސް ޖެންޑާއިން ވަނީ މާމަ އުޅޭ ގޮތް ބަލާފައި. މިއަދުވެސް މި ފޮޓޯ އާންމުވުމާއި ގުޅިގެން މާމަ ގެންގޮސްވަނީ ވާހަކަ ދަައްކާފައި. އަދި ހުރިހާ ދަރިން އެއްބަސްވާ ގޮތަށް މާމައަށް ތަނެއް ދައްކަން ވަނީ ބުނެފައި. އަހަރަމެން މިތިބީ އެކަން ކުރާ ގޮތަށް. މާމަ ބޭނުންތާކު އުޅެންވީ. ފާޑު ކިޔާ މީހުންގެ ފަރާތުން އާދޭހާ އެކީ އެދެން އެކަން އެގޮތަށް ނުކުރުމަށް. މި ގެއަށް އައިސް މާމަ އާ އަދި އަޅުގަނޑުމެންނާވެސް ބައްދަލުކޮށް ކަންކަން އޮޅުން ފިލުވަންވީ،" މާމަ ދަރިއަކު ބުންޏެވެ.

މާމަ ބުނާ ގޮތުން ދެންވެސް މާމައަށް ހިތްހަމަޖެހޭ މާހައުލެއް ދަރިން ދައްކައި ނުދޭނަމަ މާމަ ނިދާނީ އެ ގޯޅިގަނޑުގައެވެ. ނަމަވެސް ދަރިން މާމައަށް އެ ގެއިން ފަސޭހަ ތަނެއް ދައްކައިދީފި ނަމަ އެތަނަކަށް ބަދަލުވާނެ ކަމަށް މާމަ ބުންޏެވެ. ދަރިން ތިބީ މާމަ ހިތްހަމަ ޖެހޭ ގޮތަށް ކަންކަން ކޮށްދޭން ތައްޔާރަށެވެ.

comment ކޮމެންޓް