ތުޅާދޫ ކައުންސިލްގެ ރައީސާއި ނައިބު ރައީސް ސަސްޕެންޑުކޮށްފި

ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި ނައިބު ރައީސް ޒާއިދު ރަޝީދު ވަނީ އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފައި-- ފައިލް ފޮޓޯ

ބ. ތުޅާދޫ ކައުންސިލްގެ ރައީސް އަހުމަދު ރަޝީދާއި ނައިބު ރައީސް ޒާއިދު ރަޝީދު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.

ތުޅާދޫ ކައުންސިލް ހިންގުމުން ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަވާލުކޮށްފައި ވަނީ ކައުންސިލަރު މުހައްމަދު ތައުރީފާއެވެ.

ތުޅާދޫ ކައުންސިލްގެ މެންބަރު މުހައްމަދު ތައުރީފަށް އެޑްރެސްކޮށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ގާނޫނު ނަންބަރު 7/2010 (ލާމަރުކަޒީ ގާނޫނު) އިން ކައުންސިލްތަކަށް ލިބިދީފައިވާ ބާރާއި އިހްތިޔާރުގެ ބޭރުން ތުޅާދޫ ކައުންސިލުން ގަރާރެއް ނެރެފައިވާ މައްސަލައެއް އެ އޮތޯރިޓީ އަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ބެލި ބެލުމުން އެއީ ކައުންސިލުން ކުރާ ގާނޫނާ ހިލާފު އަމަލުތަކާއި އިސްލާހީ ފިޔަވަޅުތައް ދަރަޖަ ކުރުމުގެ އުސޫލުގެ ފަސްވަނަ މާއްދާގެ (ނ) އާ ހިލާފު އަމަލަކަށް ވާތީ، ގަރާރު ނެރުމަށް ވޯޓުދީ، ގަރާރުގައި ސޮއިކޮށްފައިވާ ތުޅާދޫ ރައީސް އަހުމަދު ރަޝީދާއި ނައިބު ރައީސް ޒާއިދު ރަޝީދު މާދަމާ އިން ފެށިގެން އެއް މަސްދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް އެ ސޮޓީގައި ބުނެފައިވެއެވެ.

ސަސްޕެންޝަންގެ މުއްދަތުގައި ފަރުދީ ހައިސިއްޔަތުން ލިބިގަންނަ ހިދުމަތެއް ހޯދަން ނޫންގޮތަކަށް އިދާރާއަށް ހާޒިރުވުމާއި، ކައުންސިލްގެ ލިޔެކިޔުންތަކާއި ވަސީލަތްތައް ބޭނުންކުރުމާއި އެއްވެސް ހައިސިއްޔަތަކުން ކައުންސިލް ތަމްސީލު ކުރުމަކީ މަނާކަމެއް ކަމަށްވެސް އެލްޖީއޭގެ ސިޓީގައި ވެއެވެ.

އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ކައުންސިލަރުންގެ ސަސްޕެންޝަނުގެ މުއްދަތުގައި އެލްޖީއޭ އާއި ބ އަތޮޅު ކައުންސިލް އަދި ބ ތުޅާދޫ ކައުންސިލަށް މަޝްވަރާދޭ ކޮމެޓީގެ މަޝްވަރާގެ މަތިން ކައުންސިލް ހިންގުމުގެ ކަންތައް ކުރިއަށް ގެންދާނީ ތުޅަދޫ ކައުންސިލްގެ މެންބަރު މުހައްމަދު ތައުރީފް ކަމަށެވެ.

މީގެ އިތުރުން މި ދަރަޖައިގެ ކުށެއް ކޮށްފިނަމަ ތުޅާދޫ ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެ ކައުންސިލަށް ދޭ ކަމަށްވެސް ސިޓީގައި ވެއެވެ.

comment ކޮމެންޓް