މިދިޔަ ސީޒަންގައި ކްލަބު އީގަލްސްއަށް ކުޅުނު ގައުމީ ޓީމުގެ ފޯވާޑް އަހުމަދު ނާޝިދު ( ނާއްޓޭ ) ވިކްޓްރީ ސްޕޯޓްސް ކްލަބާ ގުޅިއްޖެއެވެ.
ނާއްޓޭ ވިކްޓްރީއާ ގުޅުނުކަން އެ ކްލަބުންވަނީ 'ސަން ސްޕޯޓްސް'އަށް ޔަގީންކޮށްދީފައެވެ. ނާއްޓޭވަނީ ވިކްޓްރީގެ ފަރިތަކުރުންތަކުގައިވެސް މިއަދު ބައިވެރިވެފައެވެ.
ކްލަބު ވެލެންސިއާއިން ކެރިއަރު ފެށި ނާއްޓޭވަނީ ވީބީ އައްޑޫ އެފްސީއަށްވެސް ކުޅެފައެވެ. އޭނާ އެންމެ ފާހަގަކޮށްލެވުނީ މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ކްލަބުގައި ދެއްކި ކުޅުމުންނެވެ. 2015 އަދި 2016 ވަނަ އަހަރު މާޒިޔާއަށް ކުޅުމަށްފަހު މިދިޔަ ސީޒަންގައި ނާއްޓޭ ބަދަލުވީ އީގަލްސްއަށެވެ. މިދިޔަ ސީޒަންގައި ނާއްޓޭގެ ކުޅުން މާބޮޑަށް ފާހަގަކުރެވިފައެއް ނުވެއެވެ. އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވުމުގެ ސަބަބުން ގައުމީ ޓީމު އެންމެފަހުން ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކަށް ނެގި ސްކޮޑުގައިވެސް ނާއްޓޭ ނުހިމެނެއެވެ.
ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް މޮޅު ކުޅުމެއް ދެއްކި ނާއްޓޭ އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ގައުމީ ސީނިއާ ޓީމަށް ކުޅެމުންނެވެ. އޭނާވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕު ފަދަ ބޮޑެތި މުބާރާތްތައް ގައުމީ ޓީމާއެކު ކުޅެފައެވެ.
މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓްރީއަށް ސޮއިކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)އާއި ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ)ގެ އިތުރުން ޓީސީގެ ކެޕްޓަން ބޭންޑް މިދިޔަ ސީޒަންގައި އެޅި އަލީ ނާފިއު އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރަޝީދު (އަންމަޑޭ) ވެސް ފާހަގަކޮށްލެވުނެވެ.
މިދިޔަ ސީޒަންގައި ނިއުރޭޑިއަންޓަށް ކުޅުނު ގޯލް ކީޕަރު އަބްދުﷲ ޒިޔަޒަންވެސް ވަނީ މި ސީޒަންގައި ވިކްޓްރީއަށް ކުޅުމަށް ސޮއިކޮށްފައެވެ. ވިކްޓްރީއަށް މިހާތަނަށް ސޮއިކޮށްފައިވާ ބިދޭސީ ކުޅުންތެރިޔަކީ ވެލެންސިއާއަށް ވެސް ކުޅުނު އަދި މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އއ. މާޅޮހަށް މޮޅު ކުޅުމެއް ދެއްކި އެންހެލް ކަރަސްކޯސާ މުނޯޒެވެ. މުނޯޒްގެ އިތުރުން އިތުރު ބިދޭސީ ކުޅުންތެރިންވެސް ވަރަށް އަވަށް ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން ބުނެއެވެ.