Last Updated: 7 year 2 month ago

ޗެރިޓީ ޝީލްޑް(ފުލްޓައިމް): މާޒިޔާ 1-0 ވެލެންސިއާ

ބުލޮގު ޚުލާސާ

ޗެރިޓީ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ކްލަބު ވެލެންސިއާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ!

މިއަދު ހަވީރު ކުޅޭ މެޗަށް ދެޓީމު ނުކުންނައިރު:

  • މާޒިޔާއަކީ ފާއިތުދިޔަ ދެ އަހަރު ވެސް ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ކްލަބު. މިހާތަނަށް އެޓީމު ޗެރިޓީ ޝީލްޑް ހޯދާފައިވަނީ ވެސް ދެ ފަހަރު.
  • މާޒިޔާއިން ފާއިތުވެދިޔަ ދެ އަހަރު ވެސް ޗެރިޓީ ޝީލްޑް ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރި ހޯދައިގެން.
  • ވެލެންސިއާއަކީ ވެސް ޗެރިޓީ ޝީލްޑް މެޗަށް އާ ޓީމެއް ނޫން. އެންމެ ފުރަތަމަ 2009 ވަނަ އަހަރު ތައާރަފްކުރި ޗެރިޓީ ޝީލްޑްގެ އެންމެ ފުރަތަމަ ޗެމްޕިއަނުންނަކީ ވެސް ވެލެންސިއާ.
  • ވެލެންސިއާއަށް ޗެރިޓީ ޝީލްޑް ހޯދިފައިވަނީ ހަމައެކަނި 2009 ވަނަ އަހަރު.
  • ޗެރިޓީ ޝީލްޑް އެންމެ ގިނައިން ހޯދާފައިވަނީ ވީބީ އައްޑޫ އެފްސީން. އެ ކްލަބުން ވަނީ ތިން ފަހަރު ޗެރިޓީ ޝީލްޑް ހޯދާފައި.

މިއަހަރުގެ ޗެރިޓީ ޝީލްޑް މެޗުން ކޮންމެ ޓީމެއް މުޅިވިކަމަށްވިޔަސް، ފަސް އެންޖީއޯއަކަށް ހަމަހަމައަށް މެޗުން މޮޅުވާ ޓީމަށް ދޭ އެއް ލައްކަ ރުފިޔާ ބަހާލުމަށް ހަމަޖެހިފައިވޭ. އެ އެންޖީއޯތަކަކީ މާޒިޔާއިން ހުށަހެޅި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނާއި ކުޑަކުދިންގެ ހިޔާއާއި ވެލެންސިއާއިން ހުށަހެޅި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އެފްއޭއެމްއިން ހުށަހެޅި އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް). އެއިން ކޮންމެ އެންޖީއޯއަކަށް ވެސް 20،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވޭ.

18:01

މެޗު ނިމިއްޖެ.

18:00

ނަތީޖާ ފުޅާކޮށްލަން މާޒިޔާއަށް ރަނގަޅު ފުރުސަތެއް. އުމޭރު ދިން ބޯޅައަކުން އަސައްކޮ އުފެއްދި ހަމަލާ ދިޔައީ ގޯލްގެ އަރިމަތީ ދަނޑިކައިރިން ބޭރަަށް.

17:57

މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

17:51

'84- މާޒިޔާއިން ބަދަލެއް. އާއްކޮގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު އިރުފާން (އިރޭ).

17:48

ފަހު ހާފުގައި އަސައްކޮ ކާމިޔާބުކޮށްދިން ލަނޑާއެކު މާޒިޔާއިން، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެރިޓީ ޝީލްޑް އުފުލާލުމަށް ގާތް ގަނޑަކަށް މިވަނީ ހަތް ވަރަކަށް މިނިޓަށް ވެފައި.

17:45

'77- ވެލެންސިއާއިން ބަދަލެއް. ރިލޭގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ހަމްދާން.

17:42

'75- މާޒިޔާގެ އޭރިޔާ ތެރެއިން ކޮވެސެވިޗްއަށް ކުރި ފައުލަކާ ގުޅިގެން ރިލޭއަށް ރީނދޫ ކާޑެއް ދައްކައިފި.

17:38

އަސައްކޮ އެލަނޑު ކާމިޔާބުކުރީ ހިލޭ ޖެހުމަކުން ރަކިޗް އުފެއްދި ހަމަލާ، ވެލެންސިއާގެ ވޯލްގައި ތިބި ކުޅުންތެރިން ގައިގައި ޖެހިފައި ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅައަކުން.

17:38

'70- މާޒިޔާއިން ލަނޑެއްޖަހައި ލީޑު ހޯދައިފި. މާޒިޔާއަށް އެލަނޑު ކާމިޔާބުކޮށްދިނީ އަސައްކޮ.

17:35

'68- މާޒިޔާއަށް ފުރުސަތެއް. އުމައިރު ދިން ރީތި ބޯޅައަކުން ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރޭ ހުރެފައި އާއްކޮ އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފައި.

17:27

'60- މާޒިޔާއަށް ލިބުނު ހިލޭ ޖެހުމަކުން ރަކިޗް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑި ކައިރިން ބޭރަށް.

17:17

'50- އަސައްކޮ ދިންް ބޯޅަ ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރަށް ލިބުމުގެ ކުރިން ކީޕަރު ފައިސަލް ހޯދައިފި.

17:14

'46- ވެލެންސިއާއިން ބަދަލެއް. ތަޝްމީންގެ ބަދަލުގައި ކުޅެން ނުކުތީ އިބްރާހިމް ހަމްދާން.

17:12

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ މާޒިޔާއިން.

16:55

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެން.

16:54

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ގޮތުގައި އެއް މިނެޓްގެ ކުޅުން ދައްކައިފި.

16:47

'38- ވެލެންސިއާގެ އޭރިޔާ ތެރެއިން ޕްރިންސްއަށް ކުރި ފައުލަކާ ގުޅިގެން މާޒިޔާގެ އަޑުބަރޭއަށް ރީނދޫ ކާޑެއް ދައްކައިފި.

16:41

'32- އަސައްކޮ ދިން ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އުމައިރު ފޮނުވާލި ހަމަލާ، ޝާފީ ގައިގައި ޖެހި ބްލޮކްވެއްޖެ.

16:31

'22- ޔާމްބެއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ޔަޝްފާދު ހަބީބު ކުޅެން އަރުވައިފި.

16:26

'17- ކޯނަރެއްގެ ތެރެއިން އެންޑީއަށް ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައިން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިން ބޭރަށް.

16:23

'14- އަސައްކޮއަށް ލިބުނު ބޯޅައެއް ހިފައިގެން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަނުމަށްފަހު އުފެއްދި ހަމަލާ، ގޯލާ އަމާޒުވާގޮތެއް ނުވި.

16:13

4' މާޒިޔާއަށް ފުރުސަތެއް. ރީބައުންސް ބޯޅައަކުން ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އަސައްކޮ އުފެއްދި ހަމަލާ، ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ.

16:09

މެޗުގެ ކުޅުން ފަށައިފި. ކިކްއޯފް ކުރީ ވެލެންސިއާއިން.

16:08

މާޒިޔާ އަކީ ވޭތުވެދިޔަ ހަތަރު އަހަރު ވެސް ޗެރިޓީ ޝީލްޑްގައި ވާދަކޮށްފައިވާ ޓީމެއް. މިދިޔަ ހަތަރު ސީޒަންގައި އަނެއްކޮޅުން ވާދަކޮށްފައި ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް. އޭގެ ތެރޭން ފުރަތަމަ ދެއަހަރު ޝީލްޑް ހޯދީ ނިއުއިން. އަދި ޖެހިގެން އައި ދެފަހަރު މާޒިޔާ. މިއީ މާޒިޔާއަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޝީލްޑް އުފުލައިލާން ލިބޭ ފުރުސަތެއް.

16:00

ވެލެންސިއާގެ ފުރަތަމަ 11:

  • މުހައްމަދު ފައިސަލް - ގޯލްކީޕަރު
  • މުހައްމަދު ސިފާން (ކުޑައްޓޭ)
  • އަހްމަދު ވިސާމް
  • އަހްމަދު ރިލްވާން (ރިލޭ)
  • ޔޫސުފް ރަމީޒް (ރަމީ)
  • އޮމޮދޫ ގޮޑްފްރޭ ވެސްޓް
  • ހުސައިން ނިހާން
  • މުހައްމަދު ތަޝްނީމް
  • ޗިންޑާ ޗިނޮންޔޭ ޕްރިންސް
  • ޗިޒީ ޗިންޑާ ކަކާ
  • ޝާފިއު އަހްމަދު (ޝާފީ) - ކެޕްޓަން
15:56

މާޒިޔާގެ ފުރަތަމަ 11:

  • ޕަވެލް މަޓިއާޝް - ގޯލްކީޕަރު
  • މިލޮސް ކޮވަސެވިޗް
  • އަމްދާން އަލީ (އެންޑީ)
  • އަންދްރޭ އަލެކްސެންޑްރޫ ކޯޑޯސް
  • އަހްމަދު އިމާޒް (އާއްކޮ)
  • އަސަދުﷲ އަބްދުﷲ (އަސައްކޮ) - ކެޕްޓަން
  • އެލެކްސެންޑާ ރަކިޗް
  • އަޝްއަދު އަލީ (އަޑުބަރޭ)
  • މޫސާ ޔާމިން (ޔާމްބެ)
  • ގާސިމް ސައްމާމް
  • މުހައްމަދު އުމައިރު