ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗު ކޮށްފި

ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކުރުން: މި ވެބްސައިޓު ލޯންޗު ކޮށްދެއްވީ ޝީޝާގެ ތިން ޑިރެކްޓަރުން -- ސަން ފޮޓޯ/މުހައްމަދު އަފްރާހު

ހޮންޑާގެ ޕްރޮޑަކްޓްސް ގަތުމަށް އޮންލައިންކޮށް އެދެވޭ ޚިދުމަތާއި ގިނަ ފަސޭހަތަކަކާ އެކު، ޝީޝާއިން ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު އިފްތިތާހު ކޮށްފިއެވެ.

ޝީޝާއަކީ ރާއްޖޭގައި ހޮންޑާ ބްރޭންޑްގެ ޕްރޮޑަކްޓްސްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކޮށްދެއްވީ ޝީޝާގެ ބޯޑުގެ މެމްބަރުން، ޝީޝާގެ ތިން ބެއިން ޗެއާމަން އަހްމަދު ހަސަން މަނިކު، ސީއީއޯ އިބްރާހިމް ހުޝާމް އަދި ޑިރެކްޓަރު ހުސައިން ހުޝާމެވެ.

ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓާ ބެހޭގޮތުން، ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން ވިދާޅުވީ ހޮންޑާ މޯލްޑިވްސް ވެބްސައިޓު ޑިޒައިންކޮށްފައި ވަނީ ހޮންޑާގެ ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަކަށް ބަލާފައި ކަމަށެވެ.

ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/މުހައްމަދު އަފްރާހު

ހޮންޑާ މޯލްޑިވްސް ވެބްސައިޓުގައި ހިމެނޭ ފީޗަރތަކުގެ ތެރޭގައި، ރާއްޖޭގައި ވިއްކާ ހޮންޑާ ސައިކަލުތައް އެކި އޭންގަލްތަކުން ބަލާލުމާއި، ސްޕެސިފިކޭޝަންތައް ބަލާލުން ހިމެނެއެވެ. މީގެ އިތުރުން ދެ ސައިކަލެއް އަޅާ ކިޔާލުމަށް ފަސޭހަ ކޮމްޕެރިޝަން ފީޗާއެއްވެސް ވެބްސައިޓުގައި ހިމެނެއެވެ.

އޭގެ އިތުރުން ގަންނަން އިޚްތިޔާރުކުރާ ސައިކަލަކަށް ފައިސާ ދައްކާލެވޭނެ އިންސްޓޯލްމެންޓް ޕްލޭންތައް ކަލްކިއުލޭޓް ކޮށްލެވޭނެއެވެ. އެގޮތުން، ޑައުންޕޭމެންޓަށް ދައްކާނެ ފައިސާއާއި، އިންސްޓޯލްމެންޓް މުއްދަތު އަމިއްލައަށް އިޚްތިޔާރުކޮށް، ހިތްހަމަޖެހޭ ޕްލޭނަކައިގެން، ސައިކަލު އިންސްޓޯލްމެންޓުގެ އޮންލައިން ފޯމު، ވެބްސައިޓު މެދުވެރިކޮށް ހުށަހެޅޭނެއެވެ.

"މި އިންޓެރެކްޓިވް ފޯމަކީ ކަސްޓަމަރުންނަށް ވަގުތުވެސް ސަލާމަތް ކޮށްދޭނެ ކަމެއް. އަޅުގަނޑުމެންގެ ޝޯރޫމަށް އައިސް ފޯމު ހުށަހެޅުމަށް ވުރެ، އޮންލައިންކޮށް ފިލް ކޮށްލާފައި ސަބްމިޓް ކޮށްލުމަށް މާ ފަސޭހަވާނެ،" ޝީޝާގެ ހެޑް އޮފް މާކެޓިންގް ޖުމާން ވިދާޅުވިއެވެ.

ވެބްސައިޓުގައި ހިމެނޭ އެހެން ޚާއްސަ ފީޗާއަކަށް ބަލާއިރު، "އެކްސް ބައިކްސް" ނުވަތަ ކުރިން ބޭނުންކޮށްފައިވާ ސައިކަލު ވިއްކާ ބާޒާރެއް ހިމެނެއެވެ. އެކްސް ބައިކްސްގެ ގޮތުގައި ހޮންޑާގެ ވެބްސައިޓުގައި ޖަހައިގެން ވިއްކާނީ، ހޮންޑާ މޯލްޑިވްސްގެ މެކޭނިކުން ބަލައި، ސެޓިފައި ކޮށްފައި ހުންނަ ސައިކަލުތަކެވެ. އެ ސައިކަލުތަކުގެ އިންޗީނާއި ބޭރުފުށަށް ފެންނަން ހުރި ގޮތް، ދުއްވާފައިވާ މައިލޭޖް އަދި އެ ސައިކަލު ވިއްކާ އަގު ފަދަ މައުލޫމާތު، ވެބްސައިޓުގައި ހުރެއެވެ.

ސައިކަލުގެ އިތުރުން، ހޮންޑާ މޯލްޑިވްސްއިން ވިއްކާ ހޮންޑާގެ އިންޖީނާއި ވޯޓާ ޕަމްޕު ފަދަ ޕަވަރ ޕްރޮޑަކްޓްސްވެސް ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

comment ކޮމެންޓް