ޑރ. އަފްރާޝިމް އަލީގެ ބައްޕާފުޅު އަވަހާރަވެއްޖެ

ޑރ. އަފްރާޝީމް އަލީގެ ބައްޕާފުޅު އަލީ ޒާފިރު (މ): އުމުރުފުޅުން 78 އަހަރުގެ އަލީ ޒާފިރު ވަނީ މިއަދު ރ. އުނގޫފާރު ހޮސްޕިޓަލްގައި އަވަހާރަވެފައި -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ ބައްޕާފުޅު، އަލީ ޒާފިރު އަވަހާރަވެއްޖެއެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރ. އުނގޫފާރުގެ ކުރީގެ ކަތީބު، އުމުރުފުޅުން 78 އަހަރުގެ އަލީ ޒާފިރު އަވަހަރާވީ މިއަދު 10:05 ހާއިރު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި، މީގެ ހަތަރު ދުވަސް ކުރީން އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނިކޮށެވެ.

ޑރ. އަފްރާޝީމްގެ ބައްޕާފުޅު އަލީ ޒާފިރުު އުނގޫފާރުގެ ކަތީބުކަން ކުރައްވާފައި ވަނީ، 90ގެ އަހަރުތަކުގެ ތެރޭގައެވެ. އޭނާ އަކީ މީހުންނާ ގުޅޭ، މަޖާ މިޒާޖެއްގެ ބޭފުޅެކެވެ.

އާއިލާއިން މައުލޫމާތު ދޭގޮތުގައި، އަލީ ޒާފިރު ފަސްދާނުލުމަށް ހަމަޖެހިފައި ވަނީ މިއަދުގެ އަޞުރު ނަމާދަށް ފަހުއެވެ.

އަލީ ޒާފިރުގެ ދަރިކަލުން އަބްދުއް ނާސިރު އަލީ އަކީ އުނގޫފާރު ކައުންސިލްގެ ރައީސެވެ. އަދި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅިގެން ހުސްވި އުނގޫފާރު ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވައި އެ ދައުރު ނިމެންދެން އަލީ ޒާފިރުގެ ދަރިކަލުން އިބްރާހީމް އަމީން ވަނީ މެމްބަރުކަން ކުރައްވައިފައެވެ.

comment ކޮމެންޓް