Last Updated: 9 year 1 month ago

އެފްއޭކަޕް ފައިނަލް: ޓީސީ 1-3 ވެލެންސިއާ

  • ފައިނަލްގައި ވެލެންސިއާ ވާދަކުރާ 13 ވަނަ ފަހަރު
  • ފައިނަލްގައި ޓީސީ ވާދަކުރާ ފުރަތަމަ ފަހަރު
  • ވެލެންސިއާ ފައިނަލްގައި ވާދަކުރަނީ ހަތް އަހަރަށް ފަހު
ބުލޮގު ޚުލާސާ

އެފްއޭކަޕްގެ ފައިނަލްގައި ކްލަބު ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

މިރޭގެ މެޗަށް މި ދެޓީމު ނުކުންނައިރު:

  • މިހާތަނަށް މި މުބާރާތް 27 ފަހަރު ބާއްވާފައި ވާއިރު، ވެލެންސިއާ ވަނީ 12 ފަހަރު ފައިނަލްގައި ކުޅެފައި.
  • މިއީ ޓީސީ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު.
  • ވެލެންސިއާ ވަނީ، 4 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައި.
  • އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް އެ މުބާރާތުގެ ތަށި މިލްކުކުރީ، ޖެހިޖެހިގެން ތިން އަހަރު ފައިނަލްގައި 2-0ގެ ނަތީޖާއިން ވެލެންސިއާ ބަލިކުރުމަށް ފަހު. ނިއު ވަނީ، ޖުމުލަ 11 ފަހަރު މުބާރާތް ކާމިޔާބުކޮށްފައި.
  • 2007 ވަނަ އަހަރުގެ ފައިނަލްގައި، ނިއު އަތުން ބަލިވި ފަހުން (ނިއު ތަށި މިލްކު ކުރި އަހަރު) ވެލެންސިއާ މި މުބާރާތުގެ ފައިނަލަކަށް ނުދޭ.
23:18 އަޙްމަދު މުޖްތަބާ

ހަސަން އަދުހަމް (ސަޑޭ) ޖަހައިދިން ދެ ލަނޑާއެކު 3-1 ލަނޑުގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ބަލިކޮށް، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ކްލަބު ވެލެންސިއާއިން ހޯދައިފިއެވެ. އެފްއޭ ކަޕް ކާމިޔާބުކުރެވުމާއެކު ކްލަބު ވެލެންސިއާއަށް މިވަނީ، އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޖާގައެއް ކަށަވަރު ވެފައެވެ.

މުޅިން އަލަށް އެފްއޭ ކަޕްގެ ފައިނަލްގައި ވާދަކުރި ޓީސީ ސްޕޯޓްސް އާއި، ފައިނަލްގައި 13 ވަނަ ފަހަރަށް ވާދަކުރި ކްލަބް ވެލެންސިއާ، ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗު ބަލަން، ގިނަ ބަޔަކު ދަނޑަށް ވަދެފައި ނުވި ނަމަވެސް، ދެ ޓީމުގެ ފަރާތުން ވެސް ވަނީ، ރީތި ކުޅުމެއް ދައްކައި، އިދިކޮޅު ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލައިފައެވެ.

ވެލެންސިއާއިން މެޗުގެ ލީޑު ނެގީ، 22 ވަނަ މިނިޓްގައެވެ. ހަސަން އަދުހަމް އެ ލަނޑު ކާމިޔާބުކުރީ ވެލެންސިއާގެ ކުޅުންތެރިއަކު ޓީސީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރީން ވެލެންސިއާއިން ވަނީ، ލީޑު ފުޅާކޮށްފައެވެ. މެޗުގެ 38 ވަނަ މިނިޓްގައި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ، ޓީސީގެ ޕެނަލްޓީ އެރިޔާ ތެރޭން ގޯލް ކުރިމައްޗަށް ރިލްވާން ނަގައިދިން ރީތި ހުރަހެއް، ހަމަ އެހާރީތިކޮށް، ގޯލްތެރެއަށް ފޮނުވާލައިގެން އަހްމަދު ނިހާނެވެ.

މެޗުގައި ފެނިގެން ދިޔަ ޓީސީގެ ހަމަ އެކަނި ލަނޑު 42 ވަނަ މިނިޓްގައި ޖަހައި ދިނީ، އަލީ ނާފިއުއެވެ. ނާފިއު އެ ލަނޑު ކާމިޔާބުކުރީ، ފުރަތަމަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ނާއިޒް ހަސަން، ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރޭން ޖައްސާލި ބޯޅަ ގޯލްގެ މެދަށް ފޮނުވާލައިގެންނެވެ.

ދެވަނަ ހާފްގައި ޓީސީން ވަރުގަދައަށް ކުޅެމުން ދަނިކޮށް، އަދުހަމް ވަނީ އަނެއްކާވެސް، ވެލެންސިއާ އަށް ދެލަނޑަށް ލީޑު ފުޅާކޮށްދީފައެވެ. އެ ލަނޑަކީ، ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހަތަރު ކުޅުންތެރީން ކައިރިން ނައްޓާލުމަށް ފަހު، ގޯލް ކީޕަރުވެސް ކަޓުވާލާފައި ސަޑޭ ކާމިޔާބުކުރި ލަނޑެކެވެ.

މިހާތަނަށް 28 ފަހަރު އެފްއޭ ކަޕް ބާއްވާފައިވާއިރު، މި މުބާރާތުގެ އެންމެ ކާމިޔާބު ކުލަބަކީ، 11 ފަހަރު މުބާރާތް ކާމިޔާބުކޮށް، އަދި ޖެހިޖެހިގެން ތިންފަހަރު (2005، 2006، 2007) މުބާރާތް ކާމިޔާބުކުރި ހަމަ އެކަނި ކްލަބު ކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.

ނިއުއިން ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރީ ވެސް ވެލެންސިއާ އާ ވާދަކޮށް 2-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އޭގެ ފަހުން ވެލެންސިއާ އެފްއޭކަޕްގެ ފައިނަލްގައި ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ. އަދި އެ ކްލަބުން އެފްއޭކަޕް ކާމިޔާބުކުރި މިއީ ފަސްވަނަ ފަހަރެވެ. (1988, 1995, 1999, 2004، 2016). އެހެންކަމުން ވެލެންސިއާ މިހާރު ވެގެން ގޮސްފައި ވަނީ މި މުބާރާތުގެ ދެވަނައަށް އެންމެ ކާމިޔާބު ކުލަބުގެ ގޮތުގައެވެ.

އެފްއޭކަޕް ޗެމްޕިއަންސް:

  • ނިއުރޭޑިއަންޓް، (11 ފަހަރު)
  • ވެލެންސިއާ (5 ފަހަރު)
  • ވިކްޓަރީ ސްޕޯޓްސް ކްލަބް (4 ފަހަރު)
  • ވީބީ އައްޑޫ އެފްސީ (4 ފަހަރު)
  • ކްލަބް ލެގޫންސް (2 ފަހަރު)
  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން (2 ފަހަރު)
22:59

ފައިނަލް މެޗު ނިމިއްޖެ.

22:57

އިތުރު ވަގުތުގެ 5 މިނިޓް ކުޅެވިއްޖެ. ވެލެންސިއާއިން ބަދަލެއް. އަދުހަމްގެ ބަދަލުގައި ކުޅެން އެރީ ޔޫސުފް ރަމީޒް.

22:53

މެޗުގެ ފުރިހަމަ ވަގުތު ހަމަވެއްޖެ. މިހާރު ކުރިއަށް ދަނީ އިތުރު ވަގުތުގެ ކުޅުން.

22:53

ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބާރު ހަމަލާ ކީޕަރު ފައިސަލް އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލީ.

22:52

"90- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާގެ ރޮނގު ކައިރިން ޓީސީއަށް ހިލޭހުމެއް.

22:50

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އެއް މިނިޓް ސިކުންތުކޮޅެއް.

22:49

"87- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން، ނާއިޒު ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލް މަތަކުރީ.

22:45

"83- ސެންޓޭއަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ގެއްލުނީ. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުރި ސެންޓޭއަށް އަލީ ނާފިއު ދިން ބޯޅަ، ހުސްކޮށް ހުރެ ފޮނުވާލަން ލިބުނު ނަމަވެސް ގޯލަށް ބޯޅަ ވައްދައެއް ނުލެވުނު.

22:43

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ، 9 މިނިޓް. ވެލެންސިއާ މިވަނީ 2 ލަނޑުގެ ލީޑެއް ހޯދާފައި.

22:33

"71- ވެލެންސިއާގެ ޕެނަލްޓީ އޭރިޔާގެ އަރިމަތިން، ބޭރުން އެޓީމުގެ ގޯލް އޭރިޔާ ތެރެއަށް ސެންޓޭ ނަގައިދިން ހުރަސް، އެޓީމުގެ ކުޅުންތެރިއަކަށް ލިބުމުގެ ކުރީން، ކީޕަރު ފައިސަލް ބޯޅަ މަތަކުރީ.

22:25

"64- ބޯޅަ ހޯދަން ފުންމައިގެން އެރިވަގުތު ޓީސީގެ ކުޅުންތެރިއެއްގެ ބޮލުގައި ވެލެންސިއާގެ ސިފާނުގެ މޫނު ޖެހި، ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ދަނޑުން ބޭރަށް ނެރެ ފަރުވާ ދީފި.

22:22

ވެލެންސިއާ ވަނީ، 4 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށްފައި.

22:19

އެފްއޭ ކަޕް 29 ވަނަ ފަހަރު ކުރިއަށް ދާއިރު، މިއީ މި މުބާރާތުގެ ފައިނަލްގައި ވެލެންސިއާ ވާދަކުރާ 13 ވަނަ ފަހަރު.

22:13

ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ، ހަތަރު ކުޅުންތެރީން ކައިރިން ނައްޓާލުމަށް ފަހު، ގޯލް ކީޕަރުވެސް ކަޓުވާލާފައި އަދުހަމް އެ ލަނޑު ކާމިޔާބުކުރީ.

22:12

"50- ވެލެންސިއާގެ ތިން ވަނަ ލަނޑު. މި ލަނޑު ކާމިޔާބުކޮށްދިނީ އަދުހަމް. މިއީ އަދުހަމް ގެ ދެވަނަ ލަނޑު.

22:07

ދެވަނަ ހާފްގެ ކުޅުން ފަށައިފި.

21:53

ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ. ޓީސީ 1-2 ވެލެންސިއާ.

21:50

ފުރަތަމަ ހާފްގެ 45 މިނިޓް ކުޅެވިއްޖެ. އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.

21:48

ނާފިއު އެ ލަނޑު ކާމިޔާބުކުރީ، ކުޑަ އިރުކޮޅެއް ކުރީން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، ނާއިޒް ހަސަން، ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރޭން ޖައްސާލި ބޯޅަ ގޯލްގެ މެދަށް ފޮނުވާލައިގެން.

21:47

"42- ޓީސީން ލަނޑު ޖަހައިފި. ލަނޑު ޖެހީ، އަލީ ނާފިއު

21:44

ޓީސީގެ ޕެނަލްޓީ އެރިޔާ ތެރޭން ގޯލް ކުރިމައްޗަށް ރިލްވާން ނަގައިދިން ރީތި ހުރަހެއް، ހަމަ އެހާރީތިކޮށް، ގޯލްތެރެއަށް ނިހާން ބޯޅަ ފޮނުވާލީ.

21:44

"38- ވެލެންސިއާ ދެވަނަ ލަނޑު ޖަހައިފި. ލަނޑު ޖެހީ ނިހާން.

21:35

"31- ޓީސީގެ ނިޒާމަށް އަނެއްކާވެސް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވީ. ވެލެންސިއާ ޕެނަލްޓީ އޭރިޔާ ތެރެއަށް ބޮންޑާ ޖައްސާލި ބޯޅަ ނިޒާމް ކޮންޓްރޯލް ކޮށްލާފައި ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތީން ބޭރަށް.

21:33

"27- ޓީސީގެ ހަމަލާއެއް. ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރޭން އަހްމަދު ނިޒާމް ފޮނުވާލި ބޯޅަ، ކީޕަރު ފައިސަލް މަތަކުރީ.

21:27

ވެލެންސިއާ ކުޅުންތެރިއަކު ޓީސީ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލް ތެރެއަށް ފޮނުވާލީ ހަސަން އަދުހަމް.

21:27

"22- ވެލެންސިއާ ލަނޑު ޖަހައިފި. ލަނޑު ޖަހައިދިނީ ހަސަން އަދުހަމް

21:21

މެޗުގެ ފުރަތަމަ 15 މިނިޓްގެ ކުޅުން ނިމުނު އިރު، ދެ ޓީމުން ވެސް މިވަނީ އިދިކޮޅު ގޯލަށް ނުރައްކާކޮށްފައި. ނަމަވެސް ނަތީޖާ ބަދަލުކޮށެއް ނުލެވޭ. ހާއްސަކޮށް ވެލެންސިއާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކޮށްލެވޭ.

21:16

"11 - ޓީސީއަށް ލަނޑު ޖަހާނޭ ރަނގަޅު ފުރުސަތެއް. ސެންޓޭ ވަރަށް ރީތިކޮށް ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ވަދެ އެޓީމުގެ ދެ ޑިފެންޑަރުން ކަރިން ނައްޓާލާފައި ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރި. އެހެން ނަމަވެސް ވެލެންސިއާގެ ޑިފެންޑަރެއްގެ ގައިގަ ޖެހިފައި ބޯޅަ މަތަވީ. އޭނާގެ އަތުގައި ބޯޅަ ޖެހުނު ކަމަށް ބުނެ ސެންޓޭ ޕެނަލްޓީއަކަށް ވެސް އެޕީލްކުރި.

21:14

"9- ވެލެންސިއާގެ ނުރައްކާތެރި ހަމަލާއެއް. ޓީސީގެ ޕެނަލްޓީ އޭރިޔާ ތެރޭން ކަކާއަށް ލިބުނު ބޯޅަ އޭނާ ވަރަށް ބާރަށް ގޯލަށް ފޮނުވާލި. އެހެން ނަމަވެސް ގޯލްގެ މަތީ ކަނުގައި ޖެހިފައި ބޭރަށް ނުކުތީ.

21:13

"8- ސެންޓޭ ވަރަށް ބާރަށް ވެލެންސިއާގެ ޕެނަލްޓީ އޭރިޔާ ބޭރު ރޮނގު ކައިރިން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް.

21:12

"7- ކަކާއަށް ޓީސީ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް، ކީޕަރު އިމްރާން ވަނީ ހުޝިޔާރުކަމާއެކު ބޯޅަ ދިފާއުކޮށްފައި.

21:06

މެޗު ފެށީ ކްލަބު ވެލެންސިއާއިން.

21:05

މެޗު ފަށައިފި.

21:04

ކްލަބު ވެލެންސިއާ މިފަހަރުގެ އެފްއޭ ކަޕްގެ ފައިނަލަށް ދަތުރުކުރީ، ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޔުނައިޓެޑް ވިކްޓަރީ 2-1ގެ ނަތީޖާއަކުން ބަލިކޮށްގެން.

21:04

އެފްއޭ ކަޕްގެ ފައިނަލްގައި މުޅިން އަލަށް ވާދަކުރާ ޓީސީން ފައިނަލްގެ ޖާގައެއް ހޯދާފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ކްލަބުކަމަށްވާ ނިއު ރޭޑިއަންޓް، ސެމީގެ ފުރަތަމަ މެޗުގައި 3-0 ލަނޑުން ބަލިކުރުމަށް ފަހު.

21:04

ކްލަބު ވެލެންސިއާގެ ފުރަތަމަ 11:

  • މުހައްމަދު ސިފާން
  • އަހްމަދު ރިލްވާން
  • ހުސައިން ނިހާން
  • އަކްރަމް އަބްދުލް ޣަނީ
  • ހަންސްލީ އަވިލޯ
  • މުހައްމަދު އާރިފް
  • ޗިޒީ ކަކާ ޗިންޑާ
  • ހިސާމް ސަލީމް
  • ހަސަން އަދުހަމް
  • މުހައްމަދު ފައިސަލް (ގޯލްކީޕަރު)
  • ޝާފިއު އަހްމަދު

ބަދަލު ކުޅުންތެރީން:

  • އަބްދުއްރަޝީދު މާހިރު
  • ޔޫސުފް ރަމީޒް
  • އެންޖެލް މުނޯޒް
  • މުހައްމަދު ފުހައިދު
  • މުހައްމަދު ފަރުހާން
  • އައްޒާމް އަބްދުﷲ
  • އިސްމާއިލް ޒާން އާމިރު
  • ހުސައިން ފައިސަލް

ކޯޗް: މުހައްމަދު އިގްބާލު

21:01

ޓީސީ ސްޕޯޓްސް ކްލަބުގެ ފުރަތަމަ 11:

  • ކުޑޫސް އޮމަލަޑޭ ކެލަނީ
  • އަހްމަދު އަބްދުﷲ
  • މުރުޠަލާ އަދުނާން
  • އަލީ ފާސިރު
  • ޝަމްވީލް ގާސިމް (ކެޕްޓަން)
  • މުހައްމަދު އައްޒާމް
  • ޢަލީ ނާފިއު
  • އަހްމަދު ނިޒާމް
  • އަހްމަދު ރިލްވާން
  • މުހައްމަދު އިމްރާން (ގޯލްކީޕަރު)
  • މުހައްމަދު ޝައްފާޒް

ބަދަލު ކުޅުންތެރީން:

  • އަލީ ހާފިޒް
  • ޔާމީން އިބްރާހީމް
  • އަހްމަދު ފައްރާހް
  • މުހައްމަދު މާޒިން
  • ނާއިޒް ހަސަން
  • އަބްދުﷲ ފަޔާޒް
  • މުހައްމަދު އަޖްފާން
  • މުހައްމަދު އިންޝާދު
  • އިބްރާހީމް ވަހީދު ހައްސާން

ކޯޗް: މުހައްމަދު ނިޒާމް