ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އދ. އިން ހޮވި ޒުވާނުންގެ ތެރޭގައި ސަފާތު

އެސްޑީޖީގެ ޒުވާން ލީޑަރުންގެ ބައެއް ޒުވާނުންނާ އެކު ސަފާތު -- ފޮޓޯ/ ޔޫއެން ޔޫތު އެންވޯއީގެ އޮފީސް

ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި އދ.ގެ މެމްބަރު ގައުމުތަކުގެ ތެރެއިން ހޮވި 17 ޒުވާނުންގެ ތެރޭގައި ރާއްޖޭގެ ސަފާތު އަހްމަދު ޒާހިރު ހިމެނިއްޖެ އެވެ.

ސަފާތުއަކީ އިނގިރޭސި ރާނީ ދެއްވާ ޒުވާން ލީޑަރު އެވޯޑު (ކުއީންސް ޔަންގް ލީޑަރސް) ވެސް މި އަހަރު ހާސިލުކުރި ޒުވާނެކެވެ.

އދ.ގެ އާންމު މަޖިލީސް ނިއު ޔޯކްގައި މިހާރު ކުރިޔަށް ދާ އިރު، އދ. އިން ވަނީ ސާސްކަފުގެ ލަނޑުދަނޑިތަކުގެ ތެރެއިން، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ފުރަތަމަ ފަހަރަށް ޒުވާން ލީޑަރުންތަކެއް ހޮވައިފަ އެވެ. ދުނިޔޭގެ އެކި ގައުމުތަކުން 18،000 ޒުވާނަކު މި ޓީމުގައި ހިމެނުމަށް އެޕްލިކޭޝަން ފޮނުވި އެވެ.

އދ. އިން ބުނާ ގޮތުގައި ސަސްޓޭނަބަލް ޑިވެލޮޕްމެންޓް ގޯލްސް (އެސްޑީޖީ)ގެ ޒުވާން ލީޑަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި، އދ.ގެ ސެކްރެޓެރީ ޖެނެރަލް އައްޔަނު ކުރައްވާ ޒުވާނުންގެ މަންދޫބުގެ އޮފީހާ އެކު، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކާ މެދު ޒުވާނުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ. އަދި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޒުވާނުންނަށް ބާރު އަޅައި މަސައްކަތް ކުރަން ޖެހެ އެވެ.

ސަފާތުގެ އިތުރުން މި 17 ޒުވާނުންގެ ތެރޭގައި އިންޑިއާ، ޔޫކޭ، ކެންޔާ، ޑޮމިނިކަން ރިޕަބްލިކް، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، އިރާޤު، މެލޭޝިއާ، ކޮލޮމްބިއާ، އެމެރިކާ، ބަންގްލަދޭޝް، ޔޫގަންޑާ އަދި މެކްސިކޯ ފަދަ ގައުމުތަކުން ޒުވާނުން ހިމެނެ އެވެ.

އދ.ގެ ޒުވާން ލީޑަރެއްގެ ގޮތުގައި ސަފާތު ހަމަޖައްސާފައި ވަނީ، އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް، އަންހެނުން ބާރުވެރިކުރުމަށް އޭނާ ކުރަމުން އަންނަ މަސައްކަތަށް ބަލައިފަ އެވެ.

ސަފާތު މީގެ ކުރިން ވަނީ، ކޯޕަރޭޓް ބޯޑުތަކާއި އިގްތިސާދީ މަސައްކަތުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް މަސައްކަތް ކުރާ "ވިމެން އޮން ބޯޑްސް" ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކޮށްފަ އެވެ.

ވިމެން އޮން ބޯޑްސްއިން ދަސްވި ކަންކަމާ އެކު، ސަފާތު މިހާރު ދަނީ ސިޔާސަތު އެކުލަވާލުމާއި ނިންމުމުގެ ލެވެލްގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި "ވިމެން އެންޑް ޑިމޮކްރަސީ"ގެ ނަމުގައި ޖަމިއްޔާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް