ރާއްޖެއަށް ބެސްޓް ބީޗު ޑެސްޓިނޭޝަން އެވޯޑު އިޓަލީއިން ދީފި

އިޓާލިއާ ޓްރެވަލް އެވޯޑްސްއިން ރާއްޖެއަށް ލިބުނު އެވޯޑާ އެކު ކޮންސުލް ޖޯޖިއާ މަރާޒީ -- ފޮޓޯ/އެމްއެމްޕީއާރުސީ

ފަތުރުވެރިކަމުގެ ދާއިރާގައި އިޓަލީއިން ދޭ އެންމެ ޝަރަފުވެރި އެވޯޑު، އިޓާލިއާ ޓްރެވަލް އެވޯޑްސްގެ، އެންމެ މަގުބޫލު ބީޗު ޑެސްޓިނޭޝަން އެވޯޑު ދިވެހިރާއްޖެއަށް ލިބިއްޖެ އެވެ.

އިޓާލިއާ ޓްރެވަލް އެވޯޑްސް 2016 ބާއްވާފައި ވަނީ މެއި 26 ވަނަ ދުވަހު، އިޓަލީގެ ރޯމްގަ އެވެ.

ރާއްޖެއަށް ބެސްޓް ބީޗު ޑެސްޓިނޭޝަންގެ އެވޯޑު ލިބުނީ، ޕެސިފިކް ޖަޒީރާ ޕޮލިނޭޝިއާ، އަދި އިންޑިއާ ކަނޑުގެ ޖަޒީރާ ސީޝެލްސްއާ ވާދަ ކޮށެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ، އިޓަލީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސަލް ޖޯޖިއާ މަރާޒީ އެވެ.

އިޓާލިއާ ޓްރެވަލް އެވޯޑްސްގައި، ރާއްޖެ ވަނީ އެހެން ދާއިރާއަކުން އެވޯޑަކަށް ނޮމިނޭޓު ވެސް ވެފަ އެވެ. އެގޮތުން، އެންމެ މަގުބޫލު ހޮޓެލް ނުވަތަ ރިސޯޓުގެ އެވޯޑަށް ރާއްޖޭގެ ޕާމް ބީޗު ރިސޯޓް އެންޑް ސްޕާ ނޮމިނޭޓުވި އިރު، އެ އެވޯޑު ލިބިފައިވަނީ ހިލްޓަން ވޯލްޑްވައިޑް ހޮޓެލްސް އެންޑް ރިސޯޓްސް އެވެ.

އެމްއެމްޕީއާރުސީއިން ބުނި ގޮތުގައި، އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. ރާއްޖެއަށް 1972 ވަނަ އަހަރު ފަތުރުވެރިކަން ތައާރަފު ކުރި އިރު، ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރި ފަތުރުވެރިންނަކީ އިޓަލީގެ ރައްޔިތުންނެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި އިޓަލީއިން 27،167 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މިދިޔަ އަހަރާ އަޅާ ބަލާއިރު، މިއީ 4.5 ޕަސަންޓުގެ އިތުރުވުމެކެވެ.

comment ކޮމެންޓް