ދައުލަތަށް ޓެކްސް އާއި ޑިވިޑެންޑްގެ ގޮތުގައި 300 މިލިޔަން ރުފިޔާ ދެވޭނެ: ބީއެމްއެލް ސީއީއޯ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި އެބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވަހަކަ ދައްކަވަނީ -- ސަން ފޮޓޯ/މާހިލް މުހައްމަދު

ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ހިއްސާގެ ފައިދާގެ ގޮތުގައި، މި އަހަރު ދައުލަތަށް 300 މިލިޔަން ރުފިޔާ ދައްކާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވެއްޖެ އެވެ.

ކުރުނބާ މޯލްޑިވްސް ރިސޯޓުގައި މިރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން، ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލަކީ ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އަދަދެއް ދައްކާ ކުންފުނި ކަމަށެވެ. އެގޮތުން، އެހެން ކުންފުނިތަކުން ދައުލަތަށް 15 ޕަސަންޓު ޓެކްސް ދައްކާ އިރު، ބީއެމްއެލްއިން 25 ޕަސަންޓު ޓެކްސް ދައްކާ ކަމަށް ހީލީ ވިދާޅުވި އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ވަނީ ޖުމްލަ 91.4 މިލިޔަން ރުފިޔާ އެވެ. އެއީ ހިއްސާއަކަށް 17 ރުފިޔާ އެވެ. ބޭންކުގެ ބޯޑުން ހުށަހެޅި އެ ގޮތް، ބޭންކުގެ ހިއްސާދާރުންގެ އަގުލަބިއްޔަތުން ވަނީ ފާސް ވެފަ އެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ، ބޭންކުގެ ބޯޑުން ހުށަހެޅި ގޮތަށް ހިއްސާ ބެހުމަށް ފާސްވެއްޖެ ނަމަ، އެ ބޭންކުން ދައުލަތަށް ހިއްދާގެ ފައިދާ ނުވަތަ ޑިވިޑެންޓްގެ ގޮތުގައި، ފައިދާގެ ތިންބައި ކުޅަ އެއްބަޔަށް ވާ ވަރު ދައްކާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 300 މިލިޔަން ރުފިޔާ އެވެ.

އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްގެ ޚިދުމަތް ތަރައްގީ ކޮށް، ގިނަ ބަޔަކާ ހަމައަށް ބީއެމްއެލްގެ ޚިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ އިރު، ކަސްޓަމަރުން ވެސް ބީއެމްއެލްގެ ޚިދުމަތްތަކަށް އެދެމުންދާ ކަމަށެވެ.

"މިިދިޔަ އަހަރު އެކަނި ވެސް 15،000 އާ ކަސްޓަމަރުން ލިބި، ގާތްގަނޑަކަށް ޖުމްލަ 265،000 ކަސްޓަމަރުން އަޅުގަނޑުމެންގެ އެބަ ތިބި. އަޅުގަނޑުމެން މި ދަނީ، ރާއްޖޭގެ ގާތްގަނޑަކަށް ކޮންމެ އާއިލާއެއްގެ ހަޔާތަށް ފައިދާތަކަކާއި ފަސޭހަތަކެއް ފޯރުކޮށްދެމުން،" ހީލީ ވިދާޅުވި އެވެ.

comment ކޮމެންޓް