"ސާތު ނިބާނާ ސާތިޔާ"ގެ ކާސްޓަށް ބޮޑު ބަދަލެއް، އެހެމް އަދި ގޯޕީވެސް ޝޯ ހުއްޓާލައިފި

އެހެމް އާއި ގޯޕީ. ދެމީހުން ވަނީ ޝޯވ އިން ވަކިވާން ނިންމާފައި --

"ސާތު ނިބާނާ ސާތިޔާ" އަކީ ދިވެހި އަންހެންވެރިންގެ މެދުގައި ވަރަށް މަގުބޫލު ހިންދީ ޑްރާމާ ސިލްސިލާ އެކެވެ. ޝޯގެ ނަން ނޭނގުނު ނަމަވެސް "އެހެމް ދިކްރާ" އަދި "ގޯޕީ ބަހޫ" އަކީ ހަމަގައިމުވެސް ގިނަ ދިވެހިންނަށް އާ ނަންތަކަކަށް ނުވާނެ އެވެ.

މިފަހަރު މި އޮތީ އެ މަގްބޫލު ޝޯގެ ބެލުންތެރިންނަށް ހިތާމަވެރި ހަބަރެކެވެ. ފަހަރުގައި އެ ޑްރާމާ ސިލްސިލާގެ ސަބަބުން ފުޓުބޯޅަ މެޗުތައް ގެއްލޭ ފިރިހެން ވެރިންނަށް އުފާވެރި ހަބަރަކަށް ވެދާނެ އެވެ.

ސާތިޔާގައި "އެހެމް މޯދީ" ގެ ރޯލުން ފެނިގެންދާ މުހައްމަދު ނާޒިމް ވަނީ އެ ޝޯ އިން ވަކިވާން ނިންމައިފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ސްޓާ ޕްލަހުން ދައްކަން ފެށި ސާތިޔާ ކުޅުން ހުއްޓާލަން ނާޒިމް ނިންމާފައި ވަނީ ޒުވާން އުމުރުގައި ކާފައެއްގެ ރޯލު ކުޅެން ބޭނުން ނުވާތީ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެ އެވެ.

އެހެމްގެ ރޯލުން ފެނިގެންދާ ނާޒިމް. 30 އަހަރުގައި ކާފައެއްގެ ރޯލު ކުޅެން ބޭނުން ނޫން ކަމަށް ބުނެ ވަނީ ޝޯ ދޫކޮށްލާފައި --

ސާތިޔާއަށް މިހާރު ހަ އަހަރު ފުރިފައިވާ އިރު، އެއީ ސްޓާ ޕްލަހުން ދައްކާ ޝޯ ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބަލާ އެއް ޝޯ އެވެ. އަދި "އެހެމް" އަކީވެސް ބެލުންތެރިން ވަރަށް ލޯބިވާ ކެރެކްޓަރަކަށް ވަނީ ވެފަ އެވެ.

"އަހަންނަށް އަދި އެންމެ 30 އަހަރު. މި އުމުރުގައި ކާފައެއްގެ ރޯލު ކުޅެން އަހަރެން ބޭނުމެއް ނޫން. އެހެންވެ ޝޯ އިން ވަކިވީ،" އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނާޒިމް ބުނެފައިވެ އެވެ.

ބައެއް ހަބަރުތައް ބުނާގޮތުން ނާޒިމް ޝޯ ހުއްޓާލީ ޕަންޖާބީ ފިލްމަކުން ފުރުސަތު ލިބުމުންނެވެ. ނަމަވެސް އެކަމާ ގުޅިގެން ނާޒިމް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނާޒިމް ޝޯ އިން ވަކިވެފައި ވީނަމަވެސް، ކުރިއަށް އޮތް ދެ ހަފްތާގައި ދައްކާ އެޕިސޯޑު ތަކުން "އެހެމް" ފެނިގެންދާނެ އެވެ. ހަބަރުތައް ބުނާގޮތުން، އެހެމް ޝޯ ހުއްޓާލުމުން، ޝޯ އުފައްދާ ފަރާތްތަކުން ވަނީ "އެހެމް" ގެ ކެރެކްޓާ މަރާލަން ނިންމައިިފަ އެވެ.

ގޯޕީގެ ރޯލުން ފެނިގެންދާ ޑެވޮލީނާ ވެސް ވަނޯ ޝޯ އިން ވަކިވާން ވަނީ ނިންމާފައި--

ނާޒިމްގެ އިތުރުން، ޝޯގެ އަންހެން ލީޑު، އަދި "ގޯޕީ" ގެ ރޯލުން ފެނިގެންދާ ޑެވޮލީނާވެސް މިހާރު ވަނީ ޝޯ އިން ވަކިވާން ނިންމައިފަ އެވެ. "ގޯޕީ" ގެ ރޯލަކީ މީގެ ކުރިންވެސް ބަދަލުވެފައިވާ ރޯލެކެވެ.

ޝޯ ފެށިގެން އައި އިރު "ގޯޕީ" ގެ ރޯލުން ފުރަތަމަ ފެނިގެން ދިޔައީ ގިއާ މަނެކް އެވެ.

ގޯޕީގެ ރޯލުން އެންމެ ފުރަތަމަ ފެނިގެން ދިޔަ ގިއާ --

އެހެމް އާއި ގޯޕީގެ އިތުރުން ދެން ޝޯ އިން ވަކިވާން ނިންމާފައި ވަނީ ސާތިޔާގައި އެހެމްގެ ކޮއްކޮ "ޖިގަރު މޯދީ"ގެ ރޯލުން ފެނިގެންދާ ވިޝާލް ސިން ވެސް ޝޯ ދޫކޮށްލަން ނިންމާފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ޖިގަރުގެ ރޯލުން ފެނިގެންދާ ވިޝާލް. ފިލްމީ ކެރިއަރަށް ވަގުތު ދިނުމަށް ސާތިޔާ އިން ވަކިވާން ވަނީ ނިންމާފައި --

ވިޝާލް ޝޯ ދޫކޮށްލާފައި ވަނީ ފިލްމު ކެރިއަރަށް ވަގުތު ދިނުމަށެވެ. ވިޝާލްގެ ފުރަތަމަ ބޮލީވުޑު ފިލްމް "ޓްރެފިކް" މިހާރު އަންނަނީ ސިނަމާ ތަކުގައި ދައްކަމުންނެވެ. އެ ފިލްމަށް އެކަށީގެންވާ ވަރުގެ ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

comment ކޮމެންޓް