Last Updated: 9 year 12 month ago

ރައީސްގެ އަނބިކަނބަލުންގެ މައިބަދައިގެ ހަތަރު ތަނެއްގައި ވަނީ ރެނދުލާފައި

ބުލޮގު ޚުލާސާ

ރައީސުލްޖުމްހޫރިއްްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސައުދީ އެރެބިޔާ އިން އެނބުރި މާލެ ވަޑައިގަން ލޯންޗުކޮޅުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އެ ހާދިސާ ހިނގީ އިއްޒަތްދީން ފާލަމަށް ރައީސްގެ ލޯންޗުކޮޅު ކައިރިކުރަނިކޮށެވެ. އަދި އެ ހާދިސާގައި ބައެއް މީހުން ވަނީ ހޮސްޕިޓަލްތަކަށް ގެންގޮސްފަ އެވެ.

ތަފްސީލް އަންނަނީ...

15:41

ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މައިބަދަ ވަނީ، ރެނދުލާފައި. އަދި ރައީސްގެ ޕްރޮޓްކޯލް ހެޑް، ފާތުމަތު ސޯލިހާއި ބޮޑީގާޑު އަބްދުއްނާސިރުގެ އަތާއި ފައި ވަނީ ފިހިފައި. ސަން އަށް އެނގިފައިވާ ގޮތުގައި ރައީސްގެ އަނބިކަނބަލުންގެ މައިބަދާގެ ހަތަރު ތަނެއްގައި ވަނީ ރެނދުލާފައި، އަދި ރެނދުލީ އެއްޗެއް ގޮވުމާ އެކު އެ ކަމަނާ އިދިފުށަށް ވެއްޓިވަޑައިގަތުމުން. ތިން ހަފްތާ ވަރު ބެޑް ރެސްޓް ކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައި.

14:24

ރައީސް ޔާމީން އާއި ނައިބު ރައީސް އަހްމަދު އަދީބާއި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި. އައިޖީއެމްއެޗުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ޔާމީން މިހާރު ވަނީ އެނބުރި ވަޑައިގެންފައި.

14:17

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ހާލުކޮށްޅު ބައްލަވައިލެއްވުމަށް އައިޖީއެމްއެޗަށް ޒިޔާރަތްކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އަނބިކަބަލުންގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަކަމަށް.

14:13

އައިޖީއެމްއެޗުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ޔާމީން އެނބުރި ވަޑައިގެންފި

ރައީސް ޔާމީން އައިޖީއެމްއެޗުން ފަރުވާހޯއްދެވުމަށްފަހު އެނބުރި ވަޑައިގަތުމަށް ކާރުކޮޅަށް އަރައިިވަޑައިގަންނަވަނީ ---- ސަން ފޮޓޯ: ފަޔާޒު މޫސާ
13:41

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ޓީމެއް ރައީސުލްޖުމްހޫރިއްޔާގެ ލޯންޗުކޮޅުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް.

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ
13:35

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓު އޮފް ޕޮލިސް، ހަމްދޫން ރަޝީދު ވިދާޅުވީ ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް އެމެރިކާ އާއި އޮސްޓްރޭލިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް

13:33

ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއްގޮއްވި ހާދިސާ ތަހުގީގު ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފުލުހުން އެދިއްޖެ

13:14

ރައީސް ޔާމީން ދަތުރުފުޅުކުރައްވަމުން ގެންދެވި ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ނުރައްކާތެރި ހާދިސާ މިހާރުން މިހާރަށް ތަހުގީގުކޮށް އެކަމުގައި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި

12:59

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން އިންނަވަނިކޮށް އެމަނިކުފާނުގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށާއި ޕީޕީއެމްގެ މެމްބަރުންނަށް ވަރަށް ބޮޑު ކަންބޮޑުވުމަކާ ނުތަނަވަސްކަމެއް ލިބިފައިވާ ކަމަށެވެ. އަދި އެކަން ދިމާވި ސަބަބެއް ބަލައި އެކަމުގެ އަވަސް ތަހުގީގެއް ހިންގަވައި އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތައް އެޅުމަށް ޕީޕީއެމް އިން ވަނީ ގޮވާލާފައެވެ.

11:49 މުޙައްމަދު ނާސިހް

'ސަން' އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ އެއްޗެއް ގޮވުމުގެ ހާދިސާގައި ރައީސްގެ ބޮޑީގާޑް އަބްދުއްނާސިރަށް ވަރަށް ބޮޑެތި އަނިޔާތައް ވެފައިވާ ކަަމަށެވެ. އެހެންނަމަވެސް އެ އަނިޔާތަކުގެ ތަފްސީލެއް ނުދެއްވެ އެވެ. އަބްދުއްނާސިރު ފުރަތަމަ ގެންދިޔައީ އެއާޕޯޓަށެވެ. އެހެންނަމެވެސް ފަހުން ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފަ އެވެ.

09:42 މުޙައްމަދު ނާސިހް

މެޑަމް ފާތުންއަށް ކުދި އަނިޔާތަކެއް ލިބިފައި

ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި މެޑަމް ފާތުންއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމަށް މިއަދު ހެނދުނު ދެއްވި އިންޓަވިއުއެއްގައި މުންދު ވިދާޅުވީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި ތިން މީހަކަށް އަނިޔާވި ކަމަށް. އޭގެ ތެރޭގައި މެޑަމް ފާތުންގެ އިތުރުން ރައީސް ޔާމީންގެ ބޮޑީގާޑު އަބްދުއްނާސިރާއި ރައީސް އޮފީހުގެ ޕްރޮޓޮކޯލްގައި ހިމެނިވަޑައިގަންނަވާ ފާތުމަތު ސާލިހަށް އަނިޔާވި ކަމަށް މުންދު ވިދާޅުވި.

އޭނާ ވިދާޅުވީ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް. ރައީސް ޔާމީން މިވަގުތު ގެންދަވަނީ އެމަނިކުފާނުގެ ގާނޫނީ ވާޖިބު އަދާ ކުރައްވަމުން ކަމަށް ވެސް ވިދާޅުވި.

09:02

ލޯންޗުގައި އެއްްޗެއް ގޮވި ހާދިސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ރައީސްގެ އަނބިކަނބަލުންނަށް ވެސް ސީރިއަސް ޒަހަމެއް ނުވަތަ އަނިޔާއެއް ނުވާ ކަމަށް އެނގިފައިވެ އެވެ. އަދި އެމްޑީއޭގެ ލީޑަރަށް ވެސް އެއްްވެސް ގެއްލުމެއް ނުވާ ކަމަށް އެެނގިފައިވެ އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

08:51 މުޙައްމަދު ނާސިހް

ސެޕްޓެމްބަރު 28، 2015: ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން ހުޅުލެއިން މާލެވަޑައިގަންނަވަނިކޮށް ލޯންޗުކޮޅުގައި އެއްޗެއްގޮވައި ހިނގި ހާދިސާގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާންއިއްޒުއްދީން ފާލަން ކައިރީގައި ހުރި ސަންގެ ރިޕޯޓަރު ބުނީ ބައެއް ބޭފުޅުން އޭޑީކޭ ހޮސްޕިޓަލަށާއި އަދި ސިފައިންގެ ހޮސްޕިޓަލް ސެނެހިޔާ އަށް ވެސް ގެންދެވި ކަމަށް.

08:50

އެ ހާދިސާގައި ރައީސްގެ އަނބިކަނބަލުންނަށް އަންނަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. ނަމަވެސް އެ އަނިޔާގެ ތަފްސީލެއް ނޭނގެ އެވެ. އެ ލޯންޗުކޮޅުގައި އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް އިންނެވި އެވެ.

08:48 މުޙައްމަދު ނާސިހް

ސަން އަށް މައޫލޫމާތު ލިބިފައިވާ ގޮތުގައި ބާރު އަޑުފައްގަނޑެއް އިވުމާ އެކު ދުންތަކެއް އެރި އެވެ. އަދި ލޯންޗުގެ ފަހަތަށް އިންނަ ދޮރުވެސް ބުރައިގެން ދިޔަ އެވެ.

ސެޕްޓެމްބަރު 28، 2015: ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ޔާމީން ހުޅުލެއިން މާލެވަޑައިގަންނަވަނިކޮށް ލޯންޗުކޮޅުގައި އެއްޗެއްގޮވައި ހިނގި ހާދިސާގެ ތެރެއިން ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން