ހާސް ތަރިތަކުގެ އަލީގައި 6

ހާސް ތަރިތަކުގެ އަލީގައި

"އިބްނު ތައިމިއްޔާ ރަހިމަހުﷲ ރިވާކުރެއްވިއެވެ. އެއްފަހަރު ސަލަފުންގެ ތެރެއިން ބޭފުޅަކާއި މީހަކު ސުވާލުކުރިއެވެ. އަހަރެމެން ގުރުއާން ކިޔަވަންވީ ކިހާވަރަކަށް ހެއްޔެވެ؟ އެބޭކަލަކު ވިދާޅުވިއެވެ. ތިބާ ހޯދަން އެދޭ އުފަލާއި އެއް މިންވަރަކަށެވެ."

***

"ޑޮކްޓަރަށް ދައްކަން ދާނީ..ފައިގާ ދުޅަތަނެއްވެސް އެބައޮތް...."ކާއިނާތު އެހެން ބުނުމުން ރާހާގެ އަޑު ވަކިން ބާރުވިއެވެ.

"ނޫން ނޫން ޕްލީޒް މަންމި ނުގެންދޭ. އައިމް އޯކޭ ނައު.. އެއީ ތަނެއްގައި ޖެހިފައި........"ބާރަށް ރޮއިފާ ރާހާގެ އަޑު މަޑުވިލެއް އެހާ އަވަހެވެ. އޭރު ކާއިނާތުގެ ސިކުނޑިން ޒާދާ ފިލައިގެނެއް ނުދެއެވެ. ޒާދާ ގެއަށް އައުން ލަސްވުމުން އޭނަގެ ހިތްވަނީ ބިރުގެންފައެވެ. ކަންތަކާއިމެދު އުއްމީދީ ނަޒަރަކުން ދެކުނަސް ފަހަކަށް އައިސް އޭނަގެ ސިކުނޑީގައި ޒާތްޒާތުގެ ވަސްވާސްތައް ގިނަވާންފެށީއެވެ. އެހެންވާންފެށީ ސައިރަސް ކިޔުނު ހަޔާތުގެ އެ ބާބު ހިތުން ނުފިލައި މާ ބޮޑަށް އެ ޚިޔާލު އުދަގޫކުރާތީއެވެ. ދޭތެރެއަކުން އެހެން އިނދެފައި ޒާދާގެ ފޯނަށް ގުޅަމުން ދަންނަ އެހެން މީހުންނަށްވެސް ގުޅިއެވެ. އެކުވެރިކުދިންނަށްވެސް އޭނަ ގުޅީ ކަންބޮޑުވީވަރުންނެވެ. އެއްވެސް ކުއްޖަކަށް ޒާދާ ހުރިތަން އެނގުނުކަމަކަށް ނުވިއެވެ. މާ ގިނައިރެއްނުވެ އަސަލްއާއި އާޔާވެސް މަހްރާ ގޮވައިގެން އެގެއަށް އައިއިރު އެންމެންގެ މޫނުމަތިންވެސް ހާސްކަން ފެނުނެވެ. އެކުވެރިކުއްޖަކަށް ޒާދާ ހުރިތަން ނޭގުމަކީވެސް ކަންބޮޑުވާން ޖެހުނުކަމެކެވެ.

ކާއިނާތު ރާހާގެ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު އެކުއްޖާއަށް އޮތީ ނިދިފައެވެ.

"ރާހާވެސް ފައިގާ ރިއްސާވަރުން. ވަރަށް ކަންބޮޑުވޭ. ހިތަށް އަރަނީ ސީރިޔަސް ކަމަކަށް ނުވާނެބާވައޭ.."

"އޯވާތިންކިން. މަންމައަކަށް ވީމަ އެހެންވާނެ. ﷲ ސުބުހާނަހޫ ވަތައާލާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. އިމްތިހާނުތަކާއިވެސް ކުރިމަތިވާނެ..ބައެއްފަހަރު ވަކިގޮތަކަށް ޔަގީންކޮށްގެން ނެގެޓިވް ތިންކިން ގެންގުޅެންޏާ އެކަން އެގޮތަށް ދިމާވެއޭވެސް ކާއީ އަމިއްލައަށް ބުނަމެއްނު. ތިންކް ޕޮޒިޓިވް. ޓްރަސްޓް ﷲ...ދެން ކިހިނެއް ހަދަންވީ؟ދޮންބެއާއިވެސް ނުގުޅޭ. އަދިވެސް އެތަނަކަށް ނުފޯރަނީބާ..."އާޔާ ސޯފާސެޓްގައި އިށީދެލައިގެން އިނދެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ބެލްގެ އަޑު އިވުމާއެކު ކާއިނާތުއަށް ދުއްވައިގަނެވުނެވެ. ހީލުމާއެކު ދޮރު ހުޅުވައިލިއިރު ދޮރުމަތީގައި ހުރީ އަވަށްޓެރިއެކެވެ. އެގޭގައި ތައްޔާރުކުރި އެއްޗެއް ހިފައިގެން އައިހެވެ. ކާއިނާތު ޝުކުރު އަދާކުރިއެވެ.

***

އިރުގެ އަލިކަން ފަނޑުވެ އަނދިރިކަން ވަށައިލުމާއެކު ޝަހަރުގެ އެކިކުލައިގެ އަލިތަކުން ގޭގެއާއި އިމާރާތްތައް އަދި މަގުގައިވާ ބައްތިތައް ދިއްލައިލެވުނެވެ. އޭރުވެސް ޒާދާގެ އެއްވެސް ހިމަލެއްނުވިއެވެ. އަސަލް އެދުނީ ފުލުހުންނަށް ގުޅުމަށެވެ. މަހްރާވެސް އިނީ ހިމޭންވެފައެވެ. އޭނަ ގޮސް ޒާދާގެ ކޮޓަރިއަށް ވަނެވެ. ޒާދާއާއިމެދު ވިސްނިވަރަކަށް "ސްޓޯކާ"އާއިމެދު ޝައްކުވިއެވެ. އޭނަ ޒާދާއަށް އަނިޔާއެއް ދިނީހެއްޔެވެ؟ ނޫނެކެވެ. އިރާދަކުރެއްވިއްޔާ ޒާދާ އެނބުރި އަންނާނެއެވެ. ދެރަގޮތެއްނުވާނެއެވެ.

"ޔާ ﷲ، ޒާދާއަށް ރައްކާތެރިކަން ދެއްވާށި...."

ދުޢާކުރުމަށްފަހު ދެން އޮތީ ޒާދާ ހޯދުމުގައި އަމަލީގޮތުން ބައިވެރިވުމެވެ. މިވަގުތު ކުރެވެން އޮތްކަމަކީ އެކުވެރިންގެ ގެތަކާއި އަވަށްޓެރިންގެ ގެއަށް ގޮސް ޒާދާގެ ޚަބަރެއް ވޭތޯ ބެލުމެވެ. ކާއިނާތުއާއި އަސަލް އަދި މަހްރާވެސް އެކަމުގައި ބައިވެރިވެ ޒާދާ އުޅޭނެހެން ހީވާ ތަންތަނާއި ޒިޔާރަތްކުރާ މޯލްތަކަށްދާންދެން ހޯދިއެވެ. ރާހާ ބުނި ސަރަހައްދަށްވެސް ޒިޔާރަތްކުރިއެވެ. ޚަބަރެއްނުވެ މާ ގިނައިރުވާންފެށުމުން ކަމުގެ ސީރިޔަސްކަން އިހުސާސްކުރެވި ކާއިނާތުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ކޯތާފަތްމަތިން ތިރިއަށް ދެމެންފެށިއެވެ.

"ކާއީ.. ހިތްވަރުކުރޭ...އެހާ އަވަހަށް އުއްމީދު ކަނޑައިލާކަށް ނުވާނެ. ޒާދާއަކީ ހިތްވަރުގަދަ ކުއްޖެއް އޭނަ އެހާ ފަސޭހައިން ގިވްއަޕް ނުކުރާނެ...." ކާރު ދުއްވަން އިން އަސަަލްއަށް ބުނެވުނެވެ.

"ޒާދާއަށް ބޮޑުކަމެއް ދިމާނުވާނަމަ ފޯނު ނިވާލައިގެން ނޫޅޭނެ. މިތާގައި އިސްލާމްފޯބިއާގެ ކަންތައް ބޮޑު ދުވަސްވަރަކަށްވެފައި މުސްލިމުންނާއި ދެކޮޅަށް ހިންގާ ޖަރީމާތައް އެހާބޮޑު. ދީނީ އަދި ނަސްލީކަމަކަށް ނުވާނެތަ؟"ކާއިނާތު ޓިޝޫއަކުން ލޯ ފޮހެލިއެވެ.

"މި ވަގުތު ކަނޑައެޅިގެން ބުނަން ދަތި..."

"އައި ތިންކް މިއީ ކޮންމެވެސް ކަމެއްގެ ޕަނިޝްމެންޓެއް...."ކާއިނާތުގެ ހަނދާނުގެ މަޑިކިލަބުގައި ފިޔަ ޖަހައިލީ މާޒީގެ ބާބެކެވެ. އޭނައާއި ސައިރަސްގެ ހަނދާންތަކެވެ.

"އެގޮތަށް ނުވިސްނާ..."

"ނުވިސްނާ ކީއްކުރާނީ؟ އަދްރިއަންވެސް ފޯނެއްނުނަގާ..."ކާއިނާތު ފޯނަށް ނަޒަރު ހިންގައިލިއެވެ.

"މަށަށް ފެންނަނީ ފުލުހުންނަށް ގުޅަން. އަދްރިއަންވެސް ބޭނުންވާނީ އެގޮތް..."

"އޭނަ ގާތު ބުނިން އެހާ ދުރަށް ނުދާށޭ. ބޭކާރު ދަތުރެކޭ އެވަރުންވެސް އެ ސެމިނާރެއްކަމެއް އެހެން ނަމެއް ކިޔާ އެއްޗެއްކަމެއް ނޭގޭ. ކޮންމެވެސް މުހިއްމު ދަތުރެކޭ ކިޔާފައި އެދިޔައީ.ކިހާ ދެރަ. އަހަންނަށް އެކަމަކު ފުލުހުންނަށް ގުޅާކަށް ނުކެރޭނެ. ޒާދާ.....ޒާދާ އެހެން ބޯއިއަކާއެއެކު ގޮސް ހުރެ ފެނިއްޖެއްޔާ............." ކާއިނާތު އެހެން ވިސްނަން ބޭނުންނުވިޔަސް އެންމެ ވުން އެކަށީގެންނުވާނެހެން ހީވާ ކާރިސާވެސް ސިކުނޑީގައި ކުރެހުނެވެ.

"އެރުންވެސް ސަލާމަތްކުރެވިދާނެ...ކާއީ. މިވަގުތު ބޭނުންވަނީ އަމިއްލަ އިއްޒަތާއި ގަދަރަށްވުރެ ދަރިފުޅު ސަލާމަތްކުރުން ނޫންތަ؟"

"އަސަލް. އަހަންނަށް ވިސްނޭނީ ދެން ގެއަށް ދެވުނީމަ. އާޔާއާއި ރާހާ އެކަނި ގޭގައި ބަހައްޓާފައި އާދެވުނީމަ މަގޭ ހިތަށް ބިރުވެރިކަން ވަދެއްޖެ. ޒާދާ ނެގި މީހަކު ގެއަށް ނުވަންނާނެތަ؟ހިނގާ ގެއަށް.."ކާއިނާތު އަމުރުވެރިގޮތަކަށް ބުނެލިއެވެ. އަސަލްއާއި ކާއިނާތު އާއްމުކޮށް ވާހަކަދައްކާ ނޫޅުނަސް ހަޔާތުގައި ދިމާވާ މިފަދަ ބޮޑެތި މައްސަލަތަކުގައި ކޮންމެވެސް ވަރަކަށް އެކަކު އަނެކަކަށް ހިތްވަރުދެއެވެ. ދެމީހުން އެއް ޒަމާނެއްގައި ދެލޯބިވެރިންގެ ގޮތުގައި އުޅެ ވަކިވުމަށްފަހު ދެމީހުނާއި ތަގުދީރު ކުރީ ސަމާސާއެކެވެ. ވަކިވެގެން ދުރަށް ދެވޭނެގޮތެއްވެސް ނުވީއެވެ. ދެމީހުން ކައިވެނިކުރަން ޖެހުނި އެއްބަނޑު އެއްބަފާ ދެބެންނާއެވެ. އާއިލީގޮތުންވެސް ގުޅުނީއެވެ.

***

އެރޭ އެ އާއިލާގެ އެންމެން ވޭތުކުރީ ނުތަނަވަސްކަމާއެކު އިންތިޒާރުގައެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަކަށް އެންމެނަށް މާޔޫސްކަން ލިބުނެވެ. ޒާދާއަށް ވީގޮތެއް އެނގުނު އެކަކުވެސްނެތެވެ. އެއްވެސް ގެއެއްގެ ކެމެރާއަކަށްވެސް އޭނަ އަރާފައެއްނެތެވެ. އިރުއެރިފަހުން ކާއިނާތުއަށް އަދްރިއަންއާއި ގުޅުނެވެ. އަދްރިއަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ކާއިނާތުއަށް އަޑު ވީއްލާ ރޮވިއްޖެއެވެ.

"ކާއީ. ކިހިނެއްވީތަ؟ ނުރޮއި ވާހަކަދައްކަބަލަ..."ފޯނަށް އެތައް ސަތޭކަ ކޯލެއް އައިސްފައިވާތަން ފެނުމުން ބޮޑު ހާދިސާއެއް ހިނގިކަން ޔަގީންވިއެވެ.

"ކާއީ......."

"ޒާދާ...." ކާއިނާތުގެ އަޑު އިތުރަށް ހަރުވިއެވެ. އަދްރިއަންއަށް ލޯ މަރައިލެވުނެވެ. އިތުރަށް އަޑުއަހަން އޭނަވެސް ބޭނުމެއްނުވިއެވެ. ކިތަންމެ ހިތްވަރުގަދަވިޔަސް ކުދިންނަކީ އަދްރިއަންގެ ބަލިފަޔެވެ.

"ޒާދާ ގެއްލިއްޖެ...."

"ގެއްލިއްޖެއްޔޭ ތިބުނީ ކިހިނެއްތަ؟"

"މިބުނީ ހަމަ މެޑެލިން ގެއްލުނުފަދައިން ޒާދާވެސް ނުފެނިގެންނޭ މިއުޅެނީ............."

ކާއިނާތު ތަފްސީލު ދެމުން ދިޔަވަރަކަށް އަދްރިއަން ޚިޔާރުކުރީ ހިމޭންކަމެވެ. ދެން އޭނަ ފޯނު ބޭއްވިއެވެ.

"ދޮންބެ ވަރަށް އަޕްސެޓްވާނެ..."އާޔާވެސް އިނީ ސޯފާގައެވެ. ޚާދިމާ ގެނެސް އަތުރާފައި ހުރި ކޮފީއާއި ކާއެއްޗެހީގައި އަތްލާނެ ހިތްވަރެއް އެކެއްގެވެސް ނެތެވެ. ކާއިނާތު މަސަލަސްކުރުން އާޔާއަށް ބޮޑުކަމަކަށްވެފައިވާއިރު މަހްރާ ހުއްޓުވަން އޭނަގެ ބައްޕަ ވާހަކަދައްކަމުން ދިޔައެވެ. ރާހާ ނިދިން ހޭލައިގެން ނުކުމެގެން އައީ ޕިޖާމާގައެވެ. ކުޑަކޮށް ކޮރެއް ޖަހަމުންނެވެ. އެންމެން ރޯތަން ފެނުމުން ސުވާލުކުރަން ފެށުމުން އަސަލް ބުނީ ޒާދާ އަދިވެސް ގެއަށް ނާންނަނީކަމުގައެވެ.

"ޒާގެ ބޯއިފްރެންޑް........އޭނަ.."ރާހާ ކުއްލިއަކަށް ތުންފަތުގައި ދަތް އެޅިއެވެ. އަސަލްވެސް އިންދާ އޭނަ އެކަހަލަ އެއްޗެއް ބުނެގެން މަންމަ އަޑުލާނެއެވެ.

"އާނ....ދަރިފުޅު ތިބުނީ ތެދެއް. އަދި އެއީ ކާކުކަން ބަލަން އެބަޖެހޭ. ޒާ މިފަހުން އަބަދުު އެކުއްޖަކު ރީތިވެގެން އެވާހަކަދައްކާ. ހޮސްޕިޓަލުގައި ވޯކްކުރާ ޑޮކްޓަރެއްކަމަށްވަނީ........................"

"އިދްރާކް....އިދްރާކް އަޒީޒު.."ރާހާ ބުނެދިނެވެ.

"އެކުއްޖާއާއި ގުޅޭނެ ނަމްބަރެއް ހޯދަންވީ. މަހްރާ ހޮސްޕިޓަލަށް ގުޅަންވީނު.."

"އެންމެ ރަގަޅު.." މަހްރާ ތެދުވުނެވެ.

"އެންމެން ކޮފީ ބޮއިގެން އެއްޗެއް ކާލަންވީނު. މަސައްކަތްކުރެވޭނީވެސް އެނާޖީ ހުރެގެން. ޒާދާއަށްޓަކާ ނަމަވެސް ކައިގެން ބޮއިގެން ތިބެންޖެހޭނީ. އާޔާ....ޕްލީޒް....."އަސަލް ކޮފީތަށްޓެއް ނަގާ އާޔާގެ އަތަށްދިންއިރު އެބަލައިލި ލޯބި ނަޒަރު އަދިވެސް ކުރިއެކޭ އެއްވެސް ތަފާތެއްނެތެވެ.

އާޔާ އެއްތަށި ކާއިނާތުގެ އަތަށް ދިނެވެ. ރާހާ ސޯފާއަށް އަރާ ކަކުލުގައި މޫނު ޖައްސާލައިގެން އިންއިރު އެލޮލުގައި ވަރުބަލިކަމާއެކު މޮޅިވެރިކަން އެއްވެފައިވިއެވެ. އެވަރުގަދަ އިސްތަށިގަނޑު ދެފަރާތަށް ގަތާލާފައިވާއިރު ކޮންމެ ބަޔެއްވެސް އެހާ ބޯކަމަށް ދައްކައެވެ. ރެޕަންޒުލްފްދަ ވަރުގަދަ އިސްތަށިގަނޑެއް ރާހާވެސް ބޭނުންވެއެވެ. ގުދުރަތީގޮތުން ރާހާއަށް ދެއްވާފައިވަނީ އަންހެންކުދިން އެންމެ އެދޭފަދަ ސިފަތަކެވެ.

***

އަދްރިއަން ގެއަށް ވަންއިރު އޭނަގެ މޫނުމަތިން ފެނުނީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ހުރިހާ އެއްޗެއް ގެއްލި މަގުގެއްލިފައިވާ މުސާފިރެކޭ ތަފާތެއްނެތެވެ. މޮޅިވެރިކަމުގެ ތަސްވީރެކެވެ. އިސްތަށިގަޑު އޮތީ ހޭވިފައެވެ. އަދްރިއަން ސިޓިންރޫމްގެ ސޯފާއެއްގައި އިށީންގޮތަށް އަސަލްގެ މޫނަށް ބަލައިލިއެވެ. މީހަކު އެއްޗެއް ނުބުންޏަސް އެ ސުވާލުގެ ޖަވާބު ލިބުނެވެ. މަޑުމަޑުން ބޮލުގައި އަތުން ހިފަހައްޓައިލެވުނެވެ.

"އަދިވެސް ނުފެނޭ..."

އަދްރިއަން ތެދުވެގެން ހިނގައިގަތުމާއެކު ކާއިނާތު ވިދުވަރެއްހާ ހަލުވިކޮށް އަދްރިއަންގެ ކުރިބެއްދިއެވެ. ހިތާމަތަކާއި ހިތްދަތިކަން ރުޅިވެރިކަމުގެ ސިފަ ޚިޔާރުކުރިއެވެ."މިއީ އަދްރިއަންގެ ސަބަބުން ހިނގި ހާދިސާއެއް. ޒާދާ ގެއްލުނީ އަދްރިއަންއާއިހެދި. އެނގިއްޖެތަ؟ ކުށްވެރިއަކީ ތިއީ. ކީއްވެ ދިޔައީ؟ އަންހެންދަރިންނަށް ހިމާޔަތްދީ ރައްކާތެރިކަން ދޭން ހުންނާނީ ބައްޕަކަމެއް ނޭގޭވިއްޔަ..ކީއްވެހޭ ޒާދާއަށް އެގޮތަށް މިނިވަންކަން ދީފައި ބަހައްޓަނީ. ވާނުވާ ބަލަންޖެހޭނެއްނު.މިހާރު ގިލްޓީވެފައި ހުންނާނީ...ކީއްވެ ދިޔައީ؟ އަހަރެން ބުނީމެއްނު ނުދާށޭ.................."

ކާއިނާތު ހަޅޭއްލަވަމުންގޮސް ރޯންފެށިއެވެ. އަދްރިއަން ކާއިނާތު ގެނެސް މޭގައި ޖައްސާލާފައި ބޮލުގައި މަޑުމަޑުން ފިރުމައިލިއެވެ. ހަގީގަތުގައި އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. ވަރުބަލިވެފައި ހުރިވަރުން އޭނަ މަންޒިލަށް ފޯރުމުން ފޯނު ނިވާލައިގެން ރަގަޅަށް ނިދައިލީ މިހުރިހާ ދުވަހު އަވަދިނެތި އުޅެފައި އަރާމުކުރަން ބޭނުންވި ވަރުންނެވެ.

"އަންކަލް. މިއީ ޒާދާގެ ފްރެންޑެއްގެ ނަމްބަރު...އޭނަގެ ނަމަކީ އިދްރާކް..." މަހްރާ ފޯނެއްގައި ހުރެފައި އައިސް އަދްރިއަންގެ އަތަށް ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ.

އަދްރިއަންއަށް އެ ނަމުގެ އަޑުއިވުމާއެކު ބުމަކައިރިކޮށްލިއެވެ. އިދްރާކްއަކީ ހޮސްޕިޓަލުގައި މަޝްހޫރު ޑޮކްޓަރެކެވެ. ރީތިވެފައި އަޚުލާގުވެސް ރަގަޅީއެވެ.

***

"ސަރ މިއަދު ޑޮކްޓަރ އިދްރާކް ހާޟިރުނުވޭ.. އިންފެކްޓް ޓޫ ޑޭސް މިވަނީ........" އޮންކޮލިޖީ ޑިޕާޓްމެންޓްގެ އިސް މުވައްޒަފަކު މައުލޫމާތުދިނެވެ.

"އޭނަގެ އެޑްރެސް އެބައޮތްތަ؟"

"ލައްބަ ސަރ..މިއޮތީ.." އޭނަ ކަރުދާސްކޮޅެއްގައި އެޑްރެސް ނޯޓްކޮށްލާފައި އަދްރިއަންގެ އަތަށް ދިއްކޮށްލިއެވެ."ސަރ....."

"ޔެސް..." އަދްރިއަންގެ ތޫނު ދެލޯ އޭނަގެ މޫނަށް ހުއްޓުނެވެ.

"އިފް ޔޫ ޑޯންޓް މައިންޑް..ކިހިނެއްވީތޯ ސަރ؟"

"އެއީ އަހަރެންގެ ދަރިފުޅުގެ އެކުވެރިއެއް..." އިތުރު ވާހަކަދެއްކުމެއްނެތި އަދްރިއަން ނުކުމެގެން ދާން ހިނގައިގަތެވެ. ހިތާއި ނަފުސް ހަމަޔަކަށް އަޅުވަން އަދްރިއަން މަސައްކަތްކުރިއެވެ.

***

މެހެރާޒްއާއި އެލިޒަބަތު ކޯރުގެ ކައިިރިން ހިގަމުން ދިޔައެވެ. ތަފާތު ވައްތަރުގެ މާގަސް ބޮނޑިތަކާއި ނޫކުލައިގެ ކަމާޝާތަކާއި އޮރެންޖްކުލައިގެ ކުދި މާތަކެއް ފެހިކަން ގަދަ ވިނަތަކުގެ ތެރޭ ފޮޅިފައިވާއިރު އިތުރަށް މަންޒަރު ޗާލުކޮށްދެއެވެ. ދެމީހުން ދައްކަމުން ދިޔައީ ދީނީ ވާހަކަތަކެވެ. އެލިޒަބަތު ދެއްކީ އޭނަގެ ފިރިމީހާ އިސްލާމްދީނަށް ނަފްރަތުކުރި ސަބަބެވެ. އޭނަގެ ހިތުގައި އެދީނަށް ލޯބި ޖެހުނު ސަބަބަކަށް މެހެރާޒްވެސް ވެފައިވާކަމެވެ. ހަގީގަތުގައި މެހެރާޒްގެ ނިކަމެތިކަމާއެކުގައިވެސް އަޚުލާގު ރަގަޅުކަމީ އޭނައާއި ދިމާވާ ކޮންމެ ހިތެއް އަތުލައިގަންނަފަދަ ކަމެކެވެ.

"މިފަހަރު ރޯދަ ހިފަން މަސައްކަތް ކުރާނަން. މާޒްއަށް ހީވޭތަ އަހަންނަށް އެކަން ވާނެހެން........."

"ނުވާންވީ ކީއްވެތަ؟ އަހަރެން އެންމެ އުފާވާނީ ލިޒް މުސްލިމަކަށް ވާ ދުވަހަކުން..."މެހެރާޒް އެއްފަރާތުގައި ހުރި މާބޮނޑިން މަލެއް ބިނދެލިއެވެ. މާ ރީއްޗަސް ދުވާ ހިތިވަހުން ނޭފަތް ގުރުޑުކޮށްލެވުނެވެ.

"އަހަރެން ހީކުރީ އަލަތު ދަރިފުޅު ލިބުނީމަކަމަށް އެންމެ އުފާވާނީ....." އެލިޒަބަތު މަޖާ ހިނިގަނޑެއް ޖަހައިލިއެވެ."އާތްރައިޓިސްއާއިހެދި ލިޒްއަކަށް މާޒްއާއި އެއްވަރަށް ނުހިނގޭ...މަޑުން ހިނގާބަލަ މިސްޓަރ...."

"އަހަންނަށް އަދި އެ ނަސީބެއް ނުލިބޭ.."

"އިހަށް ދުވަހު ބުނީމެއްނު އަންހެނުން ބަލިވެ އިން ވާހަކަ..."

"އޯ.....އެއީ ހަގީގަތެއްނޫން.."މެހެރާޒްގެ މޫނުގައިވި އުފާވެރިަކން ފަނޑުވިއެވެ.

"މާޒް މަގޭގާތު ދޮގުހަދަންފެށީތަ؟"އެލިޒަބަތު ތުންފިތައިލިއެވެ.

"ނޫނޭ އެހެނެއްނޫން...ހަގީގަތަކީ............އަހަރެމެންގެ މެރިޖްއަކީ ހަމައެކަނި މީހުންނަށް ދައްކަން ކުރިކަމެއް. އައިރިސް ޕްރެގްވީމަ އަހަރެން އޭނަގެ އެދުމަށް މެރީކުރީ. ހުންނާނެތަނެއް އޭރުން ލިބޭނެތާ. އައިރިސްގެ މަންމަ އަހަރެންގެ ފަރާތުން ބޭނުންވަނީ ފައިސާ. ލިބޭވަރު މަދުވީމަ ބައެއްފަހަރު ވަރަށް ހުތުރު އެއްޗެހިވެސް ގޮވައިލާނެ. އޭނައަކަށް ނޭގޭ އަހަރެން އައިރިސްއަށް ވެދިނީ ކިހާ ބޮޑު އިހުސާންތެރިކަމެއްކަން. އެނީވޭސް ލިޒް. މިއީ ސިއްރެއް. ވަރަށް ޓްރަސްޓްކުރެވޭތީ މިވާހަކަ ކިޔައިދިނީ.. އަހަރެން ބޭނުމީވެސް އައިރިސްއާއިއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަން. ސަބަބަކީ ކުޑަކުދިންދެކެ ލޯބިވާތީ....އެއްވެސް ކުއްޖަކަށް ނިކަމެތިކަމެއް ދެރަކަމެއް ލިބެން ނޭދޭތީ. އައިރިސްގެ ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ބޭނުން........."މެހެރާޒްގެ އަޑު މަޑުވިއެވެ.

"އައި ނޯ...ޔޫ ހޭޑް އެ ހާޑް ޗައިލްޑްހުޑް އެހެންވެ ތިގޮތަށް ވިސްނުން ހުރީ...."

"ލިޒް، ގުރުއާނުން އެންމެ ސަފުހާއެއްވެސް ކިޔެވިންތަ؟"

"އައިމް ސޮރީ..އަދި އެކަމާއި ނޫޅެވޭ. ވަރަށް އަވަހަށް ފަށާނަން..މިއަށްވުރެ ކުރަން ބޭނުންކަމެއްނެތް...އެ ބަރަކާތްތެރި ފޮތް ޝެލްފްގައި ބާއްވައިގެން ބައެއްފަހަރު ބަލަން އިނދެވެސް ފެންކަޅިވޭ. މާޒް. އަހަންނަށް ހަމަ ހީވަނީ އިސްލާމްދީނަކީ އެންމެ ތެދުވެރިދީންހެން. އެއީހެން ހަގީގީ ދީނަކީ. އެހެން ދީންތައް ބާތިލްކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ. އަހަންނަށް ތެދުމަގު ދައްކުވާތޯ ދުޢާކޮށްދެއްޗޭ.." އެލިޒަބަތު އެދުނެވެ.

***

ބާސިލް ފެނުމާއެކު އޭނަގެ މަންމަ ޑޮކްޓަރ އޮލީވިއާ ހުރިހާދަތްތައް ފެންނަވަރަށް ހީލަމުން ދަރިފުޅަށް ތައުރީފުކުރިއެވެ. ބާސިލްގެ އިސްތަށިގަނޑު ޕްލެޓިނަމްއިން ޑައިކޮށްފައިވާއިރު އެމޫނާއި ނިކަން ގުޅެއެވެ. ކުޑަކޮށް މައްޗަށް އަރާފައިވާ ބުމައާއި އެ ރީތި ދެލޮލުގެ ކުލަ ވަކިން ފާހަގަކުރެވެނީ އިސްތަށިގަނޑުގެ ކުލައަށް ގެނައި ބަދަލުންނެވެ. އޮލީވިއާ ދަރިފުޅުގެ ނިތްކުރިއަށް ބޮސްދިނެވެ.

"ވަރަށް ހެންޑްސަމް...ވަރަށް ގުޅޭ..ކޮންތަނަކަށް ދާން ތިއުޅެނީ؟"

"ތެންކިއު މަމް..."ބާސިލް އެއް މިޔަކަނުން ހީލިއެވެ." ދަނީޒްއާއިއެކު ދުއްވައިލަން....މަންމަ ޕްލޭން ރައިޑަކަށް ނުދާނަންތަ؟"

"މަންމައަށް ލާހިކެއްނޫން..."އޮލީވިއާ ހީގަތެވެ."ބާޒް ބަލައިގެން އުޅެއްޗޭ.މަންމަ އެހާ ލައިކްވާކަމެއްވެސް ނޫން.."

"އެޑްވެންޗާސްތަކާއި ނުލައި ލައިފްގައި މަޖަލެއްނުނެގޭނެ މަންމާ."

ކޮންމެވެސް މީހަކު ބެލް ޖެހުމުން ދޮރު ހުޅުވަން ހިނގައިގަތީ އޮލީވިއާއެވެ. ދޮރުމަތީގައި އަދްރިއަން ހުރިތަން ފެނުމުން އޮލީވިއާ ސުވާލުގެ ނަޒަރަކުން ބަލައިލިއެވެ. ޑޮކްޓަރ އަދްރިއަންއަކީ މަޝްހޫރު އޮންކޮލިޖިސްޓަކަށްވުމުން އޭނަ ސެލެބްރިޓީއެއްހާ މަޝްހޫރެވެ.

"އިދްރާކްއާއި ބައްދަލުކުރެވިދާނެތަ؟"

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު