ލީ ޓީޝާޓަކާ ގުޅިގެން ކޭޕޮޕް ތަރިއެއް ހޫނު ފެނަށް

ބޭރަށް ނުކުމެ އުޅުނު އިރު ލައިގެން ހުރި ޓީޝާޓަކާ ހެދި ކޭޕޮޕްގެ އެންމެ މަގުބޫލު އެއް ގްރޫޕު ކަމަށްވާ "ޓްވައިސް"ގެ މެންބަރެއް ހޫނު ފެނަށް ވެއްޓިއްޖެއެވެ.

ކޮރިއާގައި ބޮޑު މަގުބޫލުކަމެއް ހޯޯދުމަށް ފަހު އެމެރިކާގެ މާކެޓަށް ވަންނަން މަސައްކަތް ކުރަމުން އަންނަ ޓްވައިސް ވަނީ ދާދި ފަހުން އެމެރިކާގައި ފުރަތަމަ ފަހަރަށް ޝޯތަކަށް އަރައި ޕަފޯމް ކުރަން ފަށައިފައެވެ. އެ ގްރޫޕުގެ މެންބަރުން މިހާރު ތިބީ އެމެެރިކާގައެވެ.

އެ ގުރޫޕުގެ މެންބަރުން އަންނަނީ ނިއު ޔޯކްގެ އެކި ސަރަހައްދުތަކަށް ގޮސް ފޮޓޯ ނަގަމުންނެވެ. ނަމަވެސް ދާދި ފަހުން ގްރޫޕުގެ މެންބަރެއް ކަމަށްވާ ޗޭޔަންގްގެ ފޮޓޯއަކާ އެކު އޭނާ ވަނީ ހޫނު ފެނަށް ވެއްޓިފައެވެ.

ޗޭޔަންގް ލައިގެން އިން ޓީޝާޓަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ. ޗޭޔަންގް ދާދިފަހުން އިންސްޓަގްރާމުގައި ޕޯސްޓު ކުރި ފޮޓޯއެއްގައި އޭނާ ރެސްޓޯރެންޓެއްގައި އިންނަ ތަން ފެނެއެވެ. ނަމަވެސް އެ ފޮޓޯގެ މައްސަަލަ ގޯސްވީ އޭނާ ލައިގެން އިން ޓީޝާޓުން ފެނުނު ލޯގޯ އަކުންނެވެ.

ޗޭޔަންގް ލައިގެން އިން ޓީޝާޓުން ފެނުނީ ދެވަނަ ބޮޑު ހަނގުރާމައާ ނާޒީން ގެންގުޅުނު "ސްވަސްޓިކާ" ލޯގޯއެވެ. މި ލޯގޯ އަކީ މީގެ އެތައް އަހަރެއް ކުރިން ގެންގުޅުނު އެއްޗެއް ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ލޯގޯގެ މާނަ ވަނީ އެޑޮލްފް ހިޓްލަރުގެ އެޖެންޑާތަކާ އެކު ނަފުރަތު އުފައްދައި ބިރުވެރިކަން ފެތުރުމަށް ބޭނުންކުރި އެއްޗަކަށް ވެފައެވެ.

އެއާ އެކު ޗޭޔަންގުގެ ޓީޝާޓުގައި އެ ލޯގޯ ބޭނުންކޮށްފައިވުމުން ގިނަ ބަޔަކަށް އެ ކަމަކު ނުދިޔައެވެ. ސަބަބަކީ އެ ލޯގޯ ބޭނުންކޮށްފައިވާ ޓީޝާޓަކީ އޮޅުމަކުން ލިބޭނެ އެއްޗަކަށް ވުރެ އެކްސްކްލޫސިވް އެއްޗަކަށް ވާތީއެވެ. އުނދަގުލުން ލިބޭ އެ ޓީޝާޓު އޮންލައިން ފިހާރަތަކުގައި އެންމެ ދަށް އަގަކަށް ވެސް އުޅެނީ 500 ޑޮލަރުގައެވެ.

މި މައްސަލައިގައި ޗޭޔަންގް މިހާރު ވަނީ މަޢާފަށް ވެެސް އެދިފައެވެ. އަދި އެކަންތައް އޭނާ އަށް ކުރެވުނީ އެކަމާ ގުޅޭގޮތުން އެންމެ އެކަށީގެންވާ މައުލޫމާތު ލިބިފައިނުވާތީ ކަމަށް ވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު