މާފަރު އެއާޕޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފި

މާފަރު އެއާޕޯޓް-- ފޮޓޯ: މޯލްޑިވިއަން

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝިއަނުން އިއުލާނުކޮށްފިއެވެ.

މި މައްސަކަތަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް އިއްޔެ ހުޅުވާލާފައިވާއިރު، ބިޑް ރެޖިސްޓްރޭޝަންގެ ސުން ގަޑިއަކީ ފެބްރުއަރީ 12 ވަނަ ދުވަހުގެ ރޭ 11:59 އެވެ.

މާފަރު އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގައި ރަންވޭ ބޮޑު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައިވަނީ ފާއިތުވި ޑިސެމްބަރު މަހުއެވެ.

މިއީ 27.1 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައު މުޅި ރަންވޭ އެއްކޮށް ރީސާފޭސް ކުރުމަށް ނިންމާފައިވާއިރު، މިހާރު ހަދާފައިވާ 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ތަރައްގީކޮށް ހުޅުއްވައިދެއްވި މި އެއާޕޯޓަކީ އަބޫދާބީ ފަންޑުން ހިލޭ އެހީ ދީގެން ސިންގަޕޫރުގެ ޓަފް ކުންފުނިން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ތަރައްގީކޮށްފައިވާ ތަނެކެވެ.

މި އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއާ އެކުގައެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ ހިދުމަތް ދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

comment ކޮމެންޓް