އޮސްޓްރޭލިއަން އޯޕެން: މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓުގެ ސެމީއަށް އަޒަރެންކާ

ވިކްޓޯރިއާ އަޒަރެންކާ-- ފޮޓޯ/އޮސްޓްރޭލިއަން އޯޕަން

އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ އަންހެނުންގެ ސިންގަލްސް އިވެންޓް ސެމީފައިނަލުގެ ޖާގައެއް, ކުރީގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ, ބެލަރޫސްގެ ވިކްޓޯރިއާ އަޒަރެންކާ ހޯދައިފިއެވެ.

މެލްބަންގައި ކުރިއަށްދާ މި މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް އަޒަރެންކާ ހޯދާފައިވަނީ، ކުއާޓާ ފައިނަލުގައި އެމެރިކާގެ ޖެސިކާ ޕެގޫލާއާ ބައްދަލުކުރިމެޗް, ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓްގައި ވަރަށް ވާދަވެރި ކުޅުމަކަށްފަހު ހައެއް ހަތަރެއްގެ ނަތީޖާއަކުން އަޒަރެންކާ ގެންގޮސްފައިވާއިރު، މެޗްގެ އެންމެ ފަހު ސެޓް އަޒަރެންކާ ގެންގޮސްފައިވަނީ، ވަރަށް ފަސޭހަކަމާއެކު، ހައެއް އެކެއްގެ ނަތީޖާއަކުންނެވެ.

އޮސްޓްރޭލިއަން އޯޕެން ޓެނިސް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް އަޒަރެންކާ ކަށަވަރުކުރިއިރު، މިއީ 2013 ވަނަ އަހަރަށްފަހު މި މުބާރާތުގެ ސެމީފައިނަލާ ހިސާބަށް އަޒަރެންކާ ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މެޗަށްފަހު ވާހަކަދައްކަމުން އަޒަރެންކާ ބުނީ، ގޭމް ޕްލޭނާ އެއްގޮތަށް މެޗް ދިޔަކަމަށާއި، ސެމީފައިނަލަށް ދިއުމަކީ ލިބުނު ހާއްސަ އުފަލެއްކަމަށެވެ. އަދި މިއީ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް އަޒަރެންކާ ފާހަގަކުރިއެވެ.

އަޒަރެންކާ ބުނީ މިދިޔަ އަހަރު އޭނާގެ ކުޅުން އެހާ ގޯސް ނޫން ނަމަވެސް މިދިޔަ އަހަރު ނަފްސާނީ މައްސަލަތަކާ ހެދި މެޗުތަކުގައި ވާދަކުރުމަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިހާރު އެހުރިހާ ކަމަކުން އަރައިގަނެވިއްޖެ ކަމަށް އަޒަރެންކާ ބުންޏެވެ.

އުމުރުން މިހާރު 33 އަހަރުގެ އަޒަރެންކާގެ ޓެނިސް ކެރިއަރަށް ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ.

މި މުބާރާތުގެ ސެމީފައިނަލުގައި އަޒަރެންކާ ނިކުންނާނީ، ކަޒަކްސްތާނުގެ އެލޭނާ ރިބަކީނާއާ ދެކޮޅަށެވެ. މިމެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

comment ކޮމެންޓް