ތިން ހަފުތާ ފަހުން ޔާމީންގެ މައްސަލައިގެ ރިޕޯޓުތައް ދޫކޮށްފި

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމުނު ގޮތުގެ ތަފުސީލީ ރިޕޯޓު ދޫކޮށްފިއެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މިދިޔަ މަހު 25ގައެވެ.

އެކަމަކު، އެ މައްސަލައިގެ ތަފުސީލީ ރިޕޯޓާއި މަހުޟަރު ބަޔާންތައް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންނަށް ދޫކޮށްފައިވަނީ މިއަދެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އާދަމް ޝަމީމް މިއަދު ވިދާޅުވީ ތަފުސީލީ ރިޕޯޓުތަކާއި މަހުޟަރު ބަޔާންތައް މިއަދު ވަކީލުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓު ދީފައިވާ ޔާމީންގެ ވަކީލުން ކުރިން ވިދާޅުވެފައި ވަނީ، އިސްތިއުނާފު ނުކުރެވި ލަސްވަނީ ހުކުމުގެ އިސްތިއުނާފު ތައްޔާރުކުރަން ޝަރީއަތް ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓާއި ކޯޓުގައި ދެއްކި ހުރިހާ ވާހަކަތަކެއް ހިމެނޭ މަހުޟަރު ބަޔާންތައް ކޯޓުން ނުދޭތީ ކަމަށެވެ.

ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުމަށް ކޯޓަށް އޮންނަނީ ބަންދު ދުވަސްތައް ނުލައި 14 ދުވަހެވެ. މި އަހަރުގެ ފުރަތަމަ ދުވަހަކީ ބަންދު ދުވަހެއް ކަމުން، ހަފްތާ ބަންދު ދުވަސްތައް ނުހިމަނައި ޔާމީނަށް ހުކުމް ކުރިތާ މިއަދަކީ 14ވަނަ ދުވަހެވެ.

ދަށު ކޯޓުން މައްސަލަ ނިންމާ ދުވަހުން ފެށިގެން ހައިކޯޓުގައި އިސްތުއުނާފު ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބެއެވެ. އެ މުއްދަތް ހަމަވާން އަދި ކައިރި ނުވި ނަމަވެސް އިސްތިއުނާފު ލަސްވުމުން، މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން އިސްތިއުނާފީ މަރުހަލާ ނުނިމިދާނެ ކަމުގެ ކަންބޮޑުވުން ބޮޑެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި ޓައިމްލައިނުގައިވާގޮތުން ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ 3 އޮގަސްޓެވެ.

އެހެންވެ، އެ މުއްދަތުގެ ކުރިން ޔާމީންގެ އިސްތިއުނާފު ނުނިމިދާނެ ކަމުގެ ކަންބޮޑުވުން ބޮޑެވެ.

comment ކޮމެންޓް