ޑިސެމްބަރު މަހު ނެޓްފްލިކްސްއިން ޕްރިމިއާކުރާނެ ރީތި ފިލްމުތަކުގެ ލިސްޓް މިއޮތީ

ގިނަ ބަޔަކު މުނިފޫހިފިލުވުމަށް ބޭނުންކުރާ ސްޓްރީމިންގް މީޑިއާ ނެޓްފްލިކްސްއިން ޑިސެމްބަރު މަހު ރީތި ފިލްމުތަކެއް ޕްރިމިއާކުރާނެކަމަށް ނެޓްފްލިކްސް އިންޑިއާގެ ގޮފިން ބުނެފިއެވެ.

މިހާތަނަށް ނެޓްފްލިކްސްގެ ހަތަރު އުފެއްދުމެއް ނެރޭނެކަމަށް ނެޓްފްލިކްސްއިން ބުނެފައިވާއިރު އޭގެތެރޭގައި އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ފިލްމުތައްވެސް ހިމެނެއެވެ.

މިފެށޭ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، ސައިކޮލޮޖިކަލް ޑްރާމާއެއް ކަމަށްވާ ފިލްމު "ޤާލާ"އެވެ. މިފިލްމަކީ، 2021ވަނަ އަހަރު ނެޓްފްލިކްސްއިން ޕްރިމިއާކުރި ފިލްމު "ބުލްބުލް"ގެ ބަތަލާ ތްރިޕްތީ ދިމްރީއާއި އެކްޓަރު އިރްފާން ޚާންގެ ދަރިފުޅު ބަބިލް ޚާން ފިލްމީ ދުނިޔެއަށް ތަޢާރަފްވާނެ ފިލްމެވެ.

ހަމަ މިމަހުގެ ނުވަ ވަނަ ދުވަހު ނެޓްފްލިކްސްގައި ހޫނު ތަޅާފޮޅުންތަކެއްވެސް ހިނގާނެކަމަށް ބެލެވެއެވެ. އެއީ މިދުވަހު ފިލްމު "ކެޓް" ޕްރިމިއަކުރުމާއެކު އެކްޓަރު ރަންދީޕް ހޫޑާގެ އަޑު ގަދަވެ ފިލްމު ބަލާ މީހުންގެ ޢަދަދުވެސް މަތިވާނެ ކަމަށް ބެލެވޭތީއެވެ. މިފިލްމުގައި ރަންދީޕް މަސްތުވާތަކެތީގެ ދުނިޔޭގެ ޚަބަރުތައް ފުލުހުންނާ ހަމައަށް ފޯރުކޮށްދޭ ޖާސޫސެއްގެ ރޯލް ވަރަށް ރަގަޅަށް ދައްކުވައިދޭނެއެވެ.

އެއަށްފަހު އިންޑިއާގެ ފޮޓޯ ޖާނަލިސްޓު ކާތިކީ ގޯންސާލްވްސްގެ ޚާއްޞަ ޑޮކިއުމެންޓްރީ ފިލްމެއް ޕްރިމިއާކުރާނެއެވެ. ޑިސެމްބަރު މަހުގެ 8ގައި ރިލީޒްކުރާ މިޑޮކިއުމަންޓްރީގައި ދައްކުވައިދޭނީ އިންޑިއާގެ ދެކުނަށް ނިސްބަތްވާ ދެމަފިރިއަކު ޔަތީމު އެތައް އެމީހުންގެ ދިރިއުޅުމަށް ގެނައުމާއެކު އެދެމަފިރިންގެ ދިރިއުޅުމަށް އަންނަ އުފާވެރިކަމެވެ.

"އެމިލީ އިން ޕެރިސް"ގެ އާ ސީޒަނަކަށް އިންތިޒާރުކުރެވޭހެއްޔެވެ. ތިޔަ އިންތިޒާރުގެ ނިމުން މިފެށޭ ޑިސެމްބަރު މަހުގެ 21ވަނަ ދުވަހު ނިމޭނެއެވެ. ސަބަބަކީ ލިލީ ކޮލިންގެ މާކެޓިންގް ޓެކްނިކްސް ނުވަތަ މާކެޓިންގެ އާ އުކުޅުތަކާއެކު "އެމިލީ އިން ޕެރިސް"ގެ ތިން ވަނަ ސީޒަން ޑިސެމްބަރު މަހު ޕްރިމިއާކުރާނެކަމަށް ނެޓްފްލިކްސްއިންވަނީ އިޢުލާނުކޮށްފައެވެ.

މީގެއިތުރުން ޑިސެމްބަރު މަސް ނިމުމުގެ ކުރިން "ގްލާސް އަނިއަން: އަ ނައިވްސް އައުޓް މިސްޓްރީ"، "ދަ ވިޗަ: ބްލަޑް އޮރިޖިން"، "ގިލިއާމޯ ޑަލް ޓޯރޯސް ޕިނޯކިއޯ" "މަނީ ހެއިސްޓް" ކޮރެއާގެ ވާޝަން އަދި "ވައިޓް ނޮއިޒް" ފަދަ ފިލްމުތައް ރިލީޒްކުރުމަށްވަނީ ހަމަޖެހިފައެވެ. މިލިސްޓަށް ދާދިފަހުން ރިލީޒްވި ހިންދީ ފިލްމު "ގުޑްބައި"ވެސް އިތުރުވެފައިވެއެވެ. މިއީ އެކްޓަރު އަމީތާބްގެ އިތުރުން ސައުތް ބަތަލާ ރަޝްމިކާ ބޮލީވުޑަށް ތަޢާރަފްވި ފިލްމެވެ.

މިފާހަގަކުރެވުނު ފިލްމުތަކުގެ އިތުރުންވެސް އިތުރު އާ ވެބް ސީރީސްތަކާއެކު ރީތި ފިލްމުތަކެއް މިޑިސެމްބަރުމަހު ނެޓްފްލިކްސްއިން ޕްރިމިއަކުރުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޑިސެމްބަރު މަހު ޗުއްޓީގައި ގޭގައި ހޭދަކުރާމީހުންނަށް މިއީ ރަނގަޅު ފިލްމު ލިސްޓަކަށް ވާނެއެވެ.

comment ކޮމެންޓް