ބޮލީވުޑްގެ ތަރިން އާލިއާ ބަޓްއާއި ރަންބީރް ކަޕޫރުގެ ދަރިފުޅުގެ ނަން އެ ދެމަފިރިން ހާމަކޮށްފިއެވެ.
މި އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހު ކައިވެނި ކުރި އާލިއާ އާއި ރަންބީރަށް ވަނީ މިމަހުގެ ހަޔެއްގައި އަންހެން ކުއްޖަކު ލިބިފައެވެ.
އާލިއާ މިއަދު ކުރި އިންސްޓަގްރާމް ޕޯސްޓެއްގައިވާ ގޮތުން އޭނާގެ ދަރިފުޅަށް ނަން ދީފައި ވަނީ ދަރިފުޅުގެ މާމަ ނީތޫ ކަޕޫރެވެ.
އެ ޕޯސްޓުގައިވާ ގޮތުން، ދަރިފުޅުގެ މާމަ ހޮވާފައިވާ ނަމަކީ "ރަހާ"އެވެ. އެއީ ވަރަށް ރީތި މާނަތަކެއް އެކުލެވޭ ނަމެއް ކަމަށް ބުނެ އާލިއާ ވަނީ ތަފާތު ހަތަރު ބަހެއްގައި، އެ ނަމުގެ މާނައަކީ ކޮބައިކަން ކިޔައިދީފައެވެ.
އޭގެ ތެރޭގައި، އެފްރިކާގެ ބައެއް ގައުމުތަކުގައި ވާހަކަދައްކާ ސްވާހިލީ ބަހުން އެ ނަމުގެ މާނައަކީ އުފާވެރިކަން ކަމަށް އާލިއާ ބުންޏެވެ. ސާންސްކްރިތު ބަހުން އެ ނަމުގެ މާނައަކީ ނަސަބު ކަމަށްވާ އިރު ބަންގްލަދޭޝް ބަހުން އެ ނަމުގެ މާނައަކީ އަރާމެއް ނުވަތަ ލުޔެއް ލިބުމެވެ.
މީގެ އިތުރުން އަރަބި ބަހުން ރަހާގެ މާނައަކީ ސުލްހަވެރިކަން ކަމަށާއި އެ ނަމުގެ އިތުރު މާނަތަކުގެ ތެރޭގައި އުފަލާއި މިނިވަންކަން ހިމެނޭ ކަމަށް އާލިއާ ބުނެފައިވެއެވެ.

އާލިއާ އާއި ރަންބީރު ވަނީ ދަރިފުޅުގެ ނަން ޖަހާފައިވާ ޖާޒީއަކާއެކު، ދަރިފުޅުގެ ނަން ހާމަކޮށްފަ -- ފޮޓޯ/ އިންސްޓަގްރާމް
އެ ނަން ހާމަ ކުރަމުން އާލިއާ ބުނެފައިވަނީ ދަރިފުޅު އެންމެ ފުރަތަމަ ފަހަރަށް އުރާލެވުމާއެކުވެސް، އެ ނަމުން ދޭހަވާ ހުރިހާ އިހުސާސެއް ކުރެވުނު ކަމަށެވެ. އަދި ދަރިފުޅާއެކު ދެމަފިރިންގެ އާއިލާއަށް ވެސް އުފާވެރިކަން ގެނެސްދީފި ކަމަށާއި މިއީ ދެތަރިންގެ ދިރިއުޅުމުގެވެސް އައު ފެށުމެއްކަމަށް އާލިއާ ބުންޏެވެ.
އާލިއާ އިންސްޓަގްރާމްގައި ހިއްސާ ކުރި ފޮޓޯއިން ފެންނަނީ ދަރިފުޅުގެ ނަން، ފުޓްބޯޅަ ކްލަބް ބާސެލޯނާގެ ޖާޒީއެއްގައި ޖަހާފައިވާ މަންޒަރެވެ.
އާލިއާ އާއި ރަންބީރު އެކީގައި ފިލްމު "ބްރައްމަސްތުރާ"އިން ދާދި ފަހުން ފެނިފައިވާއިރު އާލިއާ ވަރަށް އަވަހަށް ފިލްމީ މަސައްކަތަށް އެނބުރި ނުކުންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އާލިއާގެ ނުނިމިހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭގައި ކަރަން ޖޯހަރު ޑައިރެކްޓްކުރާ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އަދި ޑައިރެކްޓަރު ފަރްޚާން އަޚްތަރުގެ ފިލްމު "ޖީ ލޭ ޒަރާ" ހިމެނެއެވެ.
ރަންބީރްގެ ދެން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި، ބަތަލާ ރަޝްމިކާ މަންދަންނާއާއެކު ކުޅޭ ފިލްމު "އެނިމަލް" ހިމެނެއެވެ. އަދި ޓީ-ސީރީސްއިން ބަތަލާ ޝްރައްދާ ކަޕޫރާއެކު ވެސް ފިލްމެއްގެ މަސައްކަތް ކުރުމަށް އޭނާ ވަނީ ސޮއިކޮށްފައެވެ. އެ ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވެއެވެ.