އެމްއެމްޑަބްލިއުއެމް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

މިދިޔަ އަހަރުގެ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ތެރެއިން

އުރީދޫ މޯލްޑިވްސް އާއި މޯލްޑިވްސް ކްރިކެޓް ބޯޑް ގުޅިގެން، މިޝަން ފޯ މައިގްރެންޓް ވޯކާސް (އެމްއެމްޑަބްލިއުއެމް)އިން ބިދޭސީންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އަހަރީ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކްރިކެޓް ކާނިވަލް ދޭއް ޑިސެމްބަރުވާ ހުކުރު ދުވަހު ހެނދުނު 8:00 އިން ފެށިގެން 18:00 އާހަމައަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި އެ ބޯޑުގެ މުވައްޒަފުންނެވެ. މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރު އުރީދޫ މޯލްޑިވްސް އާއި ކްރިކެޓް ބޯޑް ގުޅިގެންނެވެ.

މިދިޔަ އަހަރުގެ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ތެރެއިން

މި ކާނިވަލަކީ އަހަރަކު އެއް ފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، ބިދޭސީ މަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގާ ހަރަކާތެއް ކަމަށް އުރީދޫއިން ބުންޏެވެ.

ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމްއިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސި މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެެވެ.

މިދިޔަ އަހަރުގެ މައިގްރެންޓް ވޯކާސް ކްރިކެޓް ކާނިވަލްގެ ތެރެއިން

އެމްއެމްޑަބްލިއުއެމްއަށް މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މިއަހަރުގެ ކްރިކެޓް ކާނިވަލަށް ވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސާއެއްގެ ގޮތުގައި އުރީދޫން ހަރަކާތްތެރިވުމަކީ އެޖަމްޢިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް ވެސް އެޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެމްއެމްޑަބްލިއުއެމް އަކީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތު ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ޖަމުއިއްޔާއެކެވެ.

comment ކޮމެންޓް