ކެމަރޫން އަތުން ސްވިޒަލެންޑަށް ހަނި މޮޅެއް، ގޯލު ޖެހީ ކެމަރޫނަށް އުފަން އެމްބޯލޯ

އެމްބޯލޯ---

ފީފާ ވޯލްޑް ކަޕްގައި ސްވިޒަލޭންޑުން ކެމަރޫންގެ މައްޗަށް ކުރި ހޯދައިފިއެވެ.

އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުން ސްވިޒަލޭންޑު މޮޅުވެގެންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަަމަ ކުޅުމެއް ފެނުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ،

މެޗުގެ 34 ވަނަ މިނެޓުގައި ކެމެރޫނަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. އެ ޓީމުގެ ބްރަޔަން ބުއެންބޯ ސްވިޒަލޭންޑް އޭރިއާގެ އަރިމަތިން ނެގި ހުރަހަށް ޓޯކޯ އެކަމްބީ ހުސްކޮށް އެރި ނަމަވެސް އޭނާއަށް އެ ބޯޅަ ލިބުމުގެ ކުރިން ސްވިޒަލޭންޑްގެ ޑިފެންޑަރުން ވަނީ އެ ބޯޅައަށް ހުރަސް އަޅާފައެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ތެރޭގައި ސްވިޒަލޭންޑަށް ވަނީ ގޯލެއް ޖަހާނެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެ ޓީމަށް ލިބުނު ކޯނަރަކުން މެނުއަލް އަކަންޖީ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސްވިޒަލޭންޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ ޝަގީރީ ނެގި ހުރަހަކުން ކެމަރޫންއަށް އުފަން ބްރީލް އެމްބޯލޯއެވެ.

ކެމަރޫން އަދި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ ގެޓީ އިމޭޖްސް

މެޗުގެ 66 ވަނަ މިނެޓުގައި ސްވިޒަލޭންޑަށް ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކުރުމަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޝަގީރީ ނެގި ހުރަހުން ކެމަރޫންގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުސްކޮށް ހުރެ ރުބެން ވާގަސް ފޮނުވާލި ބާރު ހަމަލާއަށް ހުރަސް އެޅީ ކެމަރޫންގެ ކީޕަރު އަންދްރޭ އޮނަނާއެވެ.

މެޗުގެ 88 ވަަނަ މިނެޓުގައި ސްވިޒަލޭންޑުގެ ގްރަނިޓް ޒަކާ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ކެމަރޫންގެ ކީޕަރު އޮނަނާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައި ސްވިޒަލޭންޑުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ހަރިސް ސެފްރޮވިޗަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. ކެމަރޫންގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އޭނާ ފޮނުވާލި ހަމަލާ ދިފާއު ކުރީ ވެސް ކެމަރޫންގެ ޑިފެންޑަރެކެވެ.

ވޯލްޑްކަޕްގައި ކެމަރޫން އަދި ސްވިޒަލޭންޑު ހިމެނިފައިވަނީ ގްރޫޕް ޖީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސާބިއާ އާއި ބްރެޒިލްއެވެ.

comment ކޮމެންޓް