ފިޓުކޮށް ހުރި ސޮން އާއިއެކު ސައުތު ކޮރެއާ އުންމީދުގައި

ޕްރިވިއު

މިމަހުގެ ކުރީ ކޮޅުގައި ޓޮޓެންހަމް ހޮޓްސްޕާގެ ޖާޒީގައި ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗެއްގެ ތެރެއިން ލިބުނު އަނިޔާ އާއި ގުޅިގެން ފަރުވާ ހޯދުމަށްފަހު، ސައުތު ކޮރެއާގެ ތަރި ސޮން ހިއުންގް މިން މިހާރު ހުރީ ފިޓު ކޮށެވެ.

މިއަދު އުރުގުއާއި އާއި ދެކޮޅަށް ކުޅޭ މެޗުގައި ސޮން އަށް ކުޅެވުން އެއީ މި މުބާރާތުގެ ފުރަތަމަ މެޗާއި ކުރިމަތިލާއިރު ކޮރެއާ އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

މެޗުގައި ސޮން ކުޅުނު ނަމަވެސް، އޭނާ ކުޅޭނީ ރައްކާތެރިކަމުގެ ފޭސް މާސްކެއް އަޅައިގެންނެވެ.

މެޗު ކުޅޭ ދަނޑު

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް

އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް ---

ގަތަރުގެ އަލް ރައްޔާނުގައި 45،350 މީހުންނަށް ވަދެވޭ ގޮތަށް ހަދާފައިވާ އެޑިއުކޭޝަން ސިޓީ ސްޓޭޑިއަމް ހުޅުވާފައިވަނީ 2020 ވަނަ އަހަރު ޑިޖިޓަލް ހަފްލާއަކުންނެވެ.

ފީފާ އަރަބް ކަޕް 2021 އަދި ފީފާ ވޯލްޑް ކަފް 2020ގެ ބައެއް މެޗްތައް މި ސްޓޭޑިއަމްގައި ކުޅެފައިވެއެވެ. މީގެ އިތުރުން މި ސްޓޭޑިއަމްގައި ޖުމްލަ އަށް މެޗު ކުޅޭނެއެވެ.

ސައުތު ކޮރެއާ

ނޯތު ކޮރެއާގެ ޖާޒީ ---

ސައުތު ކޮރެއާ އަކީ އޭޝިއާ ރީޖަންގައި ތިންވަނަ އަށް ރޭންކު ކޮށްފައިވާ ޓީމެވެ. ދުނިޔޭގެ ރޭންކިންގް އަށް ބަލާއިރު އެ ޓީމު އޮތީ 28 ވަނައިގައެވެ.

މުބާރާތުގެ މިހާތަނަށް އައި އިރު އޭޝިއާ ޓީމުތަކުން ވަނީ ދުނިޔޭގެ ބޮޑެތި ބާރުތައް ބަލިކޮށްފައެވެ. އެގޮތުން އާޖެންޓީނާގެ މައްޗަށް ސައުދީ އަރަބިއްޔާ އިން އަދި ޖަޕާނުން ޖަރުމަނުގެ މައްޗަށް ހޯދި މޮޅުގެ ސަބަބުން، އޭޝިއާގެ ފުޓުބޯޅައިގެ ފެންވަރު ކުރިއަރައިފައި އޮތް މިންވަރު ދެނެގަނެވޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެހެންކަމުން މި މެޗަކީ ފުޓުބޯޅައިގައި މި ސަރައްހަދުގެ އަގު ހިފެހެއްޓުމަށް ކޮރެއާ އިން ނުކުންނާނެ މެޗަކަށް ވާނެއެވެ.

ކޮރެއާ އިން ވަނީ ވޯލްޑް ކަޕުގެ 10 މުބާރާތެއްގައި ކުޅެފައެވެ. އެންމެ ފުރަތަމަ ސައުތު ކޮރެއާ އިން ވޯލްޑް ކަޕުގައި ކުޅެފައިވަނީ 1954 ވަނަ އަހަރުއެވެ.

1986 ވަނަ އަހަރަށް ފަހު ކުޅުނު ހުރިހާ ވޯލްޑް ކަޕެއްގައި ސައުތު ކޮރެއާ އިން ކުޅެފައިވެއެވެ. އެ ގައުމުން ވޯލްޑް ކަޕުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެފައި ވަނީ 2002 ވަނަ އަހަރުއެވެ. އެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެފައިވެއެވެ.

ސޮން ހިއުންގް މިން

ސޮން ހިއުންގް މިން..

ސޮން އަކީ އިނގިރޭސި ފުޓުބޯޅަ ބަލާ މީހަކަށް އައު ނަމަކަށް ނުވާނެއެވެ. ޕްރިމިއަރ ލީގުގައި މިވަގުތު ހުރި އެންމެ ގާބިލް އެއް ކުޅުންތެރި އަކީ އެއީ އެވެ. އަޚުލާގުގެ ގޮތުންނާއި ހުނަރުގެ ގޮތުން އެއީ ނަމޫނާ އެކެވެ.

ކޮރެއާގެ ސީނިއަރ ގައުމީ ޓިމަށް ސޮން ކުޅެން ފެށީ 2010 ވަނަ އަހަރުއެވެ. މިއަދާއި ހަމައަށް އައި އިރު އޭނާ ވަނީ ގައުމީ ޖާޒީގައި 104 މެޗު ކުޅެދީ 35 ލަނޑު ޖަހާފައެވެ.

ސައުތު ކޮރެއާގެ ސީނިއަރ ގައުމީ ޓީމާއެކު ސޮން އަށް ހޯދުނު ހަމައެކަނި ކާމިޔާބީ އަކީ، 2015 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕުގެ ރަނަރަޕް ކަން ހޯދުމެވެ.

އުރުގުއާއި

އުރުގުއާއި ޓީމުގެ ޖާޒީއެއް ---

ސައުތު ކޮރެއާ އާއި ދެކޮޅަށް ނުކުންނަ އުރުގުއާއި އަކީ މި ޝަރަފުވެރި މުބާރާތުގެ އެންމެ ފުރަތަމަ އެޑިޝަން، 1930 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. އެފަހަރުގެ މުބާރާތް ބޭއްވީވެސް އެ ގައުމުގައެވެ.

އުރުގުއާއި އިން ވަނީ ދެ ފަހަރެއްގެ މަތީން މި މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ ފުރަތަމަ މުބާރާތުގެ އިތުރުން 1950 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އުރުގުއާއި ކެޓީ ކުއާޓަރ ފައިނަލާއި ހަމައިންނެވެ.

ލުއިސް ސުއަރޭޒް

ލުއިސް ސުއަރޭޒް --

އުރުގުއާއި ޓީމަކީ ތަރިންގެ ގޮތުގައި ބެލެވޭނެ އެތައް ކުޅުންތެރިއެއް ހިމެނޭ ވަރުގަދަ ސްކޮޑެއް އޮތް ޓީމެކެވެ. އެޑިންސަން ކަވާނީ، ރޮނާލްޑް އަރައުހޯ، ފެޑެރިކޯ ވަލްވަޑޭ އަދި ޑާވިން ނުނޭޒް އަކީ މިހާރު ފުޓުބޯޅައިގައި އެންމެ ފާހަގަ ކޮށްލެވޭ ނަންތަކެވެ.

އެހެންނަމަވެސް މި ކުޅުންތެރިންގެ އިތުރުން ލުއިސް ސުއަރޭޒްގެ ނަމަކީ ވަކިން ފާހަގަ ކޮށްލަން ޖެހޭ ނަމެކެވެ.

އުރުގުއާއި ގެ ގައުމީ ޓީމަށް 2007 ވަނަ އަހަރު ކުޅެން ފެށި ސުއަރޭޒް މިހާތަނަށް ގައުމީ ޖާޒީގައި 134 މެޗު ކުޅެފައިވާއިރު 68 ލަނޑު ކާމިޔާބު ކޮށްދީފައިވެއެވެ.

އަދި 2011 ވަނަ އަހަރު އޭނާ ވަނީ އުރުގުއާއި ޓީމާއެކު ކޮޕާ އެމެރިކާގެ ތަށި އުފުލާލާފައެވެ.

ކުލަބު ފުޓުބޯޅައިގައި ސުއަރޭޒް ހޯދާފައިވާ ކާމިޔާބީ ތަކުގެ އަދަދު އަދި މާ ގިނައެވެ.

ހެޑް-ޓު-ހެޑް

މި ދެ ޓީމުގެ ދެމެދުގައި މިހާތަނަށް ޖުމްލަ އަށް މިނެޓު ކުޅެފައިވެއެވެ.

އޭގެ ތެރެއިން ހަ މެޗުން މޮޅުވެފައި ވަނީ އުރުގުއާއި އެވެ. މޮޅުވި މެޗުތަކުގެ ތެރޭގައި ވޯލްޑް ކަޕުގައި ކުޅުނު ދެ މެޗުވެސް ހިމެނެއެވެ. އަނެއް ދެމެޗުގެ ތެރެއިން އެއް މެޗަކީ ނެހްރޫ ކަޕުގައި ކުޅެ އެއްވަރުވި މެޗެކެވެ. އުރުގުއާއި އަތުން ކޮރެއާ މޮޅުވެފައި ވަނީ އެންމެފަހުން މި ދެޓީމުގެ ކުރިމަތިލުމުގައި 2018 ވަނަ އަހަރު އެކުވެރި ކަމުގެ މެޗެއްގައެވެ.

comment ކޮމެންޓް