ޖިނާއީ އިޖުރާތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގުކުރައްވައިފި

ރައީސް ޞާލިހު --

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި ބަދަލުތައް ރައީސް އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާ ގުޅޭ އުސޫލަށް ބަދަލުތަކެއްވަނީ ގެނެސްފައެވެ.

އެގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައިވާ މައްސަލައެއްނަމަ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަށް ޕީޖީއަށް ވެސް އެދެވޭ ގޮތަށްވަނީ އިސްލާހުކޮށްފައެވެ.

އަދި ބަންދުގައިވާ މީހުންގެ މައްޗަށް ދައުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ގާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ވެސްވަނީ ބަދަލު ގެނެސްފައެވެ.

އެގޮތުން ޖިނާއީ ކުށެއްގައި ބަންދުކުރާ މީހަކު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކުރާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަޙްޤީޤު ނިންމައި ޕީޖީ އޮފީހަށް ހުށަހަޅައި ދައުވާ އުފުލަން ޖެހެއެވެ.

ނަމަވެސް އަަލަށް ގެނައި އިސްލާހުގައި ޕީޖީއިން ދައުވާ އުފުލާނަމަ، އެ އޮފީހަށް އެ މައްސަލައެއް ހުށަހަޅާތާ 15 ދުވަހުގެ ތެރޭ ދައުވާ އުފުލަންވަނީ އިތުރު މުއްދަތެއް ދީފައެވެ.

ހަމައެއާއެކު މީހަކު ކުރިކަމަށް ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށެއް ކަމުގައިވާނަމަ، އެ މައްސަލައިގެ ބާވަތުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މައްސަލައިގެ ތަހުގީގު ފުރިހަަމަ ނުކުރެވޭނަމަ އިތުރު މުއްދަތު ހޯދަން ޕީޖީގައި އެދެވޭނެއެވެ.

އިތުރުކޮށްދެވޭނީ އެންމެ ގިނަވެެގެން 60 ދުވަހުގެ މުއްދަތެކެވެ.

ހަމައެއާއެކު ކުށުގެ ތުހުމަތުގައިވާ މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލާ ދެމެދު ވެވޭ އިޢުތިރާފުގެ އެއްބަސްވުމާ ގުޅޭ އުސޫލުތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.

އަދި ޖިނާއީ މައްސަލައެއްގައި ޝަރީއަތުގައި ހެކިބަސް ދޭ މީހާ ހިމާޔަތްކުރުމުގެ އަމުރަކަށް އެދުމާއި އަމުރު ނެރެދިނުމާ ގުޅޭ އުސޫލުތަކާއި ހިމާޔަތްކުރެވޭ ހެކީންގެ ހެކިބަސް ނެގުމާ ގުޅޭ އުސޫލުތައް ވެސް ކަނޑައަޅައިފައިވެއެވެ.

އިތުރު މުހިންމު ގިނަ އިސްލާހުތަކެއް ވެސް ގާނޫނަށްވަނީ ގެނެސްފައެވެ.

މިއަދުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފަށާނެއެވެ.

comment ކޮމެންޓް