ގައުމަށް ބޭނުންވަނީ ސިޔާމްފަދަ އިންގިލާބީ ބަދަލެއް ގެނެވޭނެ ލީޑަރެއް: ރަފިއްޔާ

އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާއި ނައިބު ރައީސާ އައިޝަތު ރަފިއްޔާ -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއަށް އިންގިލާބީ ބަދަލެއް ގެނެސްދެވޭނީ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުފަދަ ލީޑަރަކަށްކަމަށް އެ ޕާޓީގެ ނައިބު ރައީސާ އައިޝަތު ރަފިއްޔާ ވިދާޅުވެއްޖެއެވެ.

ފޭސްބުކު މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއްގައި ރަފިއްޔާ ވިދާޅުވީ ސިޔާމްއަކީ ރިސްކު ނަގަން ކެރޭ، ވިޝަނަރީ ވެރިއެއްކަމަށެވެ. އަދި އޭނާ އަކީ ވިޔަފާރީގެ ގޮތުން ވެސް ކުރިއަރައިފައިވާ ގާބިލް ވިސްނުމެއްގެ ބޭފުޅެއްކަމަށް ވެސް ރަފިއްޔާ ވިދާޅުވިއެވެ.

"ޓޫރިސްޓުންގެ ތެރެއިން ގާތްގަނޑަކަށް އެއްލައްކައެއްހާ ނުވަތަ 90،000 ފަތުރުވެރިން ދަތުރުކުރި ސަން ސިޔާމްގެ ރިސޯޓުތަކަށް އިނގޭތޯ. މި ދެންނެވީ އަޅުގަނޑުމެންގެ ރައީސްގެ ރިސޯޓުތަކަށް،" ރަފިއްޔާ ވިދާޅުވިއެވެ.

"ދަތުރުކުރި އިރުގައި މި ހުރިހާ އެންމެނަށް ނެތުމުގެ ތެރެއިން ބޯހިޔާ ވަހިކަން ތައްޔާރުކޮށްދީ، ފައިވް ސްޓާ ލެވެލަށް ބޯހިޔާވަހިކަން ދިން. ނަރުދަމާ އުފައްދައިގެން އެ ޚިދުމަތް ފައިވް ސްޓާ ފެންވަރަށް ދިން. އަދި ކަރަންޓު އަމިއްލައަށް އުފައްދައިގެން އެ ޚިދުމަތް ވެސް ފައިވް ސްޓާ ލަގްޒަރީ ފެންވަރަށް ދިން އިނގޭތޯ."

އެއާއެކު ދައުލަތަށް ޓެކްސް ދައްކައި، ފައިދާ ހޯދައި، އެހާ ގިނަ އަދަދެއްގެ ފަތުރުވެރިން ލަގްޒަރީ ފެންވަރުގައި ސިޔާމްއަށް ބެލެހެއްޓޭނަމަ، ރާއްޖޭގެ ފަސް ލައްކައެއްހާ އާބާދީ އެ ފެންވަރުގައި ނުބެލެއްހެއްޓެންވީ ސަބަބެއް ނެތްކަމަށް ރަފިއްޔާ ވިދާޅުވިއެވެ.

ރަފިއްޔާ ވިދާޅުވީ ސިޔާމް މެމްބަރުކަން ކުރައްވާ ދ. މީދޫ ދާއިރާއަށް ވެސް ބޮޑު ހެޔޮ ބަދަލެއް ގެނެސްދެއްވިކަމަށެވެ.

އެގޮތުން ތައުލީމާއި ސިއްހީ ކަންކަމާއި އިޖްތިމާއީ ގިނަ ކަންތައްތަކެއް އެ ދާއިރާގައި ތަރައްގީކޮށްދެއްވައިފައިވާކަމަށް ވިދާޅުވިއެވެ.

މި ސަރުކާރާމެދު ނުރުހުން ފާޅުކުރައްވަމުން ރަފިއްޔާ ވިދާޅުވީ ސަރުކާރަށް ކަމެއް ނުކުރެވޭ ކޮންމެ ފަހަރަކު އެ ކަމެއް މިހާރު އަޅުވަނީ ކޮވިޑުގެ މަތީގައިކަމަށެވެ.

އެހެންނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖެއަަށް ބޭރުގެ ގިނަ އެހީތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު މި ދަންނަވަނީ އެ ދުވަސްވަރުގައި ރާއްޖެއަށް ލިބުނު ޓެކްސް ފައިސާއަށް ކީއްބާއޭ މި ކުރީ ދެއްތޯ. ކުރި ކަމެއް ވެސް އޮންނަންޖެހޭނެތާ،" ރަފިއްޔާ ވިދާޅުވިއެވެ.

comment ކޮމެންޓް