ޓޭލާގެ ޓުއާގެ ޓިކެޓުތަކުގެ އަގު 95،000 ޑޮލަރަށް!

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓުގެ ޓުއާގެ ޓިކެޓުތަކުގެ އަގު ބޮޑުވަމުން ގޮސް ބައެއް ޓިކެޓުތަކުގެ އަގު 95،000 އެމެރިކާ ޑޮލަރަށް އަރާފައިވާ މައްސަލަ ހޫނުވެއްޖެއެވެ.

އެމެރިކާގައި އިވެންޓުތަކުގެ ޓިކެޓު ވިއްކުމަށް ހާއްސަ ޕްލެޓްފޯމެއް ކަމަށްވާ "ޓިކެޓްމާސްޓާ" އިން ވަނީ ޓުއާ ޓިކެޓްގެ ޕްރީ ސޭލްގައި ފަހަށް ނުވިސްނާ ޓިކެޓް ވިއްކަން ފަށާފައެވެ. ޓިކެޓަށް އޮތް ޑިމާންޑަށް ވިސްނުމެއް ނެތި ޓިކެޓު ވިއްކަން ހުޅުވާލި ވަގުތު ޓިކެޓު ގަނެވުނީ ޓޭލާގެ މަދު ފޭނުންތަކަށެވެ.

ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ ޓިކެޓްމާސްޓާގެ ޕްލެޓްފޯމް ކްރެޝްވެ އިތުރަށް ޓިކެޓް ގަނެވޭ ގޮތް ނުވިއެވެ. ޓިކެޓްމާސްޓާ އިން ބުނެފައިވަނީ ޑިމާންޑާ އެއްވަރަށް އިންވެންޓަރީގައި ޓިކެޓު ނެތުމުން ޓިކެޓު ވިއްކުން ކެންސަލު ކޮށްލާފައިވާ ކަމަށެވެ. އަދި އެކަމަށް މައާފަށް އެދިފައިވާއިރު ޓިކެޓްމާސްޓާއިން ވަނީ އެކަމުގެ ޒިންމާ ނެގުމަށް ދެކޮޅު ހަދާފައެވެ.

އެ ޕްލެޓްފޯމު ކްރެޝް ވުމާއެކު މާ ގިނަ އިރެއް ނުވެ އޮންލައިންކޮށް ޓޭލާގެ ޓިކެޓުތައް ވަރަށް ބޮޑެތި އަގުގައި ފެންނަން ފެށިއެވެ. އޭގެތެރެއިން ބައެއް ޓިކެޓުތައް 95،000 ޑޮލަރަށް އަރައެވެ. އެއްބައި ފޭނުން ވަނީ 5،500 ޑޮލަރަށް ވެސް ޓިކެޓު ގަނެފައެވެ. އަނެއްބައި ފޭނުން ތިބީ ޓިކެޓެއް ނުލިބިގެން އެކަމާ ރުޅިގަދަ ވެފައެވެ.

މި މައްސަލައާ ގުޅިގެން ޓޭލާ ދާދި ފަހުން ވަނީ ފޭނުންގެ ގާތުން މައާފަށް އެދިފައެވެ. އަދި މި މައްސަލައިގައި ޓިކެޓްމާސްޓާ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް ޓޭލާ ބުންޏެވެ.

މި ޓިކެޓަކީ އަންނަ އަހަރުގެ މާޗު މަހުގައި އެމެރިކާގައި ޓޭލާ ފަށާ ޓުއާގެ ޓިކެޓެވެ. ފަސް މަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓުއާގައި ޓޭލާ 52 ކޮންސާޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް