ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ, ފީފާ ވޯލްޑް ކަޕް 2022 ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއްގައެވެ.
މި ސިޓީފުޅުގައި ރައީސް ވަނީ, ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފައެވެ. އަދި، ގަތަރުގެ މުއްސަނދި ސަގާފަތާއި އާދަކާދަ ދައްކުވައިދޭ ހިތްގައިމު ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖެއާއި މުޅި ދުނިޔެވެސް އިންތިޒާރުކުރާކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ, ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވޯލްޑް ކަޕް މުސްލިމް ގައުމެއްގައި ބާއްވާތީ އެކަމާ އުފާކުރައްވާކަމަށާއި، ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ފީފާ ފޯލްޑް ކަޕް، ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި މިރޭ ފަށާނެއެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ސްކްރީން ބަހައްޓާ, މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.