އެކްޓަރު އަލީ ފަޒަލްއަށް އިތުރު ހޮލީވުޑް ފިލްމެއް

އެކްޓަރު އަލީ ފަޒަލްއަށް

ފިލްމު "ފުކްރޭ" އަދި "ސޮނާލީ ކޭބަލް"އިން ބެލުންތެރިންގެ މަގުބޫލުކަން ހޯދި އެކްޓަރު އަލީ ފަޒަލްއަށް ހޮލީވުޑްގެ އިތުރު ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

"އަފްގާން ޑްރީމާސް" ނަމަކަށްކިޔާ މިފިލްމަކީ، ދެ ފަހަރުމަތީން އޯސްކާ އެވޯޑް ކާމިޔާބުކޮށްފައިވާ ބިލް ގޫޓްން ޓާގް ޑައިރެކްޓްކުރާ ފިލްމެކެވެ.

ބިލް މަޝްހޫރުވެފައިވަނީ އޭނާ އޮސްކާ އެވޯޑް ކާމިޔާބުކުރި ކުރު ޑޮކިއުމެންޓްރީ ފިލްމު "ޔޫ ޑޯންޓް ހޭވް ޓު ޑައި" އަދި "ޓްވިން ޓަވާސް" ފިލްމްއިންނެވެ.

މޮރޮކޯގައި ފިލްމުގެ ޝޫޓިންގް ކުރިއަށްދާއިރު މިފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ، އަފްޣާނިސްތާނުގެ އަންހެނުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިވެރިޔާ ރޯޔާ މެހްބޫބް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. އެގޮތުން އަފްޣާނިސްތާނުގެ ސިޔާސީ މައިދާނަށް އަންނަ ބަދަލާއެކުވެސް އެޤައުމަށް ނިސްބަތްވާ އަންހެން ކުދީންގެ ޓީމަކުން އެކުދިންނަށް ލިބިފައިވާ ހުނަރު ބޭރުގެ އެކި ޤައުމުތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރާ މަސައްކަތްތައް މިފިލްމުން ފެނެއެވެ.

މިފިލްމުގައި އެކްޓަރު އަލީ ކުޅޭ ރޯލާބެހޭގޮތުން ވާހަކަ ދައްކަމުން އެކްޓަރު ބުނެފައިވަނީ ޑައިރެކްޓަރު ބިލް ގޫޓްންއާއެކު މަސައްކަތްކޮށްލަން ލިބުމަކީ ހުވަފެނެއް ހަޤީޤަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ.

"އަފްޣާން ޑްރީމާސް"އަކީ ވަރަށް މުހިއްމު ފިލްމެއްކަމަށާއި ފިލްމުގައި ކިޔައިދޭ ވާހަކައަކީ އޯޑިއަންސަށް ކޮންމެހެންވެސް ކިޔައިދިނުން މުހިއްމު ވާހަކައެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.

އެމޭޒަން ޕްރައިމްއިން ގެނެސްދިން ކްރައިމް ތްރިލާ "މިރްޒާޕޫރް"އިންވެސް ބޮޑު މަޤުބޫލުކަމެއް ހޯދި އެކްޓަރު މީގެކުރިންވެސްވަނީ ހޮލީވުޑްގެ ފިލްމީ ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން އަލީގެ ފުރަތަމަ ހޮލީވުޑް ފިލްމު ރިލީޒްކުރެވިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުތެރޭގައެވެ.

"ޑެތް އޮން ދަ ނީލް" ކިޔާ މިފިލްމަކީ، 2017ވަނަ އަހަރު ރިލީޒްކުރި ފިލްމު "މާޑަރ އޮން ދި އޮރިއެންޓް އެކްސްޕްރެސް"ގެ ސީކުއަލްއެކެވެ. މިފިލްމުގެ ކާސްޓުންގެތެރޭގައި ކެނެތު ބްރެނާ، ގަލް ގެޑޯ، ރަސެލް ބްރޭންޑް އަދި ޓޮމް ބޭޓްމަން ހިމެނެއެވެ.

އަލީގެ ކުރިއަށްހުރި ހޮލީވުޑްގެ އިތުރު ފިލްމުތަކުގެތެރޭގައި ޖެރާޓް ބަޓްލާއެކު ކުޅޭ ފިލްމު "ކަންދަހާރް" ހިމެނެއެވެ. މިފިލްމު ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުއެވެ.

comment ކޮމެންޓް