ޓްވިޓާއާއި މެޓާއިން ކަނޑާލި މީހުންނަށް އިންޑިއާގެ ކުންފުންޏެއްގެ ވެރިއަކު ވަޒީފާ ދެނީ

އޮންލައިންކޮށް ތަފާތު ކުޅިވަރު ގޭމްތައް ކުޅެވޭ އެޕެއް ކަމަށްވާ ޑްރީމް11ގެ ބާނީ އަދި ސީއީއޯ ހަރްޝް ޖައިން---

ޓްވިޓާއާއި މެޓާ އަދި އެހެނިހެން ޓެކް ކުންފުނިތަކުން ވަޒީފާ ގެއްލުނު އިންޑިއާ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭނެކަމަށް އިންޑިއާގެ ކުންފުންޏެއްގެ ވެރިޔަކު އިއުލާންކޮށްފިއެވެ.

އޮންލައިންކޮށް ތަފާތު ކުޅިވަރު ގޭމްތައް ކުޅެވޭ އެޕެއް ކަމަށްވާ ޑްރީމް11ގެ ބާނީ އަދި ސީއީއޯ ހަރްޝް ޖައިން ވަނީ ޓެކް ކުންފުނިތަކުން ވަޒީފާ ގެއްލުނު އިންޑިއާ މީހުންނަށް އޭނާގެ ކުންފުނިން ވަޒީފާ ދޭނެކަމަށް ބުނެފައެވެ. ހާއްސަކޮށް، ބޭރު ގައުމުތަކުގައި ވިސާގެ މައްސަލަ ދިމާވެފައި ތިބި އިންޑިއާގެ ފަންނުވެރިންނަށް ޖާގަ ދޭނެ ކަމަށް އޭނާވަނީ ވައުދުވެފައެވެ.

ޖައިން ކުރި ޓްވީޓެއްގައި ވަނީ އެމެރިކާއާއި ކެނެޑާގައި ވަޒީފާއިން ވަކިކުރި އިންޑިއާގެ މުވައްޒަފުން އެނބުރި ގައުމަށް ގޮސް އެގައުމުގެ ޓެކް ދާއިރާ ކުރިއަރުވަން އެހީވުމަށް ގޮވާލާފައެވެ.

ޖައިން މިފަދައިން ގޮވާލައިފައިވާއިރު، ޓްވިޓާއިން ދާދި ފަހުން ވަނީ ގާތްގަނޑަކަށް 3،700 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ. އޭގެ ދެތިން ދުވަސް ފަހުން މާކް ޒަކަބާގް އިސްކޮށް ހުރެގެން މެޓާއިން ވަނީ ގާތްގަނޑަކަށް 11،000 މުވައްޒަފުން ދޫކޮށްލާނެ ކަމަށް އިއުލާންކޮށްފައެވެ.

މެޓާ އާއި ޓްވިޓާ އަކީ މުވައްޒަފުން ވަޒީފާއިން ކަނޑާލާނެ ކަމަށް އިއުލާން ކުރި ހަމައެކަނި ޓެކް ކުންފުނިތަކެއް ނޫނެވެ. އެދެ ކުންފުނީގެ އިތުރުން ނެޓްފްލިކްސްއިން މިއަހަރުގެ ކުރީކޮޅު ގާތްގަނޑަކަށް 450 މުވައްޒަފުން ވަޒީފާއިން ވަކިކުރިއިރު، ކޮއިންބޭސްއިން ވަނީ ގާތްގަނޑަކަށް 1،100 މުވައްޒަފުން ވަކިކޮށްފައެވެ. އަދި ރޮބިންހޫޑްއިން ވަނީ ގާތްގަނޑަކަށް 31 ޕަސެންޓް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.

ޖައިން އޭނާގެ ކުންފުނިން އިންޑިއާ މީހުންނަށް ޖާގަ ދިނުމަށް ވައުދުވެފައިވާއިރު، އެމެރިކާގައި މި އަހަރު ހަމައެކަނި ޓެކް ވަޒީފާތަކުން ވަކިކުރި މީހުންގެ އަދަދު ވަނީ 520،000 އިން މައްޗަށް އަރާފައެވެ.

ޖައިންގެ ޑްރީމް11 އަކީ ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ހޮކީ، ވޮލީބޯޅަ، އަދި ބޭސްބޯޅަ ފަދަ އެކި ގޭމްތައް ކުޅެވޭނެ ފެންޓަސީ ސްޕޯޓްސް ޕްލެޓްފޯމެކެވެ. މިޕްލެޓްފޯމްގައި ކުޅުންތެރިން އުފައްދަނީ އަސްލު ކުޅުންތެރިންގެ ވާޗުއަލް ޓީމެއްގެ ގޮތުގައި ފެންނަ ގޮތަށެވެ.

comment ކޮމެންޓް