މިއަހަރުގެ އެންމެ ރީތި ފިލްމަކީ ކޮބާ؟

އަހަރު ނިމެން ކައިރިވެފައިވާއިރު އަޅުވަންހުރި ގިނަ ބޮޑެތި ފިލްމުތައް އަދިވެސް އެބަހުއްޓެވެ. ނަމަވެސް މިހާ ހިސާބަށް އައި އިރު މި އަހަރުގެ ތެރޭގައި ވަނީ ވަރަށް ވަރުގަދަ ފިލްމުތަކެއް ނެރެފައެވެ. އޭގެ ތެރޭގައި ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ ފިލްމުތައް އެބަހުއްޓެވެ.

އެހެންވީމާ މިއަހަރު ނެރުނު ފިލްމުތަކުން ބަލާނެ ފިލްމެއް ނޭނގިގެން އުޅޭ ނަމަ މި ހިމަނާލަނީ ކުޑަ ލިސްޓެކެވެ. މި ލިސްޓަކީ މިއަހަރު ބެލި ފިލްމުތަކުގެ ތެރެއިން އެންމެ ކަމުދިޔަ ފިލްމުތަކުގެ ކުޑަ ލިސްޓެކެވެ.

  1. އެވްރިތިން އެވްރިވެއާ އޯލް އެޓް ވަންސް

މި އަހަރުގެ މިހާތަނަށް ގިނަ ފިލްމުތަކެއް ބަލާފައިވާއިރު އަދިވެސް މި ފިލްމާ ގާތް ކުރެވޭ ވަރަށް ކަމުދިޔަ ފިލްމެއް ބަލާލެވިފައެއް ނުވެއެވެ. މިޝެލް ޔޯ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ ސައިންސް ފިކްޝަން (ސައިފައި) ފިލްމެކެވެ. "މަލްޓިވާސް" ކޮންސެޕްޓް މުޅިން ތަފާތު ގޮތަކަށް ދައްކައިދޭ މި ފިލްމު ބަލަމުންދާ ވަގުތު އެއް މިނެޓަކު ހެމުން ގޮސް ބަނޑަށް ވެސް ތަދުވެދާނެއެވެ. އަދި އަނެއް ވަގުތު ރޮއެރޮއެ އަވަދިވެސް ވެދާނެއެވެ. މި ފިލްމުގައި ހުރިހާ ރަހައެއް އެބަހުއްޓެވެ. ނަމަވެސް ފިލްމް ފޫހި ނުވެ ބަލާލެވެން އޮންނަ ސަބަބަކީ އޭގެއިން ފެންނަ އާއިލީ ގުޅުމެވެ. އާއިލާގައި ދިމާވާ މައްސަލަތަކަކީ ކޮންމެ މީހަކަށް ވެސް ބަލާލާފައި އެކަމާ "ރިލޭޓް" ކުރެވޭނެ މައްސަލަތަކެކެވެ.

  1. ބާބޭރިއަން

ބިލް ސްކާސްގާޑް ލީޑް ރޯލުން ފެންނަ ބާބޭރިއަން އަކީ ލިސްޓަށް ވަރަށް ފަހުން އިތުރުވެފައިވާ ފިލްމެކެވެ. މިއަހަރަކީ ވަރަށް ވަރުގަދަ ބިރުވެރި ފިލްމުތަކެއް ނިކުތް އަހަރެކެވެ. ބާބޭރިއަން އަކީ އޭގެ ތެރެއިން އެއް ފިލްމެވެ. ފިލްމު ބަލާއިރު ދެން ވާނީ ކިހިނެއް ކަމެއް އެއްވެސް މީހަކަށް ލަފާކުރާކަށް ނޭނގޭނެއެވެ.

ފިލްމުގައި ނުދަންނަ ދެމީހުންނަށް އެ ގެއެއް އެއް ވަގުތަކު ރެންޓު ކުރެވެއެވެ. ނަމަވެސް މޫސުން ގޯސްވެ އިތުރު ތަނަކަށް ދެވެން ނެތުމުން ދެމީހުން ނިންމަނީ އެ ގޭގައި މަޑުކުރާށެވެ. އެކަމަކު މިގެއަކީ ބިރުވެރި ސިއްރެއް ފޮރުވިފައިވާ ގެއެކެވެ. ގޭގެ ބޭސްމެންޓުން ފެންނަ ދޮރެއްގެ ފަހަތުން ބިރުވެރި ކަންތައްތައް ފެންނަން ފަށައެވެ. މިއީ ހަމަ ޔަގީނުން ވެސް ބިރު ގަންނަވާލާނެ ފިލްމެކެވެ.

  1. ނޮޕް

ބިރުވެރި އަދި ތުރިލާ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މިއީ ވެސް ވަރަށް ކަމުދާނެ ފިލްމެކެވެ. ކީކީ ޕާމާ އާއި ސްޓީވެން ޔޫން އަދި ޑެނިއެލް ކުލޫޔާ ފެންނަ ނޮޕް އަކީ ސައިފައި ޚިޔާލުތައް ވަރަށް ފުރިހަމައަށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގައި ކެރެކްޓާސް އުޅޭނީ ސްޕޭސްޝިޕެއް ފެނިގެންނެވެ. އެ މީހުންނަށް ފުރަތަމަ ހީވަނީ އެއީ ބޯޓެއް ކަމަށެވެ. ނަމަވެސް ސްޕޭސްޝިޕެއްގެ ސިފައިގައި ހުރި ނަމަވެސް އެއީ އޭލިއަން އެއް ކަން އެނގޭ ހިސާބުން ބިރުވެރިކަން އިތުރުވެގެން ދެއެވެ. އެ އޭލިއަން ކުރަނީ އެންމެ ކަމެކެވެ. އެއީ އަތު ޖެހުނު އެއްޗެއް ކެއުމެވެ. ފިލްމުގެ ކެރެކްޓަރުން މަސައްކަތް ކުރާނީ މި މަންޒަރުތައް ރެކޯޑު ކުރުމަށެވެ. އެއީ އޭލިއަން އުޅޭކަން ސާބިތުކޮށް ފައިސާ ހޯދުމަށެވެ.

ދެން އިތުރަށް މި ފާހަގަކޮށްލަނީ މިއަހަރުގެ ތެރޭގައި ފާހަގަކުރެވުނު އިތުރު ވަރުގަދަ ފިލްމުތަކެވެ.

ވުމަން ކިންގް

ޑިސިޒަން ޓު ލީވް

އޯފަން: ފަސްޓް ކިލް

ޕްރޭ

ޓޮޕް ގަން: މެވަރިކް

ނޯތުމަން

އާރުއާރުއާރު

comment ކޮމެންޓް