އަންނަ އަހަރު އޮސްކާ ހޯސްޓް ކުރާނީ ކިމެލް

ފިލްމީ ދުނިޔޭގެ އެންމެ ބޮޑު އެއް ރޭ ކަމަށްވާ އޮސްކާސް އެވޯޑު ޝޯ އަންނަ އަހަރު ހޯސްޓު ކުރުމަށް، ޓޯކް ޝޯ ހޯސްޓު ޖިމީ ކިމެލް ހަމަޖައްސައިފިއެވެ.

އޮސްކާ އިންތިޒާމު ކުރާ އެކެޑެމީ އިން އެކަން އިއުލާނުކޮށްފައިވަނީ އިއްޔެއެވެ. މިއީ އެކަޑަމީއިން ކިމެލް އޮސްކާ ހޯސްޓު ކުރަން ވެގެން ހޮވި ތިން ވަނަ ފަހަރެވެ. މީގެކުރިން ކިމެލް އޮސްކާ ހޯސްޓު ކޮށްފައިވަނީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ.

އެކަމާ ގުޅިގެން ކިމެލް ބުނެފައިވަނީ ތިންވަނަ ފަހަރަކަށް އޮސްކާ ހޯސްޓު ކުރަން ލިބުމަކީ ބޮޑު ޝަރަފަކަށް ނުވަތަ ބޮޑު ދަންތުރައަކަށް ވެދާނެ ކަމަށެވެ. ކޮންމެ ސަބަބަކާ ހުރެ އެ ފުރުސަތު ދިން ނަމަވެސް އެކަމަށް ޝުކުރުވެރި ވާ ކަމަށް ކިމެލް ބުންޏެވެ.

ކިމެލް ހޯސްޓުކުރި އަހަރުތަކުގައި އެންމެ މޮޅު ފިލްމުތަކުގެ އެވޯޑު ލިބިފައިވަނީ "މޫންލައިޓް" އާއި "ލާ ލާ ލޭންޑް" އަށެވެ.

އަންނަ އަހަރުގެ އޮސްކާ ހޯސްޓު ކުރަން ބަލާއިރު މިއަހަރު ބޭއްވި އޮސްކާ އިވެންޓަކީ އެކި ގޮތްގޮތުން ބަލާނަމަ ވަރަށް ހަނދާނީ އިވެންޓެކެވެ. އެގޮތުން އިވެންޓުގެ ތެރޭގައި މަޝްހޫރު އެކްޓަރު ވިލް ސްމިތު ސްޓޭޖަށް އަރައި އެކްޓަރު ކްރިސް ރޮކް މޫނު މަތީ ޖަހާފައި ވަނީ މިއަހަރުގެ އޮސްކާގައެވެ. މިއީ މުޅި އޮސްކާގެ ފަހުގެ ތާރީހުގައި ވެސް ވެފައި ނުވާ ޒާތުގެ ކަމެކެވެ.

އަންނަ އަހަރުގެ މާޗު މަހުގެ 12 ގައި އޮސްކާ ބޭއްވުމަށް ހަމަޖެހިފައިވާއިރު އޮސްކާގެ ނޮމިނޭޝަންތައް އަދި އިއުލާނުކޮށްފައެއް ނުވެއެވެ. އާންމުކޮށް ނޮމިނޭޝަންތައް އިއުލާނުކުރާނީ ހަފުލާ އާ ގާތްކޮށްފައެވެ.

comment ކޮމެންޓް