ކުޑަކުދިން އިންސްޓަގްރާމް ބޭނުން ކުރަނީ ރައްކާތެރި ގޮތަކަށްތޯ ބަލަން މި ފީޗާ ބޭނުން ކުރެވިދާނެ

އިންސްޓަގްރާމްގައި ޕޭރެންޓަލް ސުޕަވިޝަން ފީޗާ ބޭނުން ކުރުމުން ކުއްޖާގެ އެކައުންޓާ ބެހޭ ގޮތުން ލިބެން ހުންނަ މައުލޫމާތު ---

ބޮޑެތި މީހުންނާއި ކުޑަކުދިންގެ މެދުގައި ވެސް މަޝްހޫރު އިންސްޓަގްރާމަކީ ދޭތެރެދޭތެރެއިން އާ ފީޗާތައް ތައާރަފު ކުރާ އެޕެކެވެ. އެގޮތުން އިންސްޓަގްރާމްގައި ކުޑަކުދިންނަށް ނުރައްކާ ވެދާނެ ފަދަ ކަމަކުން އެކުދިން ރައްކާތެރިކުރުމަށް ބޭނުން ކުރެވިދާނެ "ޕޭރެންޓަލް ސުޕަވިޝަން" ފީޗާއެއް އެ އެޕަށް މިހާރު ވަނީ ތައާރަފްކޮށްފައެވެ.

މި ފީޗާގެ އެހީގައި ދަރިފުޅުގެ ހަރަކާތްތައް ހުންނަނީ ކިހިނެއްކަން ފަސޭހަކަމާއެކު ބަލާލެވޭނެއެވެ. އެގޮތުން އެކުދިންގެ އެކައުންޓަށް އަލަށް އިތުރުވާ ފޮލޯވަރުންނާއި އެ ކުދިން ބްލޮކް ކުރާ އެކައުންޓްތަކާއި އެކައުންޓް ސެޓިންސް އާއި އެޕް ބޭނުން ކުރާ މިންވަރު ބަލާލެވޭނެއެވެ.

ނަމަވެސް މިއީ އިންސްޓަގްރާމްއިން ބެލެނިވެރިންނަށް ފަހިކޮށްދޭ ޖާސޫސީ ފީޗާއެއް ނޫނެވެ. މި ފީޗާ މަސައްކަތް ކުރަނީ ބެލެނިވެރިޔާ އާއި ކުއްޖާއަށް އެކަން ހިނގަނީ ކިހިނެއްކަން ވަރަށް ރަނގަޅަށް ސާފުކޮށްދީ، ދެ ފަރާތުގެ ހުއްދައާއެކުގައެވެ. ނުވަތަ ކުއްޖާގެ ރުހުން ލިބިގެންނެވެ.

އިންސްޓަގްރާމްގައި ޕޭރެންޓަލް ސުޕަވިޝަން ސެޓްއަޕް ހަދާނެ ގޮތް:

މި ސެޓިން ހަދަން ފެށުމުގެ ކުރިން ދެ ފަރާތުންވެސް (ބެލެނިވެރިޔާއާއި، ދަރިފުޅު) ވެސް އަޕްޑޭޓް ކޮށްފައިވާ އިންސްޓަގްރާމް އެޕް ބޭނުން ކުރަމުންދާކަން ޔަގީން ކުރަން ޖެހެއެވެ. އެ ފީޗާ ރަނގަޅަށް މަސައްކަތް ކުރާނީ އެންމެ ފަހުގެ ވާޝަންގައެވެ.

މި ފީޗާ ބޭނުން ކުރެވޭ ގޮތް ހެދޭނީ ކުއްޖާއަކީ 13 އަހަރާއި 17 އަހަރާ ދެމެދުގެ ކުއްޖަކަށް ވާނަމައެވެ.

1: ފޯނުން އިންސްޓަގްރާމް ހުޅުވާލާށެވެ.

2: ކަނާތް ފަރާތުގެ ތިރީ ކަނުގައިވާ ޕްރޮފައިލް ޕިކްޗާއަށް ފިތާލާށެވެ.

3: ކަނާތް ފަރާތުގެ މަތީ ކަނުގައިވާ ހެމްބާގާ އައިކަންއަށް ފިތާލާށެވެ.

4: ސުޕަވިޝަން ބަޓަންއަށް ފިތާލާށެވެ.

5: ކްރިއޭޓް އިންވިޓޭޝަންއަށް ފިތާލާށެވެ.

6: ކްރިއޭޓް އިންވިޓޭޝަން އަށް ފިތާލުމަށް ފަހު ވަޓްސްއެޕް ފަދަ އެޕެއް މެދުވެރިކޮށް އިންވިޓޭޝަން ލިންކް ކުއްޖާއަށް ފޮނުވާލާށެވެ.

7: އެ އިންވިޓޭޝަން ލިންކް ކުއްޖާ 'އެކްސެޕްޓް' ކުރުމުން ކުއްޖާގެ އެކައުންޓް ސުޕަވައިޒް ކުރަން ފެށޭނެއެވެ. ކުއްޖާގެ އެކައުންޓެއް ސުޕަވައިޒް ކުރެވޭނީ އެންމެ ފަރާތަކަށެވެ.

މި ފީޗާ އެނޭބަލް ކުރި ނަމަވެސް ބެލެނިވެރިންނަކަށް ކުދިންގެ އެކައުންޓުގެ މެސެޖުތައް ކިޔުމާއި ސާޗް ހިސްޓްރީ ބެލުން ފަދަ ކަންތައްތަކެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް