އޮރިޔާން ކާޑު ހެދިކަން ސާބިތުވެ ޔާޔާ ނަބީލް އެއް އަހަރަށް ޖަލަށް

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ ހަދައި އާންމުކުރި ނަބީލް

ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯ ހަދައި އާންމުކުރި މައްސަލައިގައި ގ. ކަމަރާގެ، މުހައްމަދު ނަބީލު، 36، އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް އޭނާ ވަނީ މި ކުށަށް އިންކާރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އޭނާ އެ ކުށަށް އިންކާރުކުރި ނަމަވެސް، މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށެވެ.

އެހެންކަމުން އޮރިޔާންކާޑު ހެދިކަމުގެ ކުށުގައި ކްރިމިނަލް ކޯޓުން ވަނީ އެއް އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ޓިކްޓޮކްގައި ބަދުއަޚުލާގީ ވީޑިއޯ ހަދައި އާއްމުކުރާ މައްސަލައިގައި މިދިޔަ މަހުގެ 31ވަނަ ދުވަހު ވެސް އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އަދި ޔާޔާ ނަބީލްގެ ފުށުން މުޖުތަމައުއަށް ނުރައްކަލެއް ނެތް ކަމަށް ބުނެ މި މަހުގެ ދެވަނަ ދުވަހު ވަނީ އޭނާ ބަންދުން ދޫކޮށްލައިފައެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި މިމަހުގެ އެއްވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އަލީ ނަދީމް ވަނީ ޔާޔާ ނަބީލް ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ބަންދުން ދޫކޮށްލި ސަބަބެއް ކަމަށް ބުނެފައިވަނީ ޔާޔާ ނަބީލްގެ ފަރާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއް ލިބުމުގެ ފުރުސަތު ނެތުމުން ކަމަށެވެ. އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބަންދުގައި ހުރިއިރު ޔާޔާ ނަބީލްގެ ފަރާތުން ތަހުގީގަށް އެއްބާރުލުން ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފޯނުގެ ލޮކް ކޯޑު ދިނުމަށް އިންކާރު ވެސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ފިލާފާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނަމަވެސް ފޯނުގެ ލޮކް ކޯޑު ނުދިނުމާ ތަހުގީގަށް ފިލުމާ އެއީ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.

ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން އެދުނު އަނެއް ސަބަބަކީ ޔާޔާ ނަބީލްގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ބުނެއެވެ.

އެ މައްސަލައިގައި ހެކިންގެ ގޮތުގައި ތިބީ ޔާޔާ ނަބީލްގެ އާއިލާ މީހުންނާއި ސޯޝަލް މީޑިއާގައި އޭނާގެ ލައިވް ބަލާ މީހުން ކަން އެނގެން އޮވެއެވެ. ނަމަވެސް ޔާޔާ ނަބީލް އަކީ އޭނާގެ އާއިލާ މީހުނަށް ނުފޫޒު ފޯރުވޭ ފަދަ މަގާމެއްގައި ހުރި މީހެއްކަން ފުލުހުންނަކަށް ބުނެނުދެވުނެވެ. އަދި ލައިވް ވިޑިއޯތައް ބަލަނީ ކޮންބައެއްކަން އޭނާއަށް ނޭންގޭތީ, ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލް އޮތްކަމަށް ނުބެލެވޭ ކަމަށް ގާޒީ ވަނީ ނިންމާފައެވެ.

އެއީ އޭނާ މިފަދަ މައްސަލައެއްގައި ހައްޔަރު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖެހިއެވެ. އެ ފަހަރު ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ.

comment ކޮމެންޓް