ޑީއާރްޕީގައި ހުންނެވުމަށް ފަހު އެމްޑީޕީއަށް ބަދަލުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބުދުއްރަހީމް އަނެއްކާ ވެސް ޑީއާރްޕީއަށް ސޮއިކުރައްވައިފި އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ވަކިވެވަޑައިގެން އަލުން ޑީއާރްޕީއާ ގުޅިވަޑައިގަތީ އެމްޑީޕީގައި ފެކްޝަން އުފެދި ވަކިބައެއް ބޭނުންވާ ގޮތަށް އެޕާޓީ ބައްޓަން ކުރަމުން ގެންދާތީ ކަމަށެވެ.
ޑީއާރްޕީގެ ޓިކެޓްގައި މަޖިލިސް ގޮނޑިއަށް ހޮވިވަޑައިގެން ޑީއާރްޕީން ވަކިވެ ވަޑައިގަތުމަށް ފަހު "ހިތާއި ރޫހުން އެމްޑީޕީ އަށް ގުޅުނު" ކަމަށް ވިދާޅުވި އަބްދުﷲ އަބުދުއްރަހީމް މިއަދު ޑީއާރްޕީގެ އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވެ ވަޑައިގެން ޑީއާރްޕީއާއި އަނެއްކާ ވެސް ގުޅުނީ އެމްޑީޕީގެ އިސްފަރާތްތަކުގެ ފިކުރާއި އޭނާގެ ފިކުރާއި ދިމާނުވާތީ ކަމަށާއި އަދި ސިޔާސީ މަޝްރަހުން ފެންނަން ހުރިކަންތަކުން ރައްޖޭގެ ރައްޔިތުން އެމްޑީޕީއަށް މާބޮޑު ތާއީދެއް ނުކުރާނެ ކަމަށް ގަބޫލުފުޅު ކުރެވޭތީ އާއި ޑީއާރްޕީއަކީ އެނާގެ ފިކުރާ އެންމެ ބޮޑަށް ދިމާވާ ޕާޓީކަމަށް ފެނިވަޑައިގެންނަވާތީ ކަމަށެވެ.
"އެމްޑީޕީ ދޫކޮށް އަނެއްކާވެސް އެނބުރި ޑީއާރްޕީއާ ގުޅުނީ ޑީއާރްޕީއަކީ އަބަދުވެސް އަޅުގަނޑަށް މަރުހަބާ ކިޔާނެ ޕާޓީ ކަމަށްވާތީ. ސިޔާސީ މައިދާނުގައި ކަންތައް ތަރުތީބުވެފައިވާ ގޮތް ބަލައި ސިޔާސީ މައިދާނުގައި ކަންތައް ނިންމެމުން ދާނެ ގޮތްތަކަށް ބަލާފައި ރާއްޖޭގެ ރައްޔިތުން ދެން އެމްޑީޕީއަށް ކުރާނެ މާބޮޑު ތާއީދެއް އޮތްކަމަށް ނުފެންނާތީވެ! އަޅުގަނޑު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ހަމައަށްވެސް މަސައްކަތް ކުރާނީ ޑީއާރްޕިގައި،" އޭނާ ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ ޑީއާރްޕީން ވެސް އޭނާ ވަކީވީ އެ ޕާޓީތެރޭގައި ފެކްޝަން އުފެދުމުގެ ސަބަބުން ކަމަށާއި ޑިމޮކްރެޓިކް ޕާޓީއެއްގެ ތެރޭގައި ފެކްޝަން އުފެދެން ޖެހޭނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމަށެވެ. އެމްޑީޕީގެ ތެރޭގައި އެފަދަ ފެކްޝަން ތަކެއް އުފެދި ޕާޓީގެ ސަޕޯޓަރުން މާޔޫސްވެދާނެ ކަންތައްތަކެއް ފެންނަމުންދިއުމުން އެމްޑީޕީން ވެސް އެނާ ވަކިވެ ވަޑައިގެންނެވީ ކަމަށެވެ.
"މިދިޔަ އަހަރުގެ މެއި މަހުގެ 22 ވަނަދުވަހު އަޅުގަނޑު އެމްޑީޕީއާއި ގުޅުނު ދުވަސް އޭގޭ ކުރިން އަޅުގަނޑަށް ފެނިގެން ދިޔައީ ޑީއާރްޕީގެ ތެރޭގައި ވެސް ފެކްޝަން އުފެދި ބައިބައިވެގެން ދިޔަ މަންޒަރު މިއަދު އަޅުގަނޑަށް ފެންނަމުން މިދަނީ ޑީއާރްޕީ ފެކްޝަން އުފެދުނު ފަރާތްތައް ޕަޓިއާއި ވަކިވެ އެހެން ޕާޓީއެއް ހަދައިގެން ދިޔަތަން އެހެންވީމަ އަޅުގަނޑަށް މިހުރެވެނީ ކުރިން ވެސް އަޅުގަނޑު ގަބޫލުކުރި އުސޫލްގެ މަތިން. މިއަދު އެމްޑީޕީން ވެސް ފެންނަނީ ފެކްޝަން ތައް އުފެދިގެން ދާތަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އިންސާފުގެ ދަތުރުގެ ނަމުގައި ފެށި މަސައްކަތުގެ ތެރޭގައު ފެބުރުއަރީ ހަތްވަނަ ދުވަހު ސަރުކާރު ވެއްޓުމާއި ގުޅިގެން ވެރިކަން އަނބުރާ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި އެމްޑީޕީގެ ބައެއް މެންބަރުން "ޖަރީމާ ހިންގި" ކަމަށެވެ. އަދި ވިދާޅުވީ ލޮނުޒިޔާރަތްކޮޅުގައި އެމްޑީޕީން އެއް މަސް ދުވަހުގެ މުއްދަތަށް ޖަހައިގެން އުޅުނު ކޭމްޕް ބޭނުން ކުރަމުންގެންދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށާއި މާލޭތެރޭގައި ހަމަނުޖެހުން ހިންގުމަށް ފަހު ފިލަން އަންނަ ތަނެއްކަމުގައި ބައެއް މީހުން އެތަން ބޭނުން ކުރުމުން އެކަން އެގޮތަށް ނުކުރުމަށް ދެންނެވިކަމަށެވެ. އަދި އެހަރަކާތް ތަކުގައި ވެސް ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށް އެމްޑީގައި ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އެމްޑީޕީގެ ތެރޭގައި ތިބި ހުރިހާ އެންމެންނަކީ ގޯސް މީހުން ކަމަކަށް ގަބޫލެއް ނުކުރަން. ނަމަވެސް ބައެއް މީހުން އެކަންކުރީ އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ލޮނުޒިޔާރަތްކޮޅުގައި ޖަހާފައިވާ ކޭމްޕަކީ ކޮންމެ ކަމެއް ކޮށްފައި ސަލާމަތްވާން އަންނަ ތަނަކަށް. މާލެތެރޭގައި މާރާމާރީއެއް ހިންގިކަމަށް ވިޔަސް މާލެތެރޭގައި ވައްކަން ކުރިނަމަވެސް ނުވަތަ މީހަކަށް އަނިޔާކުރިކަމަށް ވިޔަސް އެކަމެއް ކޮށްފައި ފިލަން އަންނަ މަންޒިލަކަށް ލޮނުޒިޔާރަތްކޮޅު ބަދަލުވެގެން ދިޔައީ،"
އެމްޑީޕީން ޑީއާރްޕީއަށް ބަދަލުވީ 2014 ވަނައަހަރުގެ މަޖިލިހުގެ ގޮނޑީގެ ޓިކެޓް އެޕާޓިން ތެރެއިން ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތައް ދޮގު ކުރައްވައި އޭނާ ވިދާޅުވި އެމްޑީޕީ ގައި ހުރިނަމަ އެ ޓިކެޓްވެސް އޭނާ އަށް ލިބޭނެ ކަމަށާއި ނަމަވެސް 2014 ވަނއަހަރުގެ މަޖިލިހަށް ވާދަކުރައް ވާނީ ޑީއާރްޕީގެ ޓިކެޓްގައި ކަމަށް ލީޑަރު އަހުމަދު ތަސްމީން އަލީ އރިހު މީގެ ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.
އެމްޑީޕީގެ އިންސާފުގެ ދަތުރުގައި ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރަކީ "ބާޣީ ސަރުކާރެއް ކަމަށާއި ރައީސް ވަހީދަށް ނިސްބަތްކޮށް "ބާޣީ" އެބަސް ބޭނުން ކުރެއްވީ އެމްޑީޕީގެ އެކްޓިވިސްޓުންގެ ޕްރެޝާރާ ހެދިކަމަށާއި ބަޣާވާތަކުން އައި ސަރުކާރެއް ކަމަށް އެމްޑީޕީން ވަކާލާތުކުރި ނަމަވެސް ކޯޓެއްގައި އެކަން ސާބިތު ކޮށްފައިދެވިފައިނުވާތީ އެކަން އެގޮތަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިންސާފުގެ ދަތުރުގައި އެ ވާހަކަތައް ދައްކަން މަސައްކަތްކުރި ނަމަވެސް އަޅުގަނޑުމެން ރައީސް ވަހީދަށް ޑރ. ވަހީދު ކިޔަން އުޅުނަސް އެތާ ތިއްބަވާ ބޭފުޅުން ބޭނުމެއް ނުވޭ އެހެން ކިޔާކަށް އެތާތިބޭ ކުރައުޑް ބޭނުމެއް ނުވޭ އަޅުގަނޑުމެން ރީތި ބަހުން ވެސް ވާހަކަ ދައްކާކަށް. ވީހާވެސް ހަރުކަށިކޮށް އިންޒާރު ދެމުން ވާހަކަ ދެއްކުން އެއީ އެބޭފުޅުން ބޭނުންވާ ގޮތް،"
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށާއި ރައީސް ވަހީދަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވެސް ގަބޫލްކުރައްވާ ކަމަށާއި އެހަގީގަތް ގަބޫލްކުރާ މީހުން އެމްޑީޕީގެތެރޭގައި ވެސް އެބަތިއްބެވި ކަމަށެވެ.
"މިރާއްޖޭގައި މިހާރު އުފެދިފައިވާ ސަރުކާރަކީ ގަނޫނީ ހަމަތަކުގެ މަތިން އުފެދިފައިވާ ސަރުކާރެއް"
އަބްދުﷲ އަބުއްރަހީމް އެމްޑީޕީއަށް ސޮއިކުރީ މިދިޔަ އަހަރުގެ މެއިމަހުގެ 24 ވަނަ ދުވަހު
"ވައުދުތަށް މެކުހަށް" އެ ނަމުގައި އެމްޑީޕީން ބޭއްވި ޖަލްސާއެއް ގައެވެ. އެމްޑީޕީއަށް ސޮއިކުރެއްވުމަށް ފަހު އޭނާ ވިދާޅުވީ، "މިހިރީ ހިތާ ރޫހުން އެމްޑީޕީއާ ގުޅިފައި" ކަމަށެވެ. އަދި އެނިންމުން އެކަކަށް ވެސް ބަދަލެއް ނުކުރެވޭނެ ކަމަށެވެ.