Last Updated: 1 decade 4 year ago

އިންސާފުގެ މައިދާން ރޫޅާލައިފި

  • ރާޅުގަނޑު ސަރަހައްދުން ބިއަރާއި ބަނގުރާ ފެނިއްޖެ
ބުލޮގު ޚުލާސާ
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މި މަހުގެ އެއްވަނަ ދުވަހު ބާއްވަން އުޅުނު ޖަލްސާ އެމްޑީޕީގެ ހުރަސް އެޅުމާ އެކު ނުބޭއްވުމުން ރައްޔިތުންގެ މަޖިލީހުން މިހާރު ވަނީ އެ ޖަލްސާ މިއަދު ބޭއްވުމަށް ނިންމާފަ އެވެ. މިއަދުގެ ޖަލްސާއަށްވެސް ހުރަސް އެޅުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ނިންމާފަ އެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންވެސް މަގުމަތީ ހަރަކާތްތަކަށް ނުކުތުމަށް ވަނީ ނިންމާފަ އެވެ. މިއަދުގެ ޖަލްސާ 10:00 ޖަހާއިރު ފެށުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.
23:28

މިދިޔަ މަހުގެ 17 ވަނަ ދުވަހުންފެށިގެން ލޮނުޒިޔާރާތްކޮޅުގައި އެމްޑީޕީން އިހުތިޖާޖު ކުރަމުންދާ "އިންސާފުގެ މައިދާން" ރޫޅާލައި އެތަނުން ރާ ހުސްކުރި ފުޅުތަކާއި ބިއަރު ދަޅުތަކެއް ފުލުހުން ހޯދައިފި އެވެ. "އިންސާފް މައިދާން" ގޮތުގައި އެމްޑީޕީން ނަންދީފައިވާ ލޮނުޒިޔާރަތްކޮޅު ސަރަހައްދު މިއަދު ހަވީރު 4:00ގައި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އެތަން ގެންދިޔައީ އެތަނަކީ މާރާމާރީ ހިންގުމަށާއި މަސްތުވުމަށް ބަޔަކު ބޭނުން ކުރާ ސަރަހައްދެއް ކަމަށް ބުނެ އެވެ. ފުލުހުންގެ މީޑީއާ އޮފިޝަލް ހަސަން ހަނީފު ވިދާޅުވީ ރޮނުޒިޔާރަތްކޮޅު ސަހައްދު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔަީ ފުލުހުންނާއި ސިފައިންނަށް ލިބިދީފައިވާ ގާނުނީ ބާރުގެ ތެރެއިންކަމަށެވެ. ރަޔަޓް ސިފައިންނާ ފުލުހުން ނުކުމެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އެތަން ގެންދިޔައީ މީޑިއާތަކާއި އާންމުން އެ ސަރަހައްދުން ބޭރުކުރުމަށްފަހު އެވެ. ނަމަވެސް ސަލާމަތީ ބާރުތަކުގެ ވެހިކަލްތަކާއި ފުލުހުންގެ އިތުރު ފައުޖުތައް އެ ސަރަހައްދަށް ވެއްދުމަށްފަހު، މީޑިއާތަކަށް އެތަނަށް ވަދެވޭނެ ކަމަށް ބުނެ، ކޮންމެ މީޑިއާއަކުން ފަސް މީހަކު އެތަނުގެ ތެރޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ދިނެވެ. މީޑިއާތަކަށް އެތެރެއަށް ވަނުމުގެ ފުރުސަތު ދިންއިރު ފުލުހުން ދިޔައީ އެމްޑީޕީން ހަދާފައިވާ "އިންސާފުގެ މައިދާނު"ގެ ޖަގަހަތައް ބަލާ ފާސްކުރުމުންނެވެ. އަދި ފުލުހުން ފާސްކުރި ބައެއް ޖަގަހަތަކުން މާރާމާރީ ހިންގުމަށް ބޭނުން ކުރާ ލަޓިބުރިތަކާއި ދަގަނޑު ހޮޅިތައް ފުލުހުން ދެއްކި އެވެ. އަދި ރާ ހުސްކުރި ފުޅިއެއް ވެސް އެތަނުގެ ޖަގަހައެއްގެ ތެރެއިން ފެނުނެވެ. ޖަގަހަތަށް ބަލާފާސްކުރުމަށްފަހު ފުލުހުނާއި ސިފައިން ގުޅިގެން ދިޔައީ އެތަންތަން ރޫޅާމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެންމެ ފަހުން ފުލުހުން ފާސްކުރި އެމްޑީޕީގެ އިންސާފުގެ މައިދާންގެ ކެންޓީން ބަލާ ފާސްކުރި އިރު އެތަނުގެ ހުރި ފުޅިމަދު ފޮއްޓެއްގެ ތެރެއިން 24 ބިޔަރު ދަޅު ފެނުފުނެވެ. އަދި އެތަނުގެ ތެރެއިން ރާ އަޅާފައިވާ ކަމަށް ޝައްކުކުރެވޭ ކުކިން އޮލިން ހަމައް ވެސް ނެގި އެވެ. މިއަދު ރޫޅާލި ޓެންޓްތަކަކީ އެމްޑީޕީގެ ހަރަކާތްތައް ކުރިއަށްދިޔަ ދުވަސް ތަކުގައި އެތަނުގައި މީހުން ނިދާއުޅޭ ތަންތަނެވެ. އެގޮތުން ބައެއް ޓެންޓްތަކުގައި ފަންކާ ފަދަ އެއްޗެހި ހުރި ބައެއް ޓެންޓްތަކުގައި ސޯފާ ގޮނޑިތަކާއި ނިދާ ގޮދަޑި ހުއްޓެވެ. މި ހުރިހާ ޓެންޓައް ރޫޅާލާ އެ އެ ސަރައްދު ސާފްކޮށް ނިމުނީ މިއަދު އިރުއޮސުނު އިރު އެވެ. މި ސަރައްދުގައި ހުރި ޓެންޓައް ރޫޅާލާ ސާފްކުރަމުންދިޔަ ވަގުތު އެމްޑީޕީގެ ނައިބު ރައީސް އަލްހާނު ފަހުމީވަނީ އެ ސަރައްދަށް ވަޑައިގެން ފުލުހުންނާއި ބައްދަލުކޮށް އެ ކަން ކުރަމުންދާ ގޮތް އޮޅުން ފިލުވާފަ އެވެ. އަދި އިންސާފުގެ މައިދާން ރޫޅާލަމުންދިޔަ ވަގުތު ލޮނުޒިޔާރަތްކޮޅު އަޑިޕާކު ސަރަހައްދުގެ ގޯޅިތަކާއި މަގުތަކުގައި އެމްޑީޕީގެ ސަޕޯޓަރުން ދިޔައީ މުޒާހަރަމުންނެވެ. އަދި އެ މުޒާހަރާގައި ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ކުރިމަތިލުންތަކެއް ހިނގާ ބައެއް ފަރާތްތަކުން ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.
20:36 އެމްޑީޕީގެ އެސްއެމްއެސް:

އެމްޑީޕީގެ އެސްއެމްއެސް: މިރޭ 00: 9 ގައި އެމްޑީޕީގެ އިންސާފުގެ ދަތުރުގެ ޖަލްސާއެއް ދަރުބާރުގޭ ފުރަގަހުން އޮންނާނެ.
19:27 އެމްޑީޕީގެ ބަޔާން:

އެމްޑީޕީގެ ބަޔާން: "އިންސާފުގެ ދަތުރު" ގެ ނަމުގައި ލޮނުޒިޔާރާތްކޮޅުގައި އެމްޑީޕީން ގާއިމްކޮށްފައިވާ ކޭމްޕުގެ ތެރެއަށް ސިފައިންނާއި ފުލުހުން ވަދެ އެތަނުގައި ހުރި ޖަގަހަތައް ރޫޅާލާފައިވާތީ އެމްޑީޕީން އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މާލޭ ސިޓީ ކައުންސިލުން އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދީފައިވާ ސަރަހައްދެއް ކަމަށް. ނަމަވެސް އެއްވެސް އިންޒާރެއް ނެތި ފުލުހުންނާއި ސިފައިން އެ ސަރަހައްދަށް ވަދެ، އެމްޑީޕީގެ ސްޓޭޖާއި ޖަގަހަތަކާއި، މީޑިއާ ކޭމްޕްތައް ފަދަ ތަންތަން މުޅިން ރޫޅާލައި، އެމްޑީޕީގެ ނުހަނު ގިނަ މުދަލަށް ބޮޑެތި ގެއްލުންތައްދީ، އިލެކްޓްރޯނިކް ސާމާނުތައް ހަލާކުކޮށް، ރާއްޖޭގެ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަނެފައިވާތީ އާއި، ސިޓީ ކައުންސިލްގެ އިހްތިސާސްތަކުގެ ތެރެއަށް ފުލުހުންގެ "ދިގު އަތް" ބާނާފައިވާތީ، އެމްޑީޕީން އެކަމާ ކަންބޮޑުވާ ކަމަށް
19:23

މިއަދުގެ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަދަދު 92ކަށް އަރައިފި ކަމަށް ފުލުހުން ބުނެފި.
19:19

ތަސްކަލޫސާ ސަރަަހައްދުން ފުލުހުންނާ ދިމާލަށް އެއްޗިހި އުކާތީ އެ މީހުން އެ ސަރަހައްދުން ފައްސާލައިފި. ފައްސާލީ އިންޒާރުދިނުމަށްފަހު.
19:14

ތަސްކަލޫސާ ކައިރިއަށް އަނެއްކާވެސް މީހުން އެއްވާން ފަށައިފި. ފުލުހުންނާއި ދިމާލަށް ކޮންމެވެސް ވަރަކަށް އެއްޗިހި އުކައި.
19:08

ތަސްކަލޫސާއާ ހިސާބުގައި އެއްވެފައިވާ މީހުން، ފުލުހުންނާއި ސިފައިން އެ ސަރަހައްދުން ފައްސާލައިފި.
19:00

ފެމިލީ ކޯޓުކައިރިން ފުލުހުންގެ ލައިން ފަޅާލަން މަސައްކަތް ކުރި ބަޔަކު ފުލުހުން އެމީހުން ފައްސާލައިފި.
18:51

ފުލުހުން ބުނީ ރާއްޖޭގައި ތައްޔާރުކޮށްފައިވާ ބަގުރާ ކަމަށް ޝައްކުކުރެވޭ 20ލީޓަރުގެ ހަމެއް ފެނިއްޖެކަމަށް. މި ހަން ނެގުމަށްފަހު މީޑިއާގެ ހާޒިރުގައި ދައްކާފައިވާކަމަށްވެސް ފުލުހުން ބުނޭ.
18:48

ފުލުހުން ހަތަރު މީހުން ހައްޔަރުކޮށްފި. އެމީހުން ހައްޔަރުކުރީ ފުލުހުންގެ މަސައްކަތަށް ހުރަސް އެޅުމުން.
18:45

ބަގުރާ އަޅާފައި ހުރި ކަމަށް ޝައްކުކުރެވޭ ހަމެއްވެސް ފުލުހުން އެ ސަރަހައްދުން ހޯދައިފި. އެހަން މިހާރު ވަނީ ފުލުހުންގެ ވެހިކަލަށް އަރުވާފައި.
18:33

އަލްހާން ފަހުމީ ފުލުހުންގެ ކިބައިން އެދިވަޑައިގަތީ "އެތަން ޗެކްކުރާނެ ވަރަކަށް ޗެކްކުރުމަށް". އެކަމަކު އެމްޑީޕީގެ މެންބަރުންނަށް ގެއްލުންވެ އަނިޔާވާފަދަ ގޮތަކަށް ފުލުހުން އަމަލުތަށް ނުބެހެއްޓުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފި. އަލްހާން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައި.
18:32

އެމްޑީޕީގެ ނައިބު ރައީސް އަލްހާން ފަހުމީއަށް ބިއަރު ދަޅުތަށް ފުލުހުން ދައްކައިފި. އަލްހާން އާއި ފުލުހުން އަންނަނީ ކޮންމެވެސް ވާހަކައެއް ދައްކަމުން. އަލްހާން ހުންނެވީ އެ ސަރަހައްދުގައި.
18:20

ބިއަރު ދަޅުކަމަށް ޝައްކުކުރެވޭ ދަޅުތަށް ފެނުނީ ފުޅިމަދު ފޮށިގަޑަކުން. އެފޮށި ގަނޑުގެ ބޭރުގައި ލިޔެފައިވަނީ "ބިލަތްދޫ އަންހެނުން ގޮފި،". އަދި "އިންސާފުގެ ދަތުރު" މިހެންވެސް ލިޔެފައިވޭ.
18:19

ފުލުހުން ދެންމެ ބުނީ އެތާ އޮތީ 24 ދަޅުކަމަށް. އަދި އެދަޅުތަށް ހުރީ ނުވެސް ކަޑާ.
18:15

ސްޓޭޖް ހަދާފައި ހުރި ސަރަހައްދުން 20ވަރަކަށް "ބިއަރު" ދަޅު އަޅާފައި ހުރި ފޮށިގަޑެއް ފުލުހުން ހޯދައިފި.
18:13

އެންމެ ޖަގަހައެއް ފިޔަވައި ހުރިހާ ޖަގަހައެއް ބިމާ ހަމަކޮށްލައިފި. މިހާރު ހުރީ ކޮންޓްރޯލް ރޫމަކާއި އެ ޖަގަހަ އެކަނި.
17:13

ފެމިލީ ކޯޓު ކައިރީ އެއްވެފައިވާ މީހުންގެ ތެރެއަށް ފުލުހުން ކަރުނަގޭސް ޖަހައިފި.
17:11

ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހުރި ޖަގަހަތައް ރޫޅަމުން. މާބޮޑު ހަމަނުޖެހުމެއް ނުހިނގާ.
17:07

ބައެއް ޖަގަހަ ތަކުން ފުލުހުން އަންނަނީ ދަޑިބުރިއާއި މަރުތެޔޮތަށް ނެރެމުން. އެ ސަރަހައްދުގައި ތިބި ނޫސްވެރިން ބުނީ ކޮންޑަމް ކަމަށް ބެލެވޭ އެއްޗިހިތަކެއްވެސް ފުލުހުން ހޯދި ކަމަށް.
17:00

ފުލުހުންނަށް އަނިޔާކުރާ މަންޒަރާއި ބައެއް އިމާރާތްތަކަށާއި މުދަލަށް ގެއްލުންދޭ މަންޒަރުތަށް ފެންނަ ފޮޓޯ އާއި ވީޑީއޯ ހުރި މީހުން އެތަކެތި ފުލުހުންނަށް ފޯރުކޮށްދިނުމަށް ފުލުހުން އެދެފި.
16:58 ސުނާމީ ބިނާ ސަރަހައްދުން

ފެމެލީ ކޯޓާ ދިމާލުން ވަންނަން އުޅުނު ބަޔަކު ފޮނުވާލައިފި
16:55

ފުލުހުންނާއި ސިފައިން ލޮނުޒިޔާރަތް ކޮޅުގައި ހުރި ޖަގަހަތައް ރޫޅަން ފަށައިފި.
16:48

އެ ސަރަހައްދުން ފުލުހުން ބައެއް ސްޕީކަރުތައް ނަގަންފަށައިފި.
16:42

ފުލުހުންގެ ފޮރެންސިކް ޓީމްތަކުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރި އެބަވޭ. އެ ސަރަހައްދުން ބައެއް ތަކެތި ފޮޓޯ ނަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުން އެބަދޭ.
16:41

ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހުރި ދަނގަޑު ބުރިފަދަ ސާމާނުތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަމުން. އެކި ޖަގަހަތައްވެސް ވަކި ވަކިން ފުލުހުން އަންނަނީ ޗެކް ކުރަމުން.
16:39

ކޮންމެ މީޑިއާ އަކުން ފަސް ބޭފުޅަކަށް ފުލުހުން ފުރުސަތު ދީފި. އެމީހުންނަށް އެ ސަރަހައްދުގައި ހިނގާ ކަންތައްތައް ކަވާ ކުރަން ފުރުސަތު ދީފި. ނޫސްވެރިން ފާސް އަޅައިގެން އުޅުމަށް އަންނަނީ އިލްތިމާސް ކުރަމުން.
16:33

އެ ސަރަހައްދުގައި ފުޓް ބޯޅަ ކުޅެންތިބި ކުދިންވެސް އެތަނުން ނެރެ އެ ސަރަހައްދުގައި ހުރި ބައެއް ގާޑިއާތައްވެސް ވަނީ ބަންދުކޮށްފައި. އެ ސަރަހައްދު ކުލިއާ ކުރަންޖެހޭ މަސައްކަތްތައް ފުލުހުންނާއި ސިފައިން އަންނަނީ ކުރަމުން.
16:29

އެ ސަރަހައްދުގައި ތިބި މީހުން ތަސްކަލޫސާ އާއި ހަމައަށް ވަނީ ފަހަތައް ޖައްސާފައި.
16:26

ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދެންމެ ވިދާޅުވީ ގާނޫނީ ގޮތުން ރާޅުގަނޑަކީ ސިޓީ ކައުންސިލްގެ ބިމެއް ނޫންކަމަށް އެއީ ޑިފެންސް މިނސިްޓްރީއަށް ދީފައިވާ ބިމެއް ކަމަށް.
16:24

ފުލުހުން ދެންމެ ވަނީ އެ ސަރަހައްދު ބޭނުން ކުރަމުން ދަނީ މާރާ މާރީ އާއި އެހެނިހެންވެސް ކުއްތަކަށް މަގުފައިވާ ގޮތަށް ކަމަށް ބުނެފައި ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނޭ. ފުލުހުންނަށް ހަމަލާދޭނަމަ އެ ހަމަލާ އަކާއި އެއްވަރަށް ބާރުގެ ބޭނުން ކުރާނެ ކަމައްވެސް ފުލުހުން ލައުޑް ސްޕީކަރުން ގޮވި ކަމަށް އެ ސަރަހައްދުގައި ތިބި ބައެއް މީހުން ބުނޭ.
16:23

ރާޅުގަނޑުން ބައެއް މީހުން އަންނަނީ ހައްޔަރުކުރަމުން.
16:18

ރާޅުގަނޑު ސަރަހައްދުން އެންމެން ހުސްކޮށް ފޮނުވާލައިފި. އެތަނުގައި ފުލުހުންނާއި ސިފައިން އަންނަނީ އެތަނުގެ ތެރޭގައި ހަރަކާތްތެރިވަމުން.
މިނިސްޓަރު

ރާޅުގަނޑު ސަރަހައްދަކީ ސިޓީ ކައުންސިލަށް ދީފައިވާ ތަނެއް ނޫންކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ޕްރެސްކޮންފަރެންސްގައި ވިދާޅުވެއްޖެ. އަދި އެތަނުގައި ތިބެނީ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވި. އަދި އެތަނުގައި ނުތިބެ އެތަނުން ދިޔުމަށް މިނިސްޓަރުވެސް ވަނީ އެދިވަޑައިގެންފައި.
އެތަނުގައި ތިބެގެން ކުރިއަށް ގެންދާ އަމަލުތަކުގެ ސަބަބުން އެތައް ބަޔެއްގެ ހައްގުތަށް ގެއްލޭ. އަޅުގަނޑުމެން މި ވަގުތަށްވެސް މި މަޑުކުރީ ކެތްތެރިކަމާ މަޑުމައިތިރިކަމާ އެކު އެކަން ކުރުމަށް
16:14

ފުލުހުންގެ ލައިންތަކުގެ ބޭރަށް މީޑިއާވެސް ނެރެފި.
16:13

ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން އެ ސަރަހައްދުގައި އެބަތިބި. ރާޅުގަނޑާ ގުޅިފައިވާ ހުރިހާ މަގެއްހެން ވަނީ މީހުން ފުރި ބާރުވެ ތޮއްޖެހިފައި.
16:11 ރާޅުގަނޑު ސަރަހައްދުން:

ރާޅުގަނޑު ސަރަހައްދު ދޫކޮށް އެންމެން އެތަނުން ދާން ފުލުހުން އިންޒާރުދޭން ފަށައިފި. ގަރުނަގޭސްވެސް އެ ސަރަހައްދަށް ވަނީ ޖަހާފައި.
16:08

ސިފައިން އެމްޑީޕީގެ މުޒާހަރާ މައިދާނުގެ ތެރެއަށް ވަދެއްޖެ. ސިފައިން ތިބީ ފުލް ކިޓްގައި
14:45

ވީޓީވީ ކައިރިއަށް އަނެއްކާވެސް އެމްޑީޕީގެ މީހުން އެއްވާން ފަށައިފި. ފުލުހުން އަންނަނީ އެ ސަރަހައްދުގައި ފޯރިމަރަމުން.
14:20 ބަންޑާރަ ނައިބު އާޒިމާ ޝަކޫރު:

މިއަދު ފެނިގެން އެދިޔައީ ކެތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާ މިސާލެއް ރައީސް ވަހީދުގެ ކިބައިން ފެނިގެން ދިޔައީ. ހުރުހާ ކަމެއް ފެނިގެން އެދިޔައީ ރައްޔިތުންގެ ކުރިމަތީގައި. އަޅުގަނޑުމެންގެ މަޑުމައިތިރި ކަމަކީ އަޅުގަނޑުމެންގެ ބަލި ކަށި ކަމެއް ނޫން
14:16

ކާރުކޮޅުގައި ރައީސް މަޖިލީހުގެ އިދާރާއިން ދާދި ދެންމެއަކު ނިކުމެވަޑައިގެންފި.
14:09

ރިޔާސީ ބަޔާން އިއްވުމާ އެކު މަޖިލިސް ނިމުނުކަން މަޖިލީހުގެ ރައީސް ވަނީ އިއުލާން ކުރައްވާފައި.
14:09

އެމްޑީޕީގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ހޯބޯލަވައި ހަމަނުޖެހުން ހިންގަމުން ދަނިކޮށް ރައީސް ވަހީދު ރިޔާސީބަޔާން ވަނީ އިއްވާ ނިންމާލައްވާފައި.
14:07

ރިޔާސީ ބަޔާން އިއްވާ ނިންމައިފި.
14:06

އެމްޑީޕީ މެންބަރުންގެ ހަޅޭކުގެ އަޑާ އެކުވެސް ރައީސް އަންނަނީ ޖޯޝުގައި ބަޔާން އިއްވަވަމުން. ވަރަށް ބާރަށް ހަޅޭއް ލަވަނީ.
14:01

ރައީސްގެ ބަޔާން އިއްވަން ފައްޓައިފި.
13:58

ގިނަ އަދަދެއްގެ ފުލުހުން ހިމެނޭ ޓީމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއާ ދިމާއަށް ދާ ކަމަށް ސަންއޮންލައިނަށް ވަނީ ކަށަވަރުވެފައި. ފުލުހުން މިކަން ދޮގެއް ވެސް ނުރޭ އަދި އެކަމާބެހޭ އެއްވެސް މައުލޫމާތެއް ނުދޭ. މިއަދުގެ މުޒާހަރާއަށް ނުކުންނަވާނެ ކަމަށް ވިދާޅުވި ނަމަވެސް ރައީސް ނަޝީދު މިއަދު މުޒާހަރާތަކުން ފެނިފައެއް ނުވޭ.
13:55 ޕޮލިސް އެލާޓް:

ފުލުހުން ބުނީ މިހާތަނަށް އަށް ފުލުހަކަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް. އެއްފުލުހަކު ވަނީ ސީރިއަސް ކޮންޑިޝަނެއްގައިވެސް ބުނޭ. އާންމުންގެ ތެރެއިން އަނިޔާވީ އެންމެ މީހަކަށް ކަމަށްވެސް ފުލުސް އޮފީހުން ބުނި.
13:38

އެމްޑީޕީ މެންބަރުންގެ ހުރަސް އެޅުމާ އެކީގައި ރައީސްއަށް ބަޔާން ދެއްވަން ފެއްޓެވުނީ ތިންވަނަ ފަހަރަށް ޗެމްބަރަށް ވަދެވަޑައިގަނެގެން އެކަމަކުވެސް ރައީސްގެ މޫނު މަތިން ވަރުބަލި ކަމެއް ނުފެނޭ.
13:37

އެމްޑީޕީގެ މެންބަރު ބޮނޑާ ވަނީ ރައީސް އިންނެވި ގޮނޑިކޮޅަށާއި މަޖިލީހުގެ ރިޔާސަތައް ކުޅުޖައްސާވައި ދެންމެވެސް ހުތުރު ބަސްތައް ބޭނުން ކުރައްވާފައި.
13:35

ރައީސް ޗެމްބަރުން ނިކުންނެވީ ހިނިތުންވަމުން. މެންބަރުންނަށް އަތުން އިޝާރާތް ކުރައްވަމުން. މޫނު މަތިން އެއްވެސް ހާސްކަމެއް ނުފެނޭ.
13:32 މަޖިލީހުގެ ގެލެރީން

މިހާތަނަށް އިއްވާފައި ވަނީ އަށް މީހުންގެ ނަން. އެންމެ ފަހުން އިއްވާފައި ވަނީ ގަސަމް އާއި ރުގިއްޔާ އާއި ތޯރިގުގެ ނަން. މިހާރު މަޖިލިސް މެދުކަނޑާލާފައި ވަނީ ހަތަރުވަނަ ފަހަރަށް. ރައީސް ރިޔާސީ ބަޔާން އަޑުހަރުކޮށް އިއްވެވި އިރު ރައީސްގެ ބޮޑީގާޑު ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއްޗެއް ރައީސް އަރިހުގައި ވިދާޅުވި. އަދި މަޖިލީހުގެ ރައީސް މަޖިލިސް މެދުކަނޑައިލެއްވުމުން އެނބުރު މާލަމުން ނުކުމެ ވަޑައިގަންނަވަމުން އެމްޑީޕީ މެންބަރުންނަށް ނިސްބަތްކޮށް ހިނިފުޅުވަޑުވައި ހުންނަވައިގެން ރައީސް ވަހީދު ކޮންމެވެސް އެއްޗެއް ވިދާޅުވި، އޭގެ އަޑެއް ނީވޭ.
13:30

ރައީސްގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ އެ މަނިކުފާނު ދައުލަތުގެ ބާރުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް. އަދި ގާނޫނު އަސާސީގެ ފޮނި މީރުކަން ހޯދައި ދިނުމަށް ސިޔާސީ ވެރިން ހުރަސް ނޭޅުމަށް ގޮވާލެއްވި. އެ މަނިކުފާނު ރިޔާސީ ބަޔާން އިއްވި ވަގުތު އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ރިޔާސަތު ވަށާލައިގެން ތިބެ ރައީސްއަށް އެއްޗެހި ގޮވާފައި.
13:28

ރައީސްގެ ބަޔާން އިއްވުން މެދު ކަޑާލައިފި. މެދުކަޑާލީ ނަންއިއްވި ބައެއް މެންބަރުން ޗެމްބަރުން ނެރެން މަޖިލީހުގެ ރައީސް ޝާހިދު މަޖިލިސް މެދުކަޑާލިކަން އިއުލާން ކުރުމުން.
13:27

ރައީސްގެ ސެކިއުރިޓީން ގެންދަނީ ރައީސް އަށް ނުރައްކާ ވާގޮތަށް އަމަލުކުރާ މެންބަރުން ދުރުކުރަމުން. މަޖިލީހުގެ ރައީސް ބައެއް މެންބަރުންގެ ނަން އިއްވަމުން ގެންދަވަނީ.
13:26

ރައީސް ރިޔާސީ ބަޔާން އިއްވަން ފައްޓަވައިފި. އެމްޑީޕީ މެންބަރުން އަޑުގަދަ ކުރައްވަނީ. ރައީސް ގެންދަވަނީ ރިޔާސީ ބަޔާން އިއްވަވަމުން.
13:24

13:22

13:22

ައަނެއްކާ މަޖިލިސް ފަށައިފި. ރައީސްއަށް ރިޔާސީ ބަޔާން އިއްވަން ދަންނަވައިފި.
13:17

މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިިމް ރަޝީދު މަޖިލިސްގެ ތަޅުމުގައި ހުންނަވައިގެން ރައީސް ވަހީދަށް ނިސްބަތް ކުރައްވާ ތަކުރާރުކޮށް، ބާޣީއޭ ގޮވަމުން ގޮސް އަޑު ހަރުކޮށް އަވަގުރާނަ ޖުމްލައެއް ވަނީ ވިދާޅުވެފައި. ރައީސް މަޖިލީހުގެ ނުވެސް ނެތީ ޗެމްބަރު ގެ ދޮރު ކައިރިއަށް ވަޑައިގެން އިބްރާހިމް ރަޝީދު ވިދާޅުވެފައި ވަނީ " ވަހީދު ކަލޭ ފ..އ" އެވެ.
13:14

ބޮންޑާ ނެރެންދެން މަޖިލިސް މެދުކަނޑާލިކަން އިއުލާންކޮށްފި. ރައީސް މިފަހަރުވެސް އިންނެވީ ހިނިތުންވެ ވަޑައިގެން. ޝާހިދާއި ރައީސް ވަހީދުވެސް ޗެމްބަރުން ނުކުމެ ވަޑައިގެންފި.
13:13

13:12

އަނެއްކާވެސް މަޖިލިސް ފަށައިފި. މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑާ) ނަން އިއްވައިފި. ރައީސް އިންނެވީ ރިޔާސަތުގައި އެމަނިކުފާނަށް ހާއްސަ ގޮނޑިކޮޅުގައި. ބޮންޑާ ވަނީ ރައީސްގެ ކުރިމައްޗަށް އަރައި އަތް އުކަ އުކާފައި އެއްޗިހި ކިޔާފައި.
13:11

މަޖިލިސް ޖަލްސާ އަނެއްކާވެސް ފަށަން ތައްޔާރުވެއްޖެ ކަމަށް ބައެއް މެންބަރުން ބުނޭ.
13:07

މުހަންމަދު ރަޝީދު (ކުބޭ) ވެސް ސިފައިން ގަދަކަމުން ނެރެފި. މަޑަވެލީ ދާއިރާ ނާޒިމް ވަނީ ނަންއިއްވުމާ އެކު އަމިއްލައަށް ނިކުމެވަޑައިގެންފައި. އަލީ ވަހީދު ޗެމްބަރުން ބޭރެއް ނުކުރޭ. އަލީ ވަހީދުގެ ނަން އިއްވި ކަމާ މެދު ވަނީ "ޝައްކު" އުފެދިފައި.
13:04
12:59

12:57

ސިފައިން ވަދެ މިލަންދޫ ދާއިރާގެ އަލީ ރިޒާ ޗެމްބަރުން ނެރެފި.
12:54

ސިފައިން އަނެއްކާވެސް މަޖިލީހުގެ ޗެމްބަރަށް ވަދެއްޖެ. އެމީހުން އަންނަނީ ނަން އިއްވި މެންބަރުން ނެރެން މަސައްކަތް ކުރަމުން.
ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބަޔާން:

ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ބަޔާން: ރައްޔިތުންގެ މަޖިލީހުގެ ސަރަހައްދުގައި މިއަދު ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންގެ ސެކިއުރިޓީ ލައިން ބަލަހައްޓަން ތިބި ފުލުހުންނަށް އެއްވެ ތިބި ބައެއް މީހުން ގަލާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ފުލުހުންނަށް އަނިޔާވާފަދަ ހަމަލާތައް ދެމުންދާތީ މި ކޮމިޝަނުން އެކަން ކުށްވެރި ކުރަން. އެކަންކަން ހުއްޓާލުމަށާއި ފުލުހުންގެ ވާޖިބަށް ހުރަސް ނޭޅުމަށް އިލްތިމާސް ކުރަން. ހަމަ މިއާއެކު މި މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ފުލުހުން ދައްކާފައިވާ ކެތްތެރިކަން ފާހަގަކޮށް ކުރިޔަށް އޮތްތަނުގައި ވެސް ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި ތިއްބެވުމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުމަށް ފުލުހުންނަށް ގޮވާލަން.
މުޒާހަރާތައް ކޮންޓްރޯލް ކުރުމުގައި މިހާތަނަށް ފުލުހުން ދައްކާފައިވާ ކެތްތެރިކަން ފާހަގަކޮށް ކުރިޔަށް އޮތްތަނުގައި ވެސް ގާނޫނާއި ގަވައިދުގެ އިމުގެ ތެރޭގައި ތިއްބެވުމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ނުކުރުމަށް ފުލުހުންނަށް ގޮވާލަން.
12:39

ނަން އިއްވި ދެ މެންބަރުން ބޭރުކޮށް ޖަލްސާ އަލުން ފެށީ އިރު މަޖިލީހުގެ ރައީސް ޝާހިދާއި އެކު ރައީސް ވަހީދުވެސް ރިޔާސަތަށް ވަޑައިގެންނެވި. އެއާ އެކު އެމްޑީޕީގެ މެންބަރުން ވަނީ "ބާޣީ" އޭ ގަޮވައި އަޑުގަދަ ކުރައްވަން ފައްޓަވާފައި. ފެންފުޅިތަކާއި ގާނޫނު އަސާސީން ތަޅަމުން އެމްޑީޕީ މެންބަރުން އަޑުގަދަ ކުރީއިރު ރައީސް އިންނެވީ ރިޔާސީ ބަޔާން ހިތްޕަވައިގެން ހިނިފުޅުވަޑުވައިގެން. ތަކުރާރުކޮށް މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް މަޖިލީހުގެ ރައީސް ނަސޭހަތް ދިނުމަށް ފަހު ފަސް މެންބަރުގެ ނަން އިއްވާ ޖަލްސާ މެދުކަނޑާ ލުމުމާ އެކު ރައީސްވެސް ވަނީ ޝާހިދާއި އެކު ބޭރަށް ވަޑައިގެންފައި. އޭރުވެސް ރައީސް ހުންނެވީ ހިނިތުންވެ ހަމަޖެހިވަޑައިގެން.
12:35

ނަން އިއްވީ ތޮއްޑޫ ދާއިރާގެ އަލީ ވަހީދާއި މުހަންމަދު ރަޝީދާއި މަޑަވެލީ ދާއިރާގެ ނާޒިމްގެ ނަން. މަޖިލީހުގެ ރައީސް ވިދާޅުވީ ދެން ޖަލްސާ ފަށާނީ އެ މެންބަރުން ނެރުމުން ކަމަށް.
12:34

12:33

12:33

މަޖިލީހުގެ ރައީސް ޝާހިދު އާއި ރައީސް ވަހީދުވެސް މިވަގުތު މަޖިލިސް ދޫކުރައްވާ ނިކުމެވަޑައިގެންފި.
12:31

މަޑަވެލި ދާއިރާގެ މެންބަރު ނާޒިމްގެ ނަން އިއްވައިފި. ނަން އިއްވި ތިން މެންބަރުން ނެރެން ދެން ޖަލްސާ މެދުކަޑާލައިފި. އެމްޑީޕީ މެންބަރުން އެއްބީޓަަކަށް ގޮވަނީ "ބާޣީ"
12:30

ރައީސް ވަހީދު އިންނެވީ ރައީސްގެ ހާއްސަ ގޮޑިކޮޅުގައި. އިންނެވީ ހިނިފުޅު ވަޑުވައިގެން. އީވާ އާއި އަލީ ވަހީދު ރައީސްގެ ގޮޑިކޮޅު ކުރިމަތީގައި ތިބުމުން މަޖިލީހުގެ ރައީސް ނަސޭހަތް ތެރިވަނީ.
12:29

މަޖިލީހުގެ ޖަލްސާ އަނެއްކާވެސް ފަށައިފި. އަދިވެސް މަޖިލީހުގެ ތެރޭގައި ގޮވާ އަޑުއިވެނީ "ބާޣީ".
12:24

ބައެއް މެންބަރުން ދެންމެ ވިދާޅުވީ މަޖިލިސް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް. ބައެއް މެންބަރުން ކުޑަދަށުގައި ތިއްބެވިއިރު އަނެއްބައި މެންބަރުން ތިއްބެވީ ޗެމްބަރު ތެރޭގައި.
12:21

ދާންދޫ ދާއިރާގެ މެންބަރު ރިޔާޒް އޭޑީކޭއަށް ގެނެސްފި. އޭނާ އޭޑީކޭއަށް ގެނައީ ކިހާވަރެއްގެ އަނިޔާއެއް ލިބިގެން ކަމެއް ނޭންގޭ.
12:20

ބައެއް ނޫސްވެރިންނަށާއި މީޑިއާގެ ފަރާތްތަކަށް މުޒާހަރާގެ ބައިވެރިން ގޯނާކޮށް ބިރުދައްކާ ކަމަށް ބައެއް ނޫސްވެރިން ބުނޭ.
12:16

ރަށުތެރޭގައި އަމާންއަމާންކަން ނަގާލާ ދައުލަތާއި ރައްޔިތުންގެ މުދަލަށް ގެއްލުންދީ ފުލުހުންނާއި ސިފައިންނަށް ބޮޑަތި އަނިޔާތަށް ކުރާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީން ދެންމެ މީޑިއާތަކަށް ފޮނުވި އެސްއެމްއެސްއެއްގައި ބުނެފި.
12:15

ސޯސަންމަގަށް އެމްޑީޕީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި ފުލުހުންނާއި ސިފައިންނާއި ދިމާލަށް ގައު އުކަމުން ދަނީ. އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި.
12:11

ވީޓީވީ ކައިރިއަށް ސިފައިންނާއި ފުލުހުންގެ އިތުރު ފައުޖުތަށް އައިސްފި.
12:04 އައްބާސް އާދިލް ރިޒާ، (ވީޓީވީގައި):

ތަންތަނުގައި ހުޅުޖަހާ ރޯކޮށް ތަންތަނަށް ހަމަލާދީ ހަދަމުން ދާއިރު އެފަދަ ފަރާތްތައް ހައްޔަރު ނުކޮށް ވަނީ ބިރުން ނޫން ކަމަށާއި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ.
12:03

ދާންދޫ ރިޔާޒްވެސް ނެރެފި. އެމްޑީޕީގެ ބައެއް މެންބަރުންނަށް ވަނީ ކުދި އަނިޔާވެފައި.
12:01

ވީޓީވީގެ ސިގްނަލް އަލުން ލިބިއްޖެ. ވީޓީވީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ދީފައި.
12:01

މަޖިލީހުގެ އެތެރޭގައި އަދިވެސް އެކިވަރުގެ ހަމަނުޖެހުންތައް ދަނީ ހިނގަމުން ޗެމްބަރުގެ ތެރެއިން ދެންމެ ވަނީ ގޮނޑިއެއް ވެސް ހަލާކުކޮށްލާފައި. ބައެއް މެންބަރުންނަށް އެކިވަރުގެ ކުދި އަނިޔާތައް ވެސް ވެއްޖެ
12:00

އަލީ ވަހީދު އާއި އަދިވެސް އެމްޑީޕީގެ ބައެއް މެންބަރުން ތަޅުމުގައި ވެއްޓިފައި ތިބި މަންޒަރުފެނޭ. ދާންދޫ ރިޔާޒް ނެރެން ސިފައިން މަސައްކަތް ކުރި ވަގުތު އެމްޑީޕީ މެންބަރުން ވަނީ ބޮޑިވެގަނެގެން ތިބެ ކޮށްޕާ ހަދާފައި.
11:57

ބާރަށު މެންބަރު ޝިފާޒް އެމްބިއުލަންސަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފި. ޝިފާޒް މަޖިލިސްތެރެއަށް ވެއްޓި އަނިޔާވީ ރިޔާޒް ނެރެން އުޅުމުގެ ތެރޭގައި ކަމަށް ބެލެވޭ. އަދި ވީގޮތެއް ސާފެއް ނުވޭ.
11:54

ވީޓީވީގެ ހުރިހާ ބިއްލޫރިތަކެއް ވަނީ ތަޅާލާފައި. ފުލުހުން އެއްލާ ކެނިސްޓާތައްވެސް މުޒާހަރާގެ ބައިވެރިން އުކަނީ ފުލުހުންނާއި ދިމާލަށް. މުޒާހަރާގެ ބައިވެރިން ވީޓީވީއަށް ދަނީ މެދުނުކެޑި ގައު އުކަމުން.
11:53

ވީޓީވީގެ ސިގްނަލް ގެޑިއްޖެ. އެނގިފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިން ވީޓީވީއަށް ވަނީ ހަމަލާތަކެއް ދީފައި.
11:51

ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ސޯސަންމަގުގައި ދަނީ އަދިވެސް ހަމަނުޖެހުން ހިނގަމުން. ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށްވެސް ބުނޭ.
11:46

ސޯސަންމަގު ސިންދިތާ ހިސާބަށް މުޒާހަރާގެ ބައިވެރިން ގަހަތަށް ޖައްސައިފި. އަދި އެމީހުން ބޭނުންކުރި ޕިކަޕްވެސް ހިފަހައްޓައިފި. ނުކިޔަމަންތެރިވާ ބައެއް މީހުން ދަނީ ހައްޔަރުކުރަމުން.
11:43

މަޖިލީހުގެ ބައެއް މެންބަރުން ބުނަނީ ކޮމްޕިއުޓާ ސިސްޓަމާއި މައިކު ސިސްޓަމްތަކަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް. އެމްޑީޕީ މެންބަރުން އުޅެނީ ދާންދޫ މެންބަރު ރިޔާޒު ގައިގާ "ބައްދައިގަނެގެން" ކަމަށްވެސް އެ މެންބަރުން ބުނޭ.
11:39

ފުލުހުންނާއި ދިމާލަށް ކަޅުތެލާއި ކުލަ ޕެޓީ ފަދަ އެއްޗިހި މުޒާހަރާގެ ބައިވެރިން އުކަމުން އެބަދޭ. އެ ސަރަހައްދުން ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައި. ހައްޔަރުކުރި މީހުންގެ އަދަދު އަދި ސާފެއް ނުވޭ.
11:34

ރައީސް ނަޝީދު ވަނީ މަޖިލިސް ހުއްޓުވާ މުޒާހަރާގެ ކުރީގައި ހުންނަވާނެ ކަމަށް ވިދާޅުވެފައި. ނަމަވެސް މިހާ ހިސާބަށް މުޒާހަރާގެ ތެރެއިން ނަޝީދު ފެނިފައެއް ނުވޭ.
11:28

މިހާރު ކުރަމުންދާ މުޒާހަރާ ސުލްހަވެރި މުޒާހަރާއެއް ކަމަށް ބެލެވެން ނެތް ކަމަށް ފުލުހުން އިއުލާންކޮށްފި. މުޒާހަރާ ރޫޅާލާނެ ކަމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިންޒާރުދެމުން.
11:26

ފަސްވަރަކަށް ފުލުހަކަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައި. ފުލުހުންނަށް ތޫނު އެއްޗިހިން ހަމަލާދީފައި ހުރިތަން ފެނޭ.
11:16

ސޯސަންމަގުގައި ކުރާ މުޒާހަރާ ރޫޅާލަން ފުލުހުން އިންޒާރުދޭން ފަށައިފި.
11:13

އަލިފާން ރޯވެފައިވާ ސަރަހައްދުން އެއްޗިހިތަކެއް ގޮވާ އަޑުއެބައިވޭ. ބައެއް މީހުން ގެންދަނީ އެ ސަރަހައްދުގައި ހުރި އަލިފާން ހިފާތަކެތި ދުރުކުރަމުން.
11:10

ސިފައިންގެ ފައުޗެއް ސޯސަންމަގަށް ނުކުމެއްޖެ. މުޒާހަރާގެ ބައިވެރިން ވަނީ ހޫނުވެފައި.
11:09

ނީލަން ފިހާރައިގައި ހިފާފައި ހުރި އަލިފާންގަނޑު އިތުރަށް ފެތުރެމުން ދަނީ. ކޮންޓްރޯލެއް ނުވޭ.
11:01

ނީލަން ފިހާރަތަކާ ދިމާލުގައި އަލިފާން ރޯވެ އަދަނީ. ވަރަށް ބޮޑަށް ހުޅުގަނޑުވެސް އެބަފެނޭ.
11:00

ސޯސަން މަގާއި މަޖީދީ މަގު ގުޅުނު ހިސާބުގައި ކުރިއަށް ދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެއްޖެ. ފުލުހެއްގެ ބޯ ފަޅާލައިފި. ކަރުނަ ގޭސް ފުލުހުން ޖަހައިފި.
10:58

ސޯސަންމަގު މަޖީދިއްޔާ ހިސާބުގައި އެއްވެފައިވާ މީހުން ފުލުހުންނާއި ދިމާލަށް އެއްޗިހި އުކައި ހަދަން ފަށައިފި. ރައެޓް ފުލުހުންގެ ޝީލްޑްތައް ފޫއަޅުވާލަން މަސައްކަތް ކުރަނީ.
10:57

ދާންދޫ މެންބަރު ރިޔާޒް ނެރުމަށްވެސް ސިފައިން އަންނަނީ މަސައްކަތް ކުރަމުން. ރިޔާޒު ނެރުމަށްވެސް 15 ވަރަކަށް ސިފައިން ވަނީ ވަދެފައި. އެމްޑީޕީ މެންބަރުން ގެންދަވަނީ ސެކިއުރިޓީއަށް ހުރަސް އަޅަމުން.
10:54 މަޖިލީހުގެ ތެރެއިން:

އަލްހާން ޗެމްބަރުން ނެރެފި. އަލްހާން ނެރުނީ 15 ވަރަކަށް ސިފައިން ވަދެ. އެ ގަޑީގައި މެންބަރުންނާއި ސެކިއުރީޓީއާ ދެމެދު ހަމަނުޖެހުން ހިނގި.
10:50 ރައީސްގެ ސްޕޯކްސް ޕާސަން އައްބާސް، ވީޓީވީގައި

ރައީސް ވަހީދު ރިޔާސީ ބަޔާން އިއްވުމަށް ޗެމްބަަރަށް ނުކުންނެވުމަށް ހުންނެވީ ތައްޔާރަށް ކަމަށް އައްބާސް ވިދާޅުވި. ރައީސް އެކަމަށް ހުއްދަ ދެއްވުމާ އެކު ޗެމްބަރަށް ވަޑައިގަންނަވާ ރިޔާސީ ބަޔާން އިއްވަވާނެ ކަމަށްވެސް އޭނާ ވިދާޅުވި.
10:46

މަޖިލީހުހެ ޗެމްބަރުން ނަން އިއްވި މެންބަރުން ނެރުމަށް މަސައްކަތް ފަށައިފި ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ. އެގޮތުން އެމްއެންޑީއެފްގެ ސެކިއުރިޓީ ދެ ބޭފުޅަކު މަޖިލީހުގެ ޗެމްބަރު ހަރަކާތްތެރިވާ ކަމައްވެސް ބުނޭ.
10:45

ސިފައިން މަޖިލީހުގެ ޗެމްބަރަށް ވަންނަ މަންޒަރު ފެނިއްޖެ.
10:42 ޕޮލިސް އެލާޓް:

އެންމެންވެސް ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފި.
10:40

ރައީސް މިއަދު މަޖިލީހަށް ވަޑައިގެންއިރު ރަތް ދޫލައިގެ މަރުހަބާއެއް ނެތް. ރައީސްގެ ކާރު ކޮޅުގައި ވަޑައިގަތީ މަޖިލީހުގެ ގޭޓުން ސީދާ އެތެރެއަށް. ރައީސް އަދިވެސް އިންނެވީ މަޖިލީހުގައި.
10:30

ދާންދޫ ދާއިރާގެ ރިޔާޒާއި އަލްހާން މަޖިލީހުން ނެރުމަށް މަޖިލީހުގެ ޖަލްސާ މެދުކަޑާލިކަން މަޖިލީހުގެ ރައީީސް ޝާހިދު އިއުލާން ކުރައްވައިފި. މަޖިލިސް މިހާރު ވަނީ މެދުކަޑާލާފައި.
10:28

ދާންދޫ ދާއިރާގެ ރިޔާޒްގެ ނަން އިއްވަން ޖެހިދާނެ ކަމުގެ އިންޒާރު ދިނުމަށް ފަހު ރިޔާޒް ނުކުނަން ނަން އިއްވައިފި.
10:27

އެމްޑީޕީ މެންބަރުން ގެންދަވަނީ މޭޒު ކޮޅުގައި އަތްޖައްސަވައި އަޑުގަދަ ކުރައްވަމުން. ގާނޫނީ އަސާސީ ނަގައިގެންވެސް މޭޒު މަތީގައި ތަޅަނީ. އެންމެން މޭޒުތަކުގައި ތަޅަނީ އެއްބީޓަކަށް.
10:25

މަޖިލީހުގެ ރައީސް ޝާހިދު އަދިވެސް ގެންދަވަނީ ނަސޭހަތް ދެއްވަމުން. މުޅި މަޖިލީހުގައި ގޮވާ އަޑު އިވެނީ "ބާޣީ"، "ބާޣީ". އަލީ ވަހީދު އާއި ދާންދޫ ދާއިރާގެ މެންބަރު ރިޔާޒު ހުންނެވީ ރިޔާސަތު ކުރިމަތީގައި.
10:22

އަލްހާން ފަހުމީގެ ނަން އިއްވައިފި. އަލީ ވަހީދު ގޮޑިއަށް އެބުރި ދިޔުމަށް ނަސޭހަތް ދެއްވައިފި.
10:21

މަޖިލީހުގެ ރައީސް ޝާހިދު ގެންދަވަނީ ހުރިހާ މެންބަރުންވެސް މަޖިލީހުގެ ގަވާއިދަށް އިހުތިރާމް ކުރަން އިލްތިމާސް ކުރައްވަމުން. ތަކުރާރުކޮށް އެގޮތަށް ނަސޭހަތް ދެއްވަމުން.
10:20

ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ވަހީދަށް ދެންނެވުމުން މަޖިލިސް ހަލަބޮލިވެއްޖެ. މުޅި މަޖިލީހުގައި ހަޅޭއްލަވާ އަޑުގަދަ ކުރަނީ.
10:19

ފަތުހުﷲ ޖަމީލްގެ ހަދާނުގައި ކުޑަ އިރުކޮޅެއްގެ ސުކޫތެއް ގެނެސްފި.
10:18

ރައީސް ވަހީދު މަޖިލީހަށް ވަޑައިގެންފި. ރައީސް އަށް މަރުހަބާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް.
10:14

މަޖިލީހުގެ ޖަަލްސާ ފަށައިފި. މަޖިލީހުގެ ރައީސް ޖަލްސާ ފައްޓަވަމުން ވިދާޅުވީ ޖަލްސާއަށް ހާޒިރުވެ ވަޑައިގެން ތިއްބެވީ 60 މެންބަރުން ކަމަށް.
10:11 މަޖިލިސްކުރާ ގެއިން:

މަޖިލީސް ނުފެށި ލަސްވެގެން އުޅެނީ މަޖިލީހުގެ އަމީން އާންމުގެ ގޮޑިކޮޅުގައި އެމްޑީޕީ މެންބަރު އިބްރާހިމް ރަޝީދު އިށީންދެ ވަޑައިގެން އިންނެވުމުން. އޭނާ ނެގުމަށް އެމްޑީޕީގެ މެންބަރުންވެސް އަންނަނީ މަސައްކަތް ކުރަމުން.
10:08

މަޖިލީހުގެ ޗެމްބަރު ތެރެއިން:
10:05

މަޖިލީހުގެ ޗެމްބަރުތެރެއިން:
10:02

މަޖިލިސް ތެރޭގައި ތިއްބެވި ބައެއް މެންބަރުން ދެންމެ ވިދާޅުވީ އެމްޑީޕީގެ ބައެއް މެންބަރުން ޗެމްބަރުތެރެ ހަލަބޮލިކޮށްލާފައިވާ ކަމަށް. އައިޕީޔޫގެ ޑެލިގޭޝަންވެސް މިވަގުތު ގެންދަވަނީ މަޖިލިސް އޮބްޒާވް ކުރައްވަމުން.
09:51 ރައީސްގެ ސްޕޯކްސް ޕާސަން އައްބާސް، ވީޓީވީގައި:

ކުރީގެ ރައީސް ވިޔަސް އަދި މިނިސްޓަރަކުވިޔަސް މަގުމަތީގައި ހަމަނުޖެހުން ހިންގުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެފަދަ ކަމެއް ހިންގަވަންޏާ ވަގުތުން ހައްޔަރުކުރައްވާނެ ކަމަށް ވިދާޅުވި.
09:50

އެ ސަރަހައްދުގައި ހުރި ބެރިކޭޑްތަށް ފަޅާލާފައި ވަންނަން އެމްޑީޕީ ސަޕޯޓަރުން މަސައްކަތް ކުރަމުން އެބަދޭ. އެ ސަރަހައްދުގައި ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ވަނީ އެއްވެފައި.
09:47 ސޯސަންމަގުން

އެމްޑީޕީ މެންބަރުން ސޯސަން މަގު ރޯޝަނީ ބިލްޑިންގް ކުރިމަތީ އިށީންދެއްޖެ. އެތަނުން އެމީހުން ފޮނުވާލުމަށް ފުލުހުން މަސައްކަތް ކުރަނީ.
09:45 މަޖިލިސްކުރާގެ ކައިރިން:

ސަރުކާރުގެ މިނިސްޓަރުންނާއި ނައިބުން ދާދި ދެންމެއަކު މަޖިލީހަށް ވަޑައިގެންފި. މިއަދުގެ ޖަލްސާ ފަށަން ޝެޑިއުލް ކޮށްފައި އޮތީ 10:00 ޖަހާއިރު.
09:41

އެމްޑީޕީ މެންބަރުން ސޯސަންމަގުން ކުރިއަށް ގޮސް އެއްބަޔަކު މަޖީދިއްޔާ ސްކޫލާ ދިމާލަށް މިސްރާބު ޖަހައިފި. އަނެއް ގްރޫޕުން މަޖީދީ މަގުން ކުރިއަށް ދާން ފަށައިފި.
09:40 ރައްޔިތުން މަޖިލިސްކުރާ ގެއިން

އެމްޑީޕީގެ ޕާލިމަންޓް ބައެއް މެންބަރު މިވަގުތު ތިއްބެވީ ކުޑަދަށުގައި މަޑުކޮށްލައްވައިގެން.
09:28

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުން މަޖިލީހަށް މީގެ ކުޑަ އިރުކޮޅެއް ކުރިން ވަޑައިގެންފި. މަޖިލީހަށް ވަޑައިގަތީ ކެނެރީން ގޭގައި އިރުކޮޅަކު މަޑުކުރެއްވުމަށް ފަހު.
09:25

އެމްޑީޕީ މުޒާހަރާ މައިދާން ލޮނުޒިޔާރަތް ކޮޅުގައި ގިނަ އަދަދެއްގެ ބަޔަކު ތިބީ ގައުމީ ދިދަ އާއި އެމްޑީޕީގެ ދިތަތަށް ހިފައިގެން ތައްޔާރަށް. އެންމެންވެސް މިވަގުތު ތިބީ މަގުމައްޗަށް ނުކުތުމުގެ އިޝާރާތެއް ލިބެންދެން. އެ ސަރަހައްދުގައި ތިބި އެކްޓިވިސްޓުން ބުނަނީ މިއަދުވެސް އެއްވާނީ މަޖިލިސް ކައިރި ތިން ސަރަހައްދަކަށް ކަމަށް.