Last Updated: 1 decade 4 year ago

ރިޔާސީ ބަޔާން އިއްވޭ ގޮތް ނުވެ މަޖިލިސް ކެންސަލް

ބުލޮގު ޚުލާސާ
މިއަދަކީ މި އަހަރަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހުޅުއްވާ ދުވަހެވެ. ރައީސްކަމާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ހަވާލުވި ފަހުން އިއްވާ ފުރަތަމަ ރިޔާސީ ބަޔާން މިއަދު މަޖިލީހަށް އިއްވާނެ އެވެ. އެމްޑީޕީން ވަނީ ރައީސް ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅާނެ ކަމަށް ބުނެފަ އެވެ. ރައީސް ރިޔަށި ބަޔާން އިއްވަވާނީ މިއަދު 10:00 ޖަހާއިރު އެވެ.
20:03

މަޖިލީހުގަ މިރޭ ހިނގި ހަމަނުޖެހުމުގެ ތެރެއިން
19:32 މަޖިލީސް ކުރާގެ ކައިރިން:

ރައީސް ޑރ.ވަހީދު މަޖިލީހުން ނުކުމެ ވަޑައިގެން ކާރުކޮޅުގައި ވަަޑައިގެންފި. އެވަގުތު އެއްވެސް ހަމަނުޖެހުމެއް ނުހިނގާ.
19:24 މަޖިލީހުގެ ރައީސް ޝާހިދު:

ދެން ޖަލްސާއެއް ބާއްވާނެ ވަކި ދުވަހެއް އިއުލާނެއް ނުކުރައްވާ. އެމްޑީޕީގެ އަމަލުތައް ވަނީ ކުއްވެރިކުރައްވާފައި.
19:21 މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު

މަޖިލީހުގެ ޖަލްސާ އޮމާންކަމާ އެކު ކުރިއަށް ގެންދިޔުމަށް ގިނަ އަދަދެއްގެ ސިފައިން ޗެމްބަރުގައި ތިބެންޖެހޭތީ އެއީ "ޅަފަތުގެ ޑިމޮކްރަސީއަށް ރަނގަޅުގޮތެއް ނޫންކަމަށް" ވިދާޅުވެ މިއަދުގެ ޖަލްސާ ނުބާއްވަން ނިންމައިފިކަން ޝާހިދުދެންމެ އިއުލާންކޮށްފި.
19:19 މަޖިލީހުގެ ރައީސް ޝާހިދު:

އެމްޑީޕީން ވަނީ މަޖިލިސް ހުއްޓުވަން ތަފާތު ކަންތައްތަކެއް ކޮށްފައި. އެގޮތުން އެންމެ ފަހު ފަހަރު އޭނާ ތަޅުމަށް ވެއްޓުނު ކަމަށް އޭނާ ވިދާޅުވި. އެކި ވަރުގެ އަނިޔާވި ކަމައްވެސް ވިދާޅުވި. ރައީސް ވަހީދު އަދިވެސް އިންނެވީ މަޖިލީހުގައި.
19:18

ޕްރެސް ކޮންފަރެންސް ފަށައިފި. ޕްރެސް ދެއްވަނީ މަޖިލީހުގެ ރައީސް ޝާހިދު.
19:14

މަޖިލީހުގެ ރައީސް ޝާހިދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިކުމެ ވަޑައިގަތްތަނުން އިދިކޮޅު މެންބަރުން ބައްދަލުކުރަން ބޭނުންވެގެން އެބުރި ވަޑައިގެންފިކަމަށް މައުލޫމާތު ލިބޭ.
18:57

ކެންސަލް ކުރި ނިއުސްކޮންފަރެސް ކުޑައިރުކޮޅެއް ތެރޭ ފަށަން ތައްޔާރު ވަނީ. ވަަރަށް އަވަހަށް ނިއުސް ކޮންފަރެންސް ފަށާނެ.
18:52 މަޖިލީހުގެ އިދާރާއިން

މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަނެއްކާވެސް އެތެރެއަށް ވަދެއްޖެ. މެންބަރު އީސަވެސް އެތެރޭގައި އެބައުޅުއްވާ. އީސަގެ ގަމީހު ގޮއްތައްވެސް ވަނީ ނެއްޓިފައި. ބޮންޑާގެ ކޯޓުވެސް ވަނީ އިރައިގެން ގޮސްފައި.
18:48 ޕޮލިސް އެލާޓް:

ހެޑް އިންޖަރީވި ފުލުސް މީހާ މިރޭ 7:00 ޖަހާއިރު ލަންކާއަށް ފުރުވާލަނީ.
18:36 އަދާލަތު ޕާޓީގެ ނޫސް ބަޔާން:

އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު މިއަދު މާލެތެރޭގައި ހިންގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުންނަށް އަނިޔާވެފައިވާތީ އަދާލަތު ޕާޓީން އެކަން ކުށްވެރިކޮށްފި އެވެ. އަދާލަތު ޕާޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެތެރޭގެ އަމަންއަމާންކަން ބެލެހެއްޓުމަށް މިއަދު ހަރަކާތްތެރިވި ފުލުހުންނާ ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ހިންގަމުންދާ ލާއިންސާނީ އަދި ޓެރަރިޒަމްގެ އަމަލްތައް އެޕާޓީން އެންމެ ހަރުކަށި އިބާރުން ކުށްވެރިކުރާ ކަމަށެވެ.
18:35

މަޖިލީހުގެ ރައީސްއަށް ހުރަސް އެޅުމުން ބޭރަށް ނެރުނީ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަދި ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް ކަމަށް އެމްޑީޕީން ބުނެފި. ކެދިކުޅުދޫ ދާއިރާގެ އަހުމަދު އީސަގެ ގަމީސް ވަނީ ވީދީފައި. އޭނާ ވަނީ މަޖިލީހުން ނުކުމެ އެތަން ނޫސްވެރިންނަށް ދައްކާލާފައި.
18:26

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޖިލީސް ކުރާ ގެއަށް ވެދެވަޑައިގަތުމަށް ހުރަސް އެޅުއްވި ދެ މެންބަރަކު އެއްފަރާތްކޮށްފި. އަދި ގިނަ މެންބަރުން ގޮނޑިކޮޅުތަކުގައި އިށީންނަވާ ކަމަށް މަޖިލީހުގެ މެންބަރަކު ވިދާޅުވި.
18:16 ޕޮލިސް މީޑިއާ:

މިއަދު ފުލުހުންގެ ސަފުތައް ފޫއަޅުވައި އެތެރެއަށް ވަދެ ފުލުހުންނަށް ހަމަލަދިން މައްސަލައިގައި ހައްޔަރުކުރި ހދ. ވައިކަރަދޫ، ކުރި، މުހަންމަދު އިފާޒް ހަރަކާތްތެރިވެފައިވަނީ މަސްތުވެފައިވާ ހާލަތުގައި ކަމަށް އޭނަގެ ޔޫރިން ޓެސްޓުން ދައްކައިފިކަމަށް ފުލުހުން ބުނެފި.
18:04

ނިއުސް ކޮންފަރެންސް ކެންސަލްކޮށްފި. މަޖިލިސް ތެރޭން "ދޫކޮށްލާށޭ" ވަރަށް ބާރަށް ގޮވާއަޑު އިވޭ.
18:01

މަޖިލިސްގެ ޗެމްބަރާ ދިމާލަށް އެސްޕީޖީ ސިފައިން ދާ މަންޒަރު ފެނިއްޖެ. އެއާ އެކު ވަަރަށް ބާރަށް އެތެރޭން ހަޅޭއްލަވާ އަޑު އިވުނު. ބޭރު ދޮރުތައް ބަންދުކޮށްފައި ހުރުމުން އެތެރޭގައި ވަނީ ކިހިނެތްކަމެއް ނޭންގޭ.
17:58 މަޖިލީހުގެ އިދާރާއިން

މަޖިލީހުގެ އެތެރޭގެ މައިދޮރު އަނެއްކާވެސް ލައްޕައިފި. ބައެއް މެންބަރުން މިހާރު ތިއްބެވީ ޗެމްބަރުގައި.
17:55

މަޖިލީހުގެ ޖަލްސާ ވަރަށް އަވަހަށް ފައްޓާނެ ކަމަށް ހަބަރު ލިބޭ. މަޖިލީހުގެ ރައީސްއަށް ހުރަސްއަޅާ މެންބަރުން ދުރުކޮށް ޖަލްސާ ކުރިއަށް ގެންދާނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވޭ.
17:36 މަޖިލިސް ކުރާގެ ކައިރިން

މަޖިލީހުގެ އިރުމަތީ ފަރާތު ދޮރުން ބައެއް މެންބަރުން ވަންނަވާ އިށީންނަވަން ފަށައިފި. ބައެއް މެންބަރުން މިހާރުވެސް ތިބީ ގޮނޑިކޮޅު ތަކުގައި އިށީންނަވައިގެން.
17:03

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން 5:30 ގައި ޕްރެސްއެއް ބާއްވާނެ ކަން އަންގައިފި. ޕްރެސްދެއްވަނީ ކޮންބޭފުޅެއް ކަމެއް އަދި ކޮން ސަބަބަކާ ހުރެ ކަމެއްވެސް އަދި ސާފެއް ނުވޭ.
16:35

ފުލުހަކު ދުއްވަމުން ދިޔަ ސައިކަލެއްގައި ރޯކޮށްލައިފިކަމުގެ ރިޕޯޓް ލިބޭ ކަމަށް ފުލުހުން ބުނެފި. ސައިކަލްގައި ރޯކޮށްލީ ފުލުސް މީހާ މާލޭ ސިޓީ ކައުންސިލް ކުރިމަތިން ދުއްވާފައި ދަނިކޮށް އެމްޑީޕީ ސަޕޯޓަރުންތަކެއް އޭނާ ހުއްޓުވުމަށް ފަހު ކަމައްވެސް މައުލޫމާތު ލިބޭ. އެވަގުތު އެ ސަރަހައްދު ހަލަބޮލިވި.
16:19 ޕޮލިސް އެލާޓް:

މިއަދުގެ ހަމަނުޖެހުމުގައި ވުޑް އެޕަލްކައިރިން އަނިޔާވި ފުލުހަކު ލަންކާއަށް ފުރުވާލަން މަސައްކަތް ކުރާކަމަށް ފުލުހުން ބުނެފި. ފުލުހުން ބުނީ އޭނާއަށް ލިބުނީ ހެޑް އިންޖަރީއެއް ކަމަށް. އަދި ހާލަތު ސީރިއަސްކަމަށް. އޭނާ އަށް މިހާރު ޕޮލިސް މެޑިކަލްގައި އަންނަނީ ފަރުވާދެމުން.
16:13 ރައްޔިތުންގެ މަޖިލީސް ކުރާގެއިން

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމު ދެންމެ މީޑިއާ އަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދަވާ ގޮތަށް ކަމަށް. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި މަޖިލީހުގެ ރައީސް އިންނަވާ ގޮނޑިކޮޅުކައިރީގައި ރައީސުލްޖުމްހޫރިއްޔާ އިންނެވުމަށް ބަހައްޓާފައި ހުރި ގޮނޑި، އެމްޑީޕީ މެންބަރުން ވަނީ މަޖިލީސް ކުރާގޭގެ ދޮރުމައްޗަށް ނެރެ ހިސޯރުކޮށްފައި. އަދި އެ ގޮނޑިކޮޅުގެ ވަށައިގެން އެމްޑީޕީ ބޭފުޅުން ތިއްބަވައިގެން ގެންދަވަނީ ފޯރިމަރަމުން.
އެމެރިކާގެ ބަޔާން އެމެރިކާގެ ބަޔާން:

ރާއްޖޭގައި މިއަދު ހިނގަމުން އަންނަ ކަންތައްތަކާ ގުޅިގެން އެމެރިކާއިން ކަންބޮޑުވާކަން ހާމަކޮށްފި. އެމެރިކާ އެމްބަސީން އާންމު ކުރި ބަޔާނުގައި ބުނަނީ މުޒާހަރާގައި ހަމަނުޖެހުން ހިނގަމުންދާތީ އާއި މަޖިލިސް ހުރަސް އެޅެމުންދާތީ ކަންބޮޑުވާ ކަމަށް.
ރޯޑްމެޕްގައި އެއްބަސްވި ގޮތަށް، ސުލްހަވެރި ގޮތުގައި ގުޅިގެން ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކޮށް މައްސަލަތަކަށް ހައްލެއް ހޯދުމަށް ގޮވާލަމެވެ. ހަމަނުޖެހުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާ އިން ހުރިހާ ފަރާތްތަކަކަށް ބާރު އަޅަމެވެ
15:46

މިއަދުގެ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ އަދަދު 44 އަރައިފިކަމަށް ފުލުހުންބުނެފި.
15:26 މަޖިލީސް ކުރާ ގެއިން

މަޖިލީސް ކުރާގޭގެ ތަޅުމުގައި އެމްޑީޕީ ބައެއް މެންބަރުން އޮށޯވެ، އަދި ރައީސާއި މަޖިލީހުގެ އަމީން އާންމުގެ ގޮނޑިކޮޅަށް ކޮއްޅަށް އަރުއްވި. އަދި ފެންފުޅި އުއްކަވައި ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުންނާއި އެމްޑީޕީ މެންބަރުންގެ ކުރިމަތިލުން ހިނގި. އަދި އަޑުގަދަ ކުރައްވައި ހަޅޭއްލައްވައި ހެއްދެވި. ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ގަމީހުގެ ގޮއްތައް ނައްޓައި މޭމަތި ހާމަކުރައްވައިގެން ވެސް އުޅުއްވި.
15:25

ޓެލެކޮމް ބިލްޑިންގް ކައިރިއަށް އެމްޑީޕީ މީހުން އެއްވެ ފުލުހުންނާ ކުރިމަތިލުމުން ސިފައިންގެ ފައުޖެއް އެ ސަރަހައްދަށް ގޮސްފި.
15:19

ރާއްޖެ ވަޑައިގެން މިވަގު އުޅުއްވާ އިންޓަޕާލަމެންޓްރީ ޔޫނިއަންގެ މެންބަރު މރ. މާޓިން ޗައުންގައުން މީޑިއާ އަށް ވިދާޅުވީ ދެ ފަރާތުގެ މަޝްވަރާތައް ކުރުމަށް ހިއްވަރު ދެއްވާ ކަމަށާއި ހަމަ އެއާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މަޖީލީސް އަށް ވަޑައިގެން ޕްރެޒިޑެންޝަލް އެޑްރެސް އިއްވެން ޖެހޭނެ ކަމަށް.
15:18 މަޖިލިސްކުރާގެ ކައިރިން

އެމްޑީޕީގެ މެންބަރުންގެ ހުރަސްއެޅުމުން މަޖިލީހުގެ ރައީސް ޝާހިދުއަށް ޗެމްބަރަށް ނުވަދެވިގެން އަނެއްކާވެސް އެބުރި ވަޑައިގެންފި. އަނެއްކާވެސް ވަޑައިގަތީ މަޝްވަރާތަކަށް.
15:14 ސޯސަންމަގުން

ސޯސަންމަގުން މަޖީދީ މަގު ލައިޓް ސަރަހައްދުގައި އެމްޑީޕީގެ އަންހެނުންގެ މުޒާހަރާއަށް އިތުރު އަންހެނުން ގުޅިއްޖެ. އެމީހުންވެސް ކުނާހިފައިގެން އައިސް ޖައްސާލައިފި.
ރައީސްގެ ސްޕޯސް ޕާސަން އައްބާސް ރައީސްގެ ސްޕޯކްސް ޕާސަން: ދިޓީވީގައި

މަޖިލީހުގެ ޖަލްސާ ފެށުމަށް ހުރަސް އަޅުއްވަނީ 12 މެންބަރަކު. އެ މެންބަރުން މަސައްކަތް ކުރައްވަނީ ރައީސްގެ އަޒުމާއި ހިތްވަރު ދުއްވާލަން ކަމަށް ވިދާޅުވި. އަދި މަޖިލީހުގެ ރައީސް ޝާހިދު މަޖިލިސް ފެށުމަށް ކުރަންޖެހޭ ކަންކަން ކުރައްވާ ކަމަށް ވިދާޅުވި.
އެ މަނިކުފާނުގެ ގާނޫނީ ވާޖިބު އަދާކުރެއްވުމަށް ފަހު ނޫނީ ނުނިކުންނަވަން ހުންނެވީ ކެތްމަދުވެފައި. އެކަން ނިންމެވުމަށްފަހު ރައީސް ގެއަށް ވަޑައިގަންނަވާނެ.
15:02 މަޖިލިސްކުރާގެ ކައިރިން

މަޖިލީހުގެ ޖަލްސާ ފެށުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ބައެއް މެންބަރުން ވިދާޅުވޭ. އެމްޑީޕީ މެންބަރުން ގެންދަވަނީ އަދިވެސް ހުރަސް އަޅުއްވަމުން.
15:01

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީސް ހުޅުއްވައިދެއްވުމަށް ވަންނަވަން މަސައްކަތް ކުރެއްވުމުން އެމްޑީޕީ މެންބަރުން އަނެއްކާ ވެސް ހުރަސްއަޅައިފި.
15:00

ދޮރުތައް ލެއްޕުމުން އެތެރޭގައި ހިނގާ ކަމެއް މިހާރަކު ނުފެނޭ. އިވެނީ އެއްމެންބަރަކު އަނެއް މެންބަރަކަށް ވަރަށް ބާރަށް ހަޅޭއްލަވާ އަޑު.
14:57

އެމްޑީޕީ މެންބަރު ރިޔާޒު މަޖިލީހުގެ އެތެރޭގެ މައިދޮރު ހުޅުވުމުން އެމްއެންޑީއެފް ސެކިއުރިޓީން އެ ދޮރު އަނެއްކާވެސް ލައްޕައިފި. އެ ދޮރު ނުހުޅުވޭ ގޮތައް އެމްއެންޑީއެފްގެ ސެކިއުރީޓިން އެ ދޮރު ކުރިމަތީގައި އެބަތިބި.
14:56

މަޖިލިސް ކުރާ ގޭގެ ދޮރުތައް ބަންދުކޮށްފި.
14:46 ރިޔާޒް ރަޝީދު، ވީޓީވީގައި

އޭނާ ވިދާޅުވީ އެހެން ޖަލްސާތަކުގައިވެސް އަމަލުކުރާ އުސޫލަށް ނެރެންޖެހޭ މެންބަރަކު ނެރެގެން ޖަލްސާކުރިއަށް ގެންދިޔުމަށް ކައުންސިލްޖެނެރަލް މިހާރު ލަފާއަރުވާފައިވާ ކަމަށް. މަޖިލިސް ނުފެށިގެން އުޅެނީ މަޖިލީހުގެ ރައީސް ޖަލްސާ ނުފައްޓަވައިގެން ކަމަށް. ރައީސް މީގެ ކުރިން މަސައްކަތް ކުރެއްވީ އެމްޑީޕީގެ މެންބަރުންނާއި ވާހަކަދައްކަވަން ކަމައްވެސް ރިޔާޒް ވިދާޅުވި.
14:33

އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނީ 14 ފުލުހަކަށް. އެ ހުރިހާ ފުލުހުން މިހާރުވަނީ ދޫކޮށްލާފައި. އެ ފުލުހުންނަށް ސީރިއަސް އަނިޔާތަކެއް ނުވާކަމައްވެސް ބުނޭ.
14:19 މަޖީދިއްޔާ ކައިރިން

ސޯސަންމަގުން މަޖީދިއްޔާ ކައިރީ ލައިޓް ސަރަހައްދުގައި މުޒާހަރާ ކުރާ މީހުންނާ އެމްޑީޕީގެ މެންބަރު މާރިޔާ އާއި އީސަ ބައްދަލުކުރައްވަމުން އެބަ ގެންދަވާ.
13:55 މަޖިލިސް ކުރާގެ ކައިރިން

ސިފައިންގެ 50 އެސްޕީޖީން މަޖިލީހުގެ ހުޅަނގު ގޭޓު ކުރިމައްޗަށް ވާގޮތަށް އެތުރިލައިފި.
13:49 އަލިކިލެގެފާނު މަގުން

އެމްޑީޕީ މެންބަރުން އަލިކިލެގެފާނު މަގުގައި މެންދުރުގެ ކެއުން ވަނީ އިންތިޒާމް ކޮށްފައި. އެމީހުން އަންނަނީ ފުރައިޑް ރައީސް އަށް އިންސާފުކުރަމުން.
13:40 މަޖިލިސް ކުރާ ގެއިން

އައިޕީޔޫގެ މެންބަރުންނާއި އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ރައީސް އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)އާ އެކު މަޝްވަރާތަކެއް މަޖިލީހުގެ އިދާރާގައި ހިގާކަމަށް މައުލޫމާތު ލިބޭ.
13:25 ޓުވިޓާ، ޕޮލިސް ކޮމިޝަނާ ރިޔާޒު

މިއަދުގެ ހަމަނުޖެހުންތަކުގައި ހެއްކާ އެކު ހައްޔަރުކުރެވޭ މީހުންނާ މެދު އަމަލުކުރާނީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކަމަށް ކޮމިޝަނާ ވިދާޅުވި.
13:20

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމާއި ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު މަޖިލީހުގައި ބައްދަލުވުމެއް ބާއްވައިފިކަމަށް ހަބަރުލިބޭ. ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި މިނިސްޓަރުންވެސް ދަނީ ބައްދަލުކުރައްވަމުން.
13:16

ތައިވޯކްސް ރެސްޓޯރަންޓް ކައިރިއަށް އެމްޑީޕީ މެންބަރުން ދަނީ އެއްވަމުން. އެ ސަރަހައްދަށް މީހުން ދަނީ އިތުރުވަމުން.
ރައީސްގެ ސްޕޯކްސް ޕާސަން

ރައީސް ވަހީދުގެ ސްޕޯކްސް ޕާޝަން އައްބާސް އާދިލް ރިޒާ ވިދާޅުވީ ރައީސް ވަހީދު ހުންނެވީ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވެވުމަށް ކެރިވަޑައިގެން ތައްޔާރަށް ކަމަށް. އަދި ރައީސް އިންތިޒާރުކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ރައީސް އެ ފުރުސަތު ދެއްވަންދެން ކަމަށް. އަދި ރައީސްއަށް ބަޔާން ނީންވޭނެ ފަދަ ހާލަތެއް މަޖިލީހުގައި ނެތް ކަމައްވެސް އޭނާ ވިދާޅުވި.
މީގެ ކުރިންވެސް މަޖިލީހުގައި އަމަންއަމާން ކަން ގެއްލުނީމައި އަމަުލުކުރާ އުސޫލުތަކެއް އޮވޭ. އެބާރު އޮންނަނީ މަޖިލީހުގެ ރައީސްއަށް. ނަން އިއްވުމާއި މަޖިލީހުގެ ގާޑުން އެ މެންބަރެއް ނެރުން
12:58 މަޖިލިސްކުރާގެ ކައިރިން

ޑިފެންސް މިނިސްޓާ ނާޒިމް މީގެ ކުޑައިރުކޮޅެއް ކުރިން ޗެމްބަރުގެ ދޮރުމަތީ ތިބި މަޖިލީހުގެ ބައެއް މެންބަރުންނާ ވާހަކަދައްކެވި. އެކަމަކު ދެއްކީ ކޮންވާހަކައެއް ކަމެއް ސާފުވާގޮތެއް ނުވޭ.
12:56 މަޖިލިސް ކުރާގެ ކައިރިން

އެމްޑީޕީގެ އަންހެނުން މުޒާހަރާ ކުރާ ނާދީ ސަރަހައްދުގައި ކުނާ އަޅާ އެންމެން އިށީންދެއްޖެ. އެތަނުގައި ފެނާއި ތަފާތު ޖޫސްފަދަ ބުޔުންތައް އަންނަނީ ބަހަމުން.
12:49 މަޖިލިސް ކުރާގެ ކައިރިން

މެންބަރު އަލްހާން މަޖިލީހުން ނުކުމެވަޑައިގެން މަޖީދިއްޔާ ކައިރީގައި މުޒާހަރާ ކުރާ މީހުންނާ ދިމާލަށް ވަޑައިގެންފި.
12:45

މަޖިލީހުގައި މިހާރު ހިނގާ ހަމަނުޖެހުމުގެ ތެެރެއިން
12:43 ޓުވިޓާ، ޕޮލިސް ކޮމިޝަނާ ރިޔާޒު

މިއަދުގެ ހަމަނުޖެހުންތައް މައިތިރި ކުރުމުގައި ފުލުހުން މިހާތަނަށް އަމަލުކޮށްފައިވާ ގޮތާމެދު ހިއުމަން ރައިޓް ކޮމިޝަނުންހިތްހަމަ ޖެހޭކަމަށް އެ ކޮމިޝަންގެ ރައީސް އަޅުގަނޑަށް ޓެކްސްޓް މެސެޖެއް މެދުވެރިކުރައްވާ ވިދާޅުވި.
12:39

އިންޑިއާގެ ހައިކޮމިޝަނާ މުލޭ އާއި ބަގްލަދޭސްގެ ޑިޕްލޮމެޓެއް ދާދިދެންމެއަކު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނިކުންނަވައިފި. އެބޭފުޅުން ރައީސް އާއި ޕާލިމަންޓްރީ ގުރޫޕުގެ ރައީސުންނާއި މަޝްވަރާ ކުރެއްވި ކަމަށް ހަބަރު ލިބޭ.
12:36 ޕޮލިސް އެލާޓް:

މިއަދުގެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުން މަސްތުގައި ތިބިކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރާ މީހުންގެ ޔޫރިން ޓެސްޓު ކުރަން ފަށައިފިކަމަށް ފުލުހުން ބުނެފި.
12:34 މަޖިލިސް ކުރާގެ ކައިރިން

ޗެމްބަރުގެ ދޮރުމަތީގައި ތިއްބަވާ އަލީ ވަހީދާއި އެމްޑީޕީގެ ބައެއް މެންބަރުން ހަރުއަޑުން ގާނޫނު އަސާސީގެ ބައެއް މާއްދާތައް ވިދާޅުވަމުން ގެންނަނީ.
12:28

ޗެމްބަރުން ފޯނާއި އިންޓަނެޓް ކަޑާލާފައިވާކަމަށް މެންބަރު އިލްޔާސް ލަބީބު މީޑިޔާގައި ވިދާޅުވެއްޖެ.
12:25 މަޖިލިސްކުރާގެ ކައިރިން

މަޖިލީހުގެ އަމީން އާންމު ޗެމްބަރުގެ ދޮރުމަތީގައި ހުންނަވައި އެމްޑީޕީގެ މެންބަރުންނާ ވާހަކަދައްކަވަމުން އެބަ ގެންދަވާ.
12:22 ދިޓީވީގައި؛ މަހުލޫފް

ޕީޕީއެމްގެ ސްޓޭންޑަކީ އެމްޑީޕީގެ މެންބަރުން ހުރަސް އެޅުއްވިޔަސް މަޖިލިސް ކުރިއަށް ގެންދެވުން ކަމަށް މަހުލޫފް ވިދާޅުވި. އަދި މަޖިލީހުގެ ރައީސް އެކަމުގައި "ހިތްވަރު" ދެއްކެވުމަށް ގޮވާލެއްވި.
12:17 މަޖިލިސް ކުރާގެއިން

ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުންނާ އެކު މަޖިލީހުގެ ރައީސް ބައްދަލުވުމެއް ބާއްވަމުން ގެންދަވާކަމަށް މައުލޫމާތުލިބޭ. މަޖިލީހުގެ ރައީސް ޗެމްބަރަށް ވަނުމައްވެސް ހުރަސް އަޅާކަމަށް ބައެއް މެންބަރުން ބުނޭ.
12:13 ޓުވިޓާ، ޕޮލިސް ކޮމިޝަނާ ރިޔާޒު

ހިއުމަންރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން މިއަދުގެ ހަމަނުޖެހުންތައް ކައިރިން ބެލުމަށް ކޮމިޝަނާ އެދިވަޑައިގެންފި.
12:08 މަޖިލިސް ކުރާގެ ކައިރިން

އިންޓަ ޕާލިމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ އޮފިޝަލަކު އެބަ ހަރަކާތްތެރިވޭ. މެންބަރު އީވާ އަންނަނީ އެބޭފުޅާ އާ ވާހަކަދައްކަވަމުން.
12:05 ޕޮލިސް ޓްވިޓާ:

ފުލުހުންގެ ހަތަރު އޮފިސަރަކަށް ވަނީ އަނިޔާވެފައި. އަދި ދިހަ އޮފިސަރަކަށް ކުދި އަނިޔާތައް ވަނީ ލިބިފައި. ހަމަނުޖެހުންތަކުގައި ފުލުހުންނަށް ނުކިޔަމަންތެރިވި 34 މީހަކު މިހާތަނަށް ވަނީ ހައްޔަރުކޮށްފައި.
މެންބަރު އިލްހާމް ދިޓީވީން

މިއަދު އިރުއޮއްސުނަސް ޖަލްސާ ކުރިއަށް ގެންދަން ބޭނުންކަމަށް އިލްހާމް ވިދާޅުވި. އަދި އެވާހަކަ މުލަކު ދާއިރާގެ މެންބަރު ޔާމީން މަޖިލީހުގެ ރައީސްއަށް އަންގަވާފައިވާ ކަމައްވެސް ވިދާޅުވި. މަޖިލީހުގެ ރައީސް މިދަޑިވަޅުގައި މަޖިލިސް ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމައްވެސް އޭނާ ވަނީ ޝާހިދުއަށް ގޮވާލައްވާފައި.
ރައީސް އިންނެވީ މަޖިލީހުގެ ރިޔާސަތާ ވަރަށް ކައިރީގައި ސެކިއުރިޓީގައި އަދި ހެޔޮހާލުކޮޅުގައި. ކިތަންމެ ގިނަ އިރެއް ވިޔަސް ރައީސް ވަާޑއިގަންނަވާނީ ރިޔާސީ ބަޔާން އިއްވާފައި
11:45

އައިޖީއެމްއެޗުން ބުނީ ހަމަނުޖެހުމުގައި އަނިޔާވި ހަތަރު މީހަކަށް އެމެޖެންސީގައި ފަރުވާދިން ކަމަށް. އޭގެ ތެރެއިން އެކަކު ނޫން އެންމެން ވަނީ ދޫކޮށްލާފައި.
11:42

ސިފައިންގެ ބޮޑު ފައުޖެއް މަޖީދިއްޔާ ސަރަހައްދުގައި ރުކުރުވާލައިފި. ގިނަ އަދަދެއްގެ ސިފައިން ވަނީ މަގުތަކަށް ނުކުމެފައި.
11:36 އަލީ ނަސީރު، މަޖީދީ މަގުން:

ސޯސަންމަގު މަޖީދީ މަގާ ގުޅުނު ލައިޓްކައިރީ ގިނަ އަދަދެއްގެ އެމްޑީޕީއަށް ސަޕޯޓްކުރާ އަންހެނުން އެއްވެފައިއެބަ އޮތް. މުޒާހަރާ ކުރާ ސަރަހައްދުތަކަށް ސިފައިންވެސް ވަނީ ނުކުމެފައި.
11:33 އައިޖީއެމްއެޗްގެ ބަޔާން:

އިމަޖެންސީ ކަންތައްތަކުގެ ސަބަބުން މިއަދު އޯޕީޑީގެ ހިދުމަތް އެ ހޮސްޕިޓަލުން ކެންސަލްކޮށްފި.
11:28

މަޖިލީހުގެ ޗެމްބަރުގައި ފޯނުގެ ހިދުމަތް ނުލިބޭ ކަމަށް ބައެއް މެންބަރުން އެބަ ވިދާޅުވޭ. އަދި ޓީވީ ޗެނަލްތަކައް ދީފައި ހުންނަ މަޖިލީޙުގެ ފީޑްވެސް މިވަގުތު މެދުކެޑިފައި ވާކަމައްވެސް ހަބަރުތައް އެބަ ފެތުރޭ. އެކަންތައްތައް އަދި ޔަގީނެއް ނުވޭ.
11:25 މެންބަރު ނިހާން، މަޖިލިސް ކުރާގެ ކައިރިން

އޭނާ ވިދާޅުވީ މަޖިލިސްކުރާގޭގައި އެމްޑީޕީން ހިންގާ ހަމަނުޖެހުންތަކަކީ ވެރިކަން ގެއްލުމުން ހަޖަމްނުވެގެން ބަޔަކު ކުރާކަމެއް ކަމަށް. އެކަމަކީ ކުރެވިގެން ވާނެ ކަމެއް ނޫންކަމަށް ވިދާޅުވި. އަދި މަޖިލީހުގެ ރިޔާސަތުގައި ހުރި ގައުމީ ދިދަ ބިންދާލިކަމައްވެސް ވިދާޅުވި.
11:18 މެންބަރު ހާމިދު؛ މަޖިލިސް ކުރާގެ ކައިރިން:

އޭނާ ވިދާޅުވީ ރައީސް ވަހީދު މަޖިލީހުގައި ބަޔާން އިއްވަން ޖެހޭނީ އެމްޑީޕީގެ މެންބަރުން މަރާލާފައި ކަމަށް. އެކަން ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި.
11:16 އަލިކިލެގެފާނު މަގުން

އަލިކިލެގެފާނު މަގަށް އަނެއްކާވެސް އެމްޑީޕީ މެންބަރުން އެއްވަން ފަށައިފި. ފުލުހުން އެމީހުން ފަހަތައް ޖައްސަން އަންނަނީ މަސައްކަތް ކުރަމުން.
11:12

މަޖިލީހުގައި މިހާރު ހިނގާ ހަމަނުޖެހުމުގެ ތެރެއިން
11:10

މަޖިލީހުގެ ޗެމްބަރުގައި ހިނގާ ހަމަނުޖެހުންތަކުގެ ތެރެއިން
10:58 ޕޮލިސް މީޑިއާ، ސަބް އިންސްޕެކްޓާ ޝިޔާމް:

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުން މިހާތަނަށް 18 ވަރަކަށް މީހުން ފުލުހުން ހައްޔަރުކޮށްފި ކަމަށް ވިދާޅުވި.
10:54 ޕޮލިސް އެލާޓް:

މަޖިލިސް ކައިރިން ބައެއް ފުލުހުންނަށް ބޮޑަތި ޒަހަމްތަކެއް ކޮށްފައިވާތީ އެ ސަރަހައްދަށް އެއްވެ އަނިޔާވާފަދަ އަމަލުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި. ބައެއް ސަރަހައްދުތަކުން ފުލުހުންގެ ގަޔަށް ޕެޓްރޯލް އުކަމުންދާ ކަމައްވެސް ފުލުހުން ބުނޭ.
10:51

ވުޑް އެޕަލް ކައިރީ ތިން ފުލުހަކަށް ވަރަށް ބޮޑަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ހަބަރުތައް އެބަ ލިބޭ.
10:43

މަޖިލީހުގެ ރައީސްގެ ގޮޑި ކޮޅާއި ގައުމީ ދިދަ އެހުރި ތަނުގައި ވަނީ އަލުން ބަހައްޓާފައި. މަޖިލިސް ޗެމްބަރު އަދިވެސް ފެންނަނީ ހަލަބޮލިކޮށް.
10:39

އެމްޑީޕީ މަޖިލިސް މެންބަރުން ރިޔާސަތުގައި ހުރި ގައުމީ ދިދަ އާއި ރައީސް އިށީންނަވާ ގޮޑި ނަގައިފި. ބައެއް މެންބަރުން އެއްބޭފުޅެއް އަނެއް ބޭފުޅެއްގެ ގަޔަށް އަތްލާ މަންޒަރުވެސް އެބަފެނޭ. އެމްޑީޕީ މެންބަރުން ވަނީ ރިޔާސަތު ހިސޯރުކޮށްފައި.
10:31 ޕޮލިސް އެލާޓް

ވުޑް އެޕަލް ރެސްޓޯރަންޓް ކައިރިން އެމްޑީޕީގެ ގިނަ ބަޔަކު ފުލުހުންނާ ކުރިމަތިލައި ގައު އުކުމުގެ ސަބަބުން ގިނަ ފުލުހުންނަށް އަނިޔާވެއްޖެ.
10:29

އަލިކިލެގެފާންގެ މަގުން ދުރަށް ޖެއްސި އެމްޑީޕީ މީހުން، ކޯޅިކޯލިއަށް މަޖީދީމަގުގައި. އަދި އެމްޑީޕީ މީހުން "މަނީ މަނީ" އޭ ގޮވަން ފެށުމުން ފުލުހުން، "ޔެސް ސާ' އޭ ވެސް ކިޔި. އަދި ފުލުހުން އަމިއްލަ އަށް ވެސް މިހާރު މަނީ މަނީ ޔޭސް ސާއޭ ކިޔަމުން އެބަދޭ.
10:28

މަޖިލީޙުގެ ޗެމްބަރުގައި އެމްޑީޕީ މެންބަރުން ކޮޅަށް ތިބެ ދަނީ ޝުއޫރުފާޅުކުރަމުން. އެމީހުން ގެންދަނީ ހަރުއަޑުން ޗެމްބަރު ތެރޭގައި ހަޅޭއްލަވައި އަޑުގަދަ ކުރަމުން. ބައެއް މެންބަރުން ރިޔާސަތު ކުރިމަތީ އިށީންދެގެންވެސް އެބަތިއްބެވި. އެއީ ކޮންމެންބަރުންނެއް ކަމެއް އަދި ސާފެއް ނުވޭ.
10:23
10:22

އަލިކިލެގެފާންމަގުގައި ފުލުހުންނާ ކުރިމަތި ލީ މީހުންގެ ތެރެއިން ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށް އެ ސަރަހައްދުގައި ތިބި ސަންގެ ރިޕޯޓަރުން ބުނޭ. ފުލުހުންގެ މީޑީއާ ކޯޑިނޭޓަރު ވިދާޅުވީ، ފުލުހުނާދިމާލަށް ގަލާއި ދަނގަޑުބުރި ފަދަތަކެތީން ހަމަލާދިން 15 ވަރަކަށް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް.
10:20

އަލިކިލެގެފާންމަގުގައި ތިބީ މީހުން އެ ސަރަހައްދުން ނެރެ، މުޅި މަގު ފުލުހުން ސާފުކޮށްލައިފި.
ރައީސްގެ ސްޕޯކްސް ޕާސަން ރިޒާ ވީޓީވީން

މަޖިލިސް ކިތަންމެ ހަލަބިލިވިޔަސް ރައީސް މަޖިލީހާ މުހާތަބުކުރައްވާނެ ކަމަށް ސްޕޯކްސް ޕާޝަން އައްބާސް އާދިލް ރިޒާ ވިދާޅުވި. މަޖިލިސް ހަލަބޮލިވިޔަސް ރައީސް ބިރުފުޅު ނުގަންނާނެ ކަމަށް ވިދާޅުވި.
އެ މަނިކުފާނަކީ ވަރަށް ހިތްވަރު ގަދަ ބޭފުޅެއް. ގާނޫނު ނެގެހެއްޓުމަށް ފުރާނަ އަށް ބިރުފުޅުގަތުމެއް ނެތި އެ ކަން ކުރައްވާނެ.
10:18
10:16

އަލިކިލެގެފާންމަގުގައި ތިބި އެމްޑީޕީ މީހުންގެ މުޒާހަރާ "ގޭންގެއް" ލީޑްކުރަން ފެށުމުން އެމްޑީޕީގެ އާންމުންގެ ބައެއް މީހުން އެ ސަރަހައްދު ދޫކޮށްދާން ފަށައިފި.
10:10

ރެއިންބޯ މަގުގައި ތިބި އެމްޑީޕީ މީހުން ބޮޑެތި ގާތަކާއި ލަޓިބުރިތަކާއި ބޮޑެތި ދަނގަޑު ބުރި ފަދަ ތަކެތި ފުލުހުންނާ ދިމާލަށް ދަނީ އުކަމުން. އެމްޑީޕީ މީހުން މިހާރު ފަހަތަށް ޖައްސައި ތިބީ، އަލިކިލެގެފާންނުމަގުގެ މެދެއްހާ ހިސާބުގައި. އެމްޑީޕީގެ މުޒާހަރާ ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ދަނީ ބަލަމުން.
10:08

އަލިކިލެގެފާންމަގުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރި، އެމްޑީޕީ އަށް ތާއީދު ކުރާ ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި. އަދި އެމްޑީޕީ މީހުން ބޭނުން ކުރި ޕިކަަޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި.
10:08 މަޖިލިސް ކުރާ ގެއިން

މަޖިލިސް ފަށަން އޮތީ 10:00 ޖަހާއިރު. ނަމަވެސް މަޖިލިސް އަދިވެސް ނުފަށާ.
10:00

ރަޔަޓްގިޔަރުގައި ތިބި 30 ވަރަކަށް ސިފައިން އަލިކިލެގެފާންމަގަށް އަތުވެއްޖެ. ޒުވާންފުރާގައި ތިބި އެމްޑީޕީގެ ބައެއް މީހުން ތިބީ ދަނގަޑުބުރިތަކާއި ލަޓިބުރި ފަދަ ތަކެތި ހިފައިގެން.
09:56

އަލިކިލެގެފާނުމަގު ސަރަހައްދުން އެމްޑީޕީ މީހަކު ހައްޔަރުކޮށްފި. ސިކިއުރިޓީ ބެލެހެއްޓުމަށް ފުލުހުންނާއި ސިފައިން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވޭ.
09:55 މަޖިލީހުން

މަޖިލީހުގެ ބައެއް މެންބަރުން ރިޔާސަތު ކައިރީގައި ކޮޅައް އެބަ ތިއްބެވި. އެއީ ކޮން މެންބަރުންނެއް ކަމެއް ސާފެއްނުވޭ. ޗެމްބަރުން ފެންނަނީ ހަލަބޮލިކޮށް.
09:53

ރައީސް ޑރ. ވަހީދު މަޖިލީހަށް ވަޑައިގެންފި. އެމަނިކުފާނަށް މަރުހަބާ ދެންނެވީ މަޖިލީހުގެ ރައީސް ޝާހިދު. މުޅި ސަރަަހއްދުގައި ގުގުމާފައި ހުރީ އެމްޑީޕީ މެންބަރުން ޖަހާ ލަވަތަކުގެ އަޑު.
09:53

އަލިކިލެގެފާނު މަގުގައި ތިބި އެމްޑީޕީ މީހުން ދަނީ ފަހަތަށް ޖައްސަމުން. މިހާރު އެމްޑީޕީ މީހުން ތިބީ ރެއިންބޯ ޝޮޕްކައިރިން މަޖީދީ މަގާ ކައިރީގައި.
09:49

ފުލުހުން ވަނީ މާލޭގެ 15 ސަރަހައްދެއް ބަންދުކޮށްފައި. އެ ހިސާބުތަކުގައި ފުލުހުން ވަނީ ވަރަށް ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އަޅާފައި.
09:48

އަލިކިލެގެފާނު މަގުން މަޖިލީސް ކައިރިއަށް ދިއުމަށް މަސައްކަތް ކުރާ، އެމްޑީޕީ މީހުން އެ ސަރައްހަދުގައި ތިބި ފުލުހުން އެއެއްޗެތި އުކަންފަށައިފި. އަދި ފުލުހުން ޕެޕާ ސުޕުރޭ ވެސް ޖަހައިފި. އެމްޑީޕީ މީހުން ދަނީ ބޮޑެތި ގަލާއި އަދި ދަނޑިބުރިތައް ފުލުހުންނާ ދިމާލަށް އުކަމުން.
ޕޮލިސް މީޑިއާ

އެމްޑީޕީ މެންބަރުން ސޯސަން މަގު މަޖީދިއްޔާ ކައިރި ލައިޓް ކުރިމަތީ ހުރި ބެރެކޭޑް ތައް ފަޅާލާފައި ވަދެއްޖެ. އެމީހުން މިހާރު ތިބީ މަޖީދިއްޔާ މައިގޭޓާ ހިސާބުގައި. ފުލުހުން އަންނަނީ އެތަނުން އެމީހުން ފޮނުވާލަން މަސައްކަތް ކުރަމުން.
ބަންދުކޮށްފައިވާ ސަރަހައްދު ފަޅާލައި ބަޔަކު އެތެރެއަށް ވަދެއްޖެ. އެތަނުން އެމީހުން ފޮނުވާލަން މިދަނީ އިންޒާރުދެމުން
09:40

އޭދަފުށީ ދާއިރާގެ މެންބަރު ސަލީމްގެ ރެޑްވޭވް ފިހާރަ ބިއްލޫރިގަނޑު ތަޅާލައިފި. އެއީ މަޖީދީ މަގުގައި ހުންނަ ރެޑްވޭވް ފިހާރަ.
09:37 މަޖިލިސްގެ ކައިރިން

ގިނަ މަޖިލިސް މެންބަރުން މިވަގުތު ވަނީ މަޖިލީހަށް ވަޑައިގެންފައި. އެމްޑީޕީގެ މެންބަރުން މަޖިލީހަށް ވަޑައިގަތީ ހިންގަވާފައި އެކުއެކީގައި.
09:33 މަޖީދިއްޔާ ކައިރިން

އެމްޑީޕީން އަންހެނުންނަށް މަޖީދިއްޔާ ކައިރިން މަޖިލިސް ކުރާ ގެ ކައިރިއަށް ނުވަދެވުނު. އެމީހުން މިހާރު ތިބީ މަޖީދިއްޔާ ލައިޓްކައިރީ ސޯސަންމަގުގައި އިށީންދެގެން.
09:29

އެމްޑީޕީގެ އަންހެނުންތަކެއް ސޯސަން މަގު މަޖީދިއްޔާ ކައިރިއަށް ވަންނަން މަސައްކަތް ކުރުމުން ފުލުހުން އެކަން ހުއްޓުވައިފި. އެމްޑީޕީ ފިރިހެނުން ދިމާކުރީ މަޖީދީ މަގުން ގޮސް މަޖިލިސް ކައިރިއަށް ވަންނަން. އެ ސަރަހައްދުވެސް އޮތީ ބަންދުކޮށްފި.
09:24 މަޖީދީ މަގުން

އެމްޑީޕީގެ މެންބަރުން ސުނާމީ ބިނާ ސަރަހައްދުން ނައްޓާލައިފި. ގިނަ އަދަދެއްގެ އަންހެނުންނާ ފިރިހެނުން އެކުވެގެން ބޮޑޫތަކުރުފާނު މަގުން މަޖީދީމަގަށް އަޅާލައިފި. އެމީހުން އަދި ދާތަނެއް ނޭންގޭ.