ފަސް ގައުމެއް ވާދަކުރި މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ފައިނަލުގައި މިރޭ ވާދަ ކުރަނީ އިންޑިއާއާއި ނޭޕާލެވެ.
އިންޑިއާ ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ދިވެހިރާއްޖެ އަތުން 3-1 އިން މޮޅުވެގެނެވެ. އިންޑިއާ މިރޭގެ ފައިނަލަށް ނުކުންނަނީ 8 ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލުމުގެ އަޒުމުގައެވެ.
އަނެއް ކޮޅުން ފަސް ފަހަރު ސެމީ ފައިނަލުން ބަލިވި ނޭޕާލުން މަސައްކަތް ކުރާނީ ފުރަތަމަ ފަހަރަށް ފައިނަލަށް ނުކުމެ ތަށި ހޯދުމަށެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި އިންޑިއާގެ ކޯޗު އީގޯ ސްޓިމަކަށް ރަތްކާޑު ދެއްކުމާ ގުޅިގެން، މިރޭގެ މެޗުގައި އޭނާ އަށް ބެންޗުގައި ނީނދެވޭނެއެވެ.
އަނެއްކޮޅުން ކުވެއިތަށް އުފަން މުތައިރީ އަށް ވަނީ މި ފަހަރުގެ ސާފްގައި ލަންކާ މެޗާއި އެންމެ ފަހުން ކުޅުނު ބަންގްލަދޭޝް މެޗުގައި ވެސް ރީނދޫ ކާޑު ދައްކައިފައެވެ. ދެ ރީނދޫ ކާޑު ހަމަވެގެން ސާފުން ވަނީ މުތައިރީ ފައިނަލަށް ސަސްޕެންޑްކޮށްފައެވެ.
މިރޭގެ މެޗަކީ މި އަހަރުގެ ތެރޭގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާ ހަތަރު ވަނަ މެޗެވެ. މި މުބާރާތުގެ ކުރިން މި ދެ ޓީމު ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. މި މުބާރާތުގެ ލީގު ބުރުގައި އިންޑިއާ ވަނީ ނޭޕާލް އަތުން 1-0 އިން މޮޅުވެފަ އެވެ.