ސާފް ޗެމްޕިއަންޝިޕުގައި މިއަދު ނޭޕާލާއި ބަންގްލަދޭޝް ބައްދަލު ކުރާ މެޗަކީ ފައިނަލެކެވެ. މޮޅުވާ ޓީމަކަށް މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު އޮތް އިރު، ދެ ޓީމަށް ވެސް އޮތީ ވަރުގަދަ ޗެލެންޖެކެވެ. ބަންގްލަދޭޝްއިން އެތައް އަހަރަކަށްފަހު ތަށި ހޯދުމަށް އަމާޒުކަނޑައަޅާފައިވާ އިރު، ނޭޕާލްގެ އުންމީދަކީ މުބާރާތުގެ ފުރަތަމަ ރަން މެޑަލް ހޯދުމެވެ.
މިއަދުގެ މެޗަށް ދެ ޓީމުން ވެސް ރަނގަޅަށް ތައްޔާރުވެފައިވާ އިރު، މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ނޭޕާލް ވަނީ ހަ ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ މެޗުގައި ރާއްޖެ ބަލިކޮށް ހޯދި އުންމީދާ އެކު ދެވަނަ މެޗުގައި ސްރީ ލަންކާ އަތުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. ފަހު މެޗުގައި އިންޑިއާ އަތުން ތިން ޕޮއިންޓް ގެއްލުނީ ފަހު ވަގުތު އެ ޓީމުގެ ފޯވާޑް ސުނިލް ޗެތުރީ ޖެހި ގޯލުންނެވެ.
އަނެއްކޮޅުން ބަންގްލަދޭޝް ވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. ފުރަތަމަ މެޗުގައި ސްރީލަންކާ ބަލިކޮށް، ދެވަނަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ވަނީ ޕޮއިންޓެއް ހޯދައިފައެވެ. އެކަމަކު ތިންވަނަ މެޗުގައި ރާއްޖެ އަތުން 0-2 އިން ވަނީ ބަލިވެފައެވެ.
މި މެޗުގެ ނަތީޖާ އެއްވަރުކޮށްލައިގެން ވެސް ނޭޕާލަށް މުބާރާތުގައި ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ބަންގްލަދޭޝްއަށް ފައިނަލަށް ދެވޭނީ މޮޅެއް ހޯދައިގެންނެވެ.
ނޭޕާލާ ދެކޮޅަށް އެންމެ ފަހުން ބަންގްލަދޭޝް ކުުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޭޕާލް ތިން މެޗުން މޮޅުވިއިރު، މި އަހަރު ނޭޕާލްގައި ބޭއްވި ތުރީ ނޭޝަންސް ކަޕް ފައިނަލުގައި އެ ޓީމު ވަނީ 2-1 އިން ބަންގްލަދޭޝް ބަލިކޮށްފައެވެ.
ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް ވަނީ 1993 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައިފައެވެ. އޭގެ ފަހުން އެ ޓީމު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ބަލިވެފައެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާާރާތުގެ ސެމީ ފައިނަލުގައި ބަލިވީ ރާއްޖެ އަތުންނެވެ.