އެމެރިކާގެ އެންމެ މުއްސަނދި މީހުން އިންކަމް ޓެކްސް ދައްކާ މިންވަރު ވަރަށް ކުޑަ: ޕްރޯޕަބްލިކާ

އެމެރިކާގެ ބިލިއަނަރުން ވޮރެން ބަފެޓް (ވ) އަދި ޖެފް ބޭޒޯސް -- ފޮޓޯ: ސީއެންބީސީ، ގެޓީ

ވޮޝިންޓަން (ޖޫން 8): އެމެރިކާގެ އެންމެ މުއްސަނދި މީހުންގެ މިލްކިއްޔާތު ކޮންމެ އަހަރަކު އިތުރުވާ މިންވަރާ އަޅާ ބަލާ އިރު އެމީހުން އިންކަމް ޓެކްސް ދައްކާ މިންވަރު ވަރަށް ކުޑަ ކަމަށް އެގައުމުގެ ތަހުގީގީ ނޫސްވެރިކަން ކުރާ ޖަމިއްޔާއެއް ކަމަށްވާ ޕްރޯޕަބްލިކާއިން ރިޕޯޓުކޮށްފި އެވެ.

އެމެރިކާގެ މަހުޖަނުން އިންކަމް ޓެކްސް ދައްކާ މިންވަރާ ބެހޭ ރިޕޯޓެއް ޕްރޯޕަބްލިކާއިން އެކުލަވާލީ، ވަނަވަރު ހާމަކޮށްފައި ނުވާ ފަރާތަކުން އެ ޖަމިއްޔާއަށް ފޯރުކޮށްދިން މައުލޫމާތުންނެވެ. އެއީ އެގައުމުގެ ޓެކްސް ނަގާ އިދާރާ ކަމަށްވާ އިންޓާނަލް ރެވެނިއު ސާވިސް (އާއިއާރުއެސް)ގައި ހުރި އެގައުމުގެ އެންމެ މުއްސަނދި މީހުންގެ ޓެކުހާ ބެހޭ މައުލޫމާތުތަކެކެވެ. އަދި އެ ޑޭޓާއާ އެހެން ފަރާތްތަކުން ލިބުނު މައުލޫމާތާ އަޅާ ކިޔުމުން، އެއީ ސައްހަ ލިޔުންތަކެއްކަން އެނގޭ ކަމަށްވެސް ޕްރޯޕަބްލިކާއިން ބުންޏެވެ.

އެ ޖަމިއްޔާއަށް ލިބުނު މައުލޫމާތުން، އެންމެ މުއްސަނދި މީހުން ކޮންމެ އަހަރަކު ޓެކްސް ދެއްކި މިންވަރާ އެ އަަހަރު ތެރޭ އެމީހުންގެ މިލްކިއްޔާތު އިތުރުވި މިންވަރު އަޅާ ބެލި އެވެ. އަދި އެމީހުންގެ މުއްސަނދިކަން އިތުރުވި މިންވަރާ އަޅާ ބަލާއިރު ޓެކްސް ދެއްކި މިންވަރު ނުވަތަ "ޓްރޫ ޓެކްސް ރޭޓެއް" ހޯދި އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި، 2014 އާއި 2018އާ ދޭތެރޭ އެމެރިކާގެ އެންމެ މުއްސަނދި 25 މީހުންގެ މިލްކިއްޔާތު ޖުމްލަ 401 ބިލިއަން ޑޮލަރު އިތުރުވި އެވެ. އަދި އެ މުއްދަތުގައި އެމީހުން އިންކަމް ޓެކްސްގެ ގޮތުގައި ދެއްކީ 13.6 ބިލިއަން ޑޮލަރެވެ. ނަމަވެސް ޓްރޫ ޓެކްސް ރޭޓަށް ބަލާއިރު އެއީ އެންމެ 3.4 ޕަސެންޓު ކަމަށް ޕްރޯޕަބްލިކާއިން ހާމަ ކުރި އެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެންމެ މުއްސަނދި މީހުންގެ ތެރެއިން، އިންކަމް ޓެކްސް އަސްލު ދައްކަން ޖެހޭ މިންވަރާ އަޅާ ބަލާއިރު އެންމެ މަދުން ދައްކާފައި ވަނީ ބިލިއަނަރު ވޮރެން ބަފެޓް އެވެ. އެގޮތުން، މަހުޖަނުންގެ އަތުން ނަގާ ޓެކްސް އިތުރު ކުރުމަށް ގޮވާލާ ބަފެޓް، 2014 އާއި 2018އާ ދޭތެރޭ ދައްކާފައި ވަނީ ޓްރޫ ޓެކްސް ރޭޓުން ބަލާ ނަމަ 0.10 ޕަސެންޓު އިންކަމް ޓެކުހެވެ.

މީގެ އިތުރުން ބައެއް ބިލިއަނަރުން ބައެއް އަހަރުތަކުގައި އެއްވެސް ވަރަކަށް އިންކަމް ޓެކްސް ނުދައްކާ ކަމަށްވެސް އައިއާރުއެސްގެ މައުލޫމާތުން އެނގިފައިވެ އެވެ. އެގޮތުން އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް 2007 އާއި 2011ގައި އަދި ޓެސްލާގެ ބާނީ އީލަން މަސްކް 2018ގައި އިންކަމް ޓެކުހެއް ނުދައްކަ އެވެ.

ޕްރޯޕަބްލިކާގެ ރިޕޯޓަށް ޓެކްސް ގާނޫނުތަކާ ބެހޭ ބައެއް މާހިރުން ވަނީ ފާޑު ކިޔާފަ އެވެ. އެގޮތުން މީހަކަށް ލިބޭ އާމްދަނީއާ އެމީހެއްގެ މުޅި މިލްކިއްޔާތާ ތަފާތު ކަމަށް އެ ފަރާތްތަކުން ބުންޏެވެ. އަދި އެމީހެއްގެ އިންވެސްޓުމެންޓުތަކުން މިލްކިއްޔާތު އިތުރުވި ނަމަވެސް، އެ އިންވެސްޓުމެންޓު ވިއްކައިގެން އާމްދަނީއެއް ނުލިބޭ ނަމަ އޭގެއިން އިންކަމް ޓެކްސް ނުނަގާނެކަން އެ ފަރާތްތަކުން ފާހަގަ ކުރި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް