އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަން ފަށައިފި

އަފްޣާނިސްތާނުގައި ބާކީ ތިބި އެމެރިކާގެ ސިފައިން ބާލަން ވަނީ ފަށާފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މެއި 2): އަފްޣާނިސްތާނުގައި ބާކީ ތިބި އެމެރިކާގެ ސިފައިން އަނބުރާ ގައުމަށް ގެންދިޔުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

އެމެރިކާ އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ތާލިބާނާ އެކު ހެދި އެއްބަސްވުމެއްގައި އެގައުމުން ވަނީ އަފްގާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން މި މަހުގެ އެކެއްގެ ކުރިން އަނބުރާ ގެންދާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެ ތާރީހު ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 11އަށް ބަދަލުކޮށްފަ އެވެ. އެއީ އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށާއި ޕެންޓަގަންއަށް އަމާޒުކޮށް 2001 ވަނަ އަހަރު ދިން ހަމަލާއަށް 20 އަހަރު ފުރޭ ދުވަހަށެވެ.

އަފްޣާނިސްތާނުގެ ވަގުތީ އިންޓީރިއާ މިނިސްޓަރު ހާޔަތުﷲ ހާޔަތު ވިދާޅުވި ގޮތުގައި އެމެރިކާ ސިފައިން އެގައުމުން ދިޔުމުން ތާލިބާނުން ހަމަނުޖެހުން ހިންގާ މިންވަރު އިތުރު ކުރުން އެކަށީގެންވެ އެވެ. އަދި އެމެރިކާގެ ފައުޖުތަކަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އަފްޣާން ސަލާމަތީ ފައުޖުތައް ވަނީ އެލާޓަށް ގެނެސްފަ އެވެ.

"މެއި އެކެއްގައި އެމެރިކާ ސިފައިން އަފްޣާނިސްތާނުން ދާން ފަށާނެ އަދި ތާލިބާނުން ހަމަނުޖެހުން އިތުރުކޮށްފާނެ،" ފުލުހުންގެ ކޮމާންޑަރުންނާ ވާހަކަ ދައްކަވަމުން ހާޔަތު ވިދާޅުވި އެވެ.

އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބާލަން އެގައުމުން ތާލިބާނާ އެކު އެއްބަސްވުމެއް ހެދީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގަ އެވެ. އެ އެއްބަސްވުމުގައި ތާލިބާނުން ވަނީ އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ސަރަހައްދުތަކުގައި އަލް ގައިދާ ފަދަ ޖަމާއަތްތަކުން ހަމަލާ ދިނުން ހުއްޓުވުމަށާއި ގައުމީ ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެއްބަސްވެފަ އެވެ.

އެމެރިކާއިން އެގައުމުގެ ސިފައިން ބާލާ މުއްދަތު ފަސް ކުރުމުން ތާލިބާނުން ވަނީ އެއީ އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެފަ އެވެ. އެހެންކަމުން އަފްޣާނިސްތާން "ހިފާފައިވާ ފައުޖުތަކާ ދެކޮޅަށް ކޮންމެ ފިޔަވަޅެއް އަޅަންވެސް އެ ޖަމާއަތަށް ހުއްދަ ލިބިފައިވާ" ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް