އެމެރިކާގެ ކޮންގްރެސް އިމާރާތް ކައިރީ ދިން ހަމަލާއެއްގައި ފުލުހަކު މަރާލައިފި

އެމެރިކާގެ ކޮންގްރެސް އިމާރާތް ކައިރީ ދިން ހަމަލާއެއްގައި ކާރެއް ދުއްވާފައި ދިޔަ މީހަކު ވަނީ ދެ ފުލުހެއްގެ ގައިގައި ކާރުން ޖައްސާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 3): އެެމެރިކާގެ ކޮންގްރެސް ބައްދަލުވުންތައް ބާއްވާ ކެޕިޓޮލް ކޮމްޕްލެކްސް ކައިރީ އިއްޔެ ދިން ހަމަލާއެއްގައި ފުލުހަކު މަރާލައިފި އެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އިން ރިޕޯޓު ކުރި ގޮތުގައި އެ ހަމަލާގައި ކާރެއް ދުއްވާފައި ދިޔަ މީހަކު ގޮސް، ކެޕިޓޮލް ކޮމްޕްލެކްސްގެ އުތުރުގައި ހުރި ބެރިކޭޑެއް ކައިރީ ތިބި ދެ ފުލުހެއްގެ ގައިގައި ކާރުން ޖެއްސީ އެވެ. އަދި ޑްރައިވަރު ކާރުން ނުކުމެ، ވަޅިއެއް ހިފައިގެން ދެ ފުލުހުންނާ ދިމާލަށް ދުވާތަން ވީޑިއޯއިން ފެނިފައިވާ ކަމަށް ކެޕިޓޮލް ޕޮލިސްގެ އެކްޓިން ޗީފް، ޔޮގަނަންދާ ޕިޓްމަން ވިދާޅުވި އެވެ. އެއަށް ފަހު އޭގެ ތެރެއިން ފުލުހަކު ޑްރައިވަރާ ދިމާލަށް ބަޑި ޖެހި އެވެ.

އެ ހާދިސާގައި އެއް ފުލުހަކު މަރުވެ، ދެވަނަ ފުލުސް މީހާއަށް އަނިޔާވުމުން އޭނާއަށް ފަރުވާ ދެމުންދާ ކަމަށް އޭޕީގައިވެ އެވެ. އަދި ހަމަލާ ދިން މީހާއަށް ފަރުވާ ދެމުން ދަނިކޮށް އޭނާވެސް މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އެ ހާދިސާ ތަހުގީގު ކުރަމުންދާ އިދާރާތަކުން ވަނީ މިދިޔަ ޖެނުއަރީ މަހު ކޮންގްރެސް އިމާރާތުގައި ހިންގި ހަމަނުޖެހުންތަކާ އެ ހަމަލާއާ ގުޅުމެއްވާ ކަމަށް އަދި ފާހަގަވެފައި ނުވާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއިދު ކުރާ ބަޔަކު މިދިޔަ ޖެނުއަރީ މަހުގެ ހަޔެއްގައި ކޮންގްރެސް އިމާރާތަށް ވަދެ ހިންގި ހަމަނުޖެހުންތަކުގައި ފަސް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި ފުލުހަކުވެސް ހިމެނުނެވެ. އަދި އެ ހާދިސާގައި 140 ފުލުހަކަށް އަނިޔާވި އެވެ.

ޓްރަމްޕަށް ތާއިދު ކުރާ މީހުން ކޮންގްރެސް އިމާރާތަށް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ޖޯ ބައިޑެން ކާމިޔާބު ކުރެއްވުމުން، އެ ވޯޓު ގަބޫލު ކުރަން ދެކޮޅު ހަދާ، ނަތީޖާ ބަދަލު ކުރަން ބޭނުންވާ ކަމަށް ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް