ގާސިމް މަރާލަން ބޭނުންކުރި ހަތިޔާރާއި ގާތިލުންގެ ފިންގަޕްރިންޓް ހޯދައިފި

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލައިނސްއަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ކްރައިމް ސީންއިން މުހިންމު ޑީއެންއޭ އާއި ފިންގާޕްރިންޓުތަކެއް ލިބިފައިވާ ކަމަށާއި އެ ތަކެތި އެނަލައިޒްކޮށް ގާތިލުން ދެނެގަތުމުގައި ކުރިއެރުން ހޯދިފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މަރާލާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ހުޅުމާލޭ ހިތިގަސް މަގަށް ވެއްޓިފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ އެ ރޭ 9:07ގަ އެވެ. އޭނާގެ މަރުވީ ކަރަށް ވަޅި ހެރުމުގެ ސަބަބުންނެވެ.

އެ މަރަށް ހަފްތާއެއް ވެފައިވާ އިރު، އެ ގަތުލުގައި ތުހުމަތުވާ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކުރެވިފައެއް ނުވެ އެވެ.

އެކަމަކު، މިއަދު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ގާސިމްގެ މަރާ ގުޅޭ މުހިންމު ފޮރެންސިކް ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، މުހިންމު ޑީއެންއޭތަކާއި، ފިންގާޕްރިންޓުތަކެއް ސީންއިން ފެނިފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން، ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރު، އޭނާ ވެއްޓިފައި އޮއްވާ ފެނުނު ތަނާ 300 މީޓަރު ދުުރުން ފެނިފައިވާ ކަމަށްވެސް ހަމީދު ވިދާޅުވި އެވެ.

ގާސިމް މާލެއިން ޓެކްސީގައި ހުޅުމާލެއަށް އެރުމަށް ފަހު އޭނާ ދަތުރު ކުރި ގޮތް ސީސީޓީވީ ފޫޓޭޖު ބަލައިގެން ހޯދިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ތަހުގީގަށް ކުރި އެރުންތަކެއް ލިބިފައިވޭ. ކުށް ކުރި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ފުލުހުންގެ ޓީމަކުން ކުރަމުން،" ޕޮލިސް ކޮމިޝަނަރު ޓްވީޓް ކުރެއްވި އެވެ.

ގާސިމް މަގުމައްޗަށް ވެއްޓިފައި އޮތް މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭނާގެ ކަރަށް ވަޅި ހަރާފައި ހުރީ ކަރުގެ ފަހަތަށެވެ. އަދި އޭނާގެ ބޮލަށްވެސް ހަމަލާދީފައި ހުއްޓެވެ. އެކަމަކު، ހަމަލާ ދިން ބަޔަކު ކާރުތެރޭގައި ހުރި ގާސިމްގެ ފޯނާއި ގަމީހުގެ ޖީބުގައި ހުރި ފައިސާ ނުގެންދެ އެވެ.

ގާސިމްއާ ގާތް ޓެކްސީ ޑްރައިވަރު ބުނި ގޮތުގައި، އޭނާ މަރާލި ރޭ 8:00 ގެ ފަހުންވެސް އޭނާ ހެންވޭރުގައި ހުންނަ ކޭމާޓު ސައިހޮޓަލަށް އެހެން ޓެކްސީ ޑްރައިވަރަކާއެކު ކާން ދިޔަ އެވެ. އޭނާ ހުޅުމާލެއަށް ދިޔައީ މާލެއިން ކަމަށާއި، 8:30 އެހާކަންހާއިރު ހުޅުމާލޭގައި ހުރި ކަމަށް ފޯނުން ގުޅާފައި ބުނިކަމަށްވެސް ރައްޓެއްސަކު ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު