ފިޔާގެ އަގު މައިތިރިއެއް ނުވި، ދަނީ މައްޗަށް

ޕިކަޕެއްގެ މަތީގައި އަރުވާފައި ހުރި ފިޔާ ބަސްތާތަކެއް --

ފިޔާގެ އަގު ބާޒާރުގައި އަނެއްކާވެސް އުފުލިއްޖެއެވެ.

ފިޔާ ލިބުން ދަތިވެ، ފިޔާގެއަގު ފުރަތަމަ އުފުލެންފެށީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެފަހަރު ފިޔާ ބަސްތާއެއްގެ އަގު އެއްހާސް ރުފިޔާ އަށް އުފުލުނެވެ.

އަނެއްކާވެސް ފިޔާގެ އަގު އުފުލެން ފަށާފައިވާއިރު މީގެ ކުރިން 150-200 ރުފިޔާއާ ދޭތެރޭގެ ވިއްކި، ފިޔާ ބަސްތާއެއް މިހާރު ބާޒާރުގައި ވިއްކަނީ 1،000-1،500 ރުފިޔާއަށެވެ.

އެއާ އެކު، ފިޔާ ކިލޯއެއްގެ އަގު ވަނީ 60-70 ރުފިޔާއާ ދޭތެރޭގެ އަގަކަށް އުފުލިފަ އެވެ. އާންމުކޮށް ބާޒާރުގައި ފިޔާ ކިލޯއެއްގެ އަގު ހުންނަނީ 10 ރުފިޔާ އާއި 15 ރުފިޔާ އާއި ދެމެދުގެ އަގެއްގަ އެވެ.

މީގެ ކުރިން ފިޔާ ލިބުން ދަތިވެފައިވަނީ އިންޑިއާ އިން ފިޔާ އެކްސްޕޯޓު ކުރުން ކޮންޓްރޯލު ކުރުމުންނެވެ. ނަމަވެސް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު އެފަހަރު އިންޑިއާ އިން ރާއްޖެއަށް ފިޔާ ބޭރު ކުރަން ފެށި އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރަނީ އިންޑިއާ އިންނެވެ. އިންޑިއާ އަށް މޫސުން ގޯސްވެ ފިޔާ ދަނޑުތައް ހަލާކުވުމުގެ ސަބަބުން އެގައުމުގައިވެސް ފިޔާގެ އަަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ ހައްދައި އުޅެނީ މަހަރާޝްތާ ސްޓޭޓާއި، ގުޖުރާތާއި، މަދްޔަ ޕްރަދޭޝްއާއި، އުއްތަރު ޕްރަދޭޝްއާއި، ވެސްޓް ބެންގަލްއާއި، ކަރުނާޓަކާ އަދި ބިހާރު މި ސްޓޭޓުތަކުގަ އެވެ.

މި ސްޓޭޓުތަކުގެ ތެރެއިންވެސް އެންމެ ގިނައިން ފިޔާ ހައްދަނީ މަހަރާޝްތާ ސްޓޭޓުގަ އެވެ. އިންޑިއާގައި ހައްދާ ފިޔާގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއް ބައި ހައްދަނީ އެ ސްޓޭޓުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް