އާޒިމާއި ޖަމީލްގެ ބޮޑު ކޯޅުމެއް!

ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އާއި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް އާއި ކުރީގެ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދުގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގައިފި އެވެ.

ދެބޭފުޅުން އެކަކު އަނެއްކަކަށް ރައްދު ދިނީ، ޓްވީޓާގައި ކުރި ޓްވީީޓްތަކުންނެވެ.

އެގޮތުން އެންމެ ފުރަތަމަ ޖަމީލް ފާޑު ވިދާޅުވެ، ޓްވީޓް ކުރެއްވީ ރައްޔިތުން މަޖިލީހުގެ ވަފުދެއް މިހާރު އިންޑީއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ މެމްބަރުން މަހާތްމާ ގާންދީގެ މަގުބަރާގައި ދުއާ ކުރުމާ ގުޅިގެންނެވެ.

ރައީސް ނަޝީދާ އެމްޑީޕީ މެމްބަރުން ދުއާ ކުރަން ތިއްބަަވަނިކޮށް ނަގާފައިވާ ފޮޓޯ، ޓްވިޓާގައި ޕޯސްޓް ކުރަމުން ޖަމީލް ސުވާލު ކުރެއްވީ، މަޖިލީހުގެ އިދާރާ އިން ޕްރޮޓޮކޯލް އޮންނަ ގޮތް ކިޔާ ނުދޭތޯ އެވެ.

"މަޖިލީހަށް އަސްލުވެސް ޕްރިންސިޕަލްއެއް ހުންނަ ޖެހޭ. ބަސް އަހާތޯ ބަލަން" ޖަމީލް ވިދާޅުވި އެވެ. އެ ޓްވީޓްގައި މާބޮޑު ތަފްސީލެއް ޖަމީލް ނުދެއްވަ އެވެ.

ޖަމީލްގެ ޓްވީޓަށް ރައްދުދެއްވާ، އަލީ އާޒިމް ވިދާޅުވީ، ޖަމީލްއަކީ، ރައްޔިތުންގެ ތާއީދު ލިބިފައިވާ މީހެއް ނޫން ކަމަށެވެ. އެހެން ވީމާ، ރައްޔިތުންގެ މެންބަރުންނަށް ފާޑު ނުކިޔުމަށް އަލީ އާޒިމް ގޮވާލެއްވި އެވެ.

"މަޖިލީހަށް ކުރިމަތިލީމަ ލިބުނީ 40 ވޯޓު. މަޖިލިސް ގެ ކަންކަމާ ނުބެހި ގޭގައި އޮވެބަލަ،" ނިމިދިޔަ މަޖިލިސް އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ޖަމީލަށް ރައްދު ދެއްވާ އާޒިމް ވިދާޅުވި އެވެ.

މިދިޔަ އެޕްރީލް މަހު ބޭއްވި މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކޮށް، ޖަމީލް އަށް ލިބިވަޑައިގަތީ 369 ވޯޓެވެ. އެ ގޮނޑި ކާމިޔާބު ކުރީ 886 ވޯޓާއެކު އަމިއްލަ ކެންޑިޑޭޓު، ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް އެވެ.

އަލީ އާޒިމް މަޖިލިސް ކަންކަމާ ނުބެހި ޖަމީލް ގޭގައި އޮންނެވުމަށް ކުރެއްވި ޓްވީޓަށް ރައްދުދެއްވާ ޖަމީލް ވިދާޅުވީ، އާޒިމް މުސާރަ ނަންގަވަނީ "ރައްޔިތު މީހާގެ ޖީބުން" ކަމަށާއި އެންމެ ވޯޓެއް ނުލިބޭ މީހާއަށްވެސް މަޖިލިސް ކަންތައްތަކާ ބެހެވޭނެ ކަމަށެވެ. އަލީ އާޒިމް ސިޔާސީ ދާއިރާގައި އެހާ ދުވަސްވީއިރު، އެކަން ނޭނގޭ ތޯ ޖަމީލް ސުވާލު އުފެއްދެވި އެވެ.

"އާޒިމްގެ ހަދާން މާ ބަލި. މި ވެރިކަން އައި ގޮތާއި، ހިޔަނި ކެބިނެޓެއް ހަދާ، އެމްޔޫއޯ ގެ ލީޑަރުގެ ފަހަތައް އެރީ ކީއްވެބާ،" ޖަމީލް އާޒިމަށް އެ ސުވާލު ރައްދު ކުރެއްވި އެވެ.

ޖަމީލް އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އުފެއްދެވި، މޯލްޑިވްސް ޔުނައިޓެޑް އޮޕޮސިޒިޝަން (އެމްޔޫއޯ) އަށެވެ. އެ ކޯލީޝަންގެ ލީޑަރަކީ އޭރު، ޖަމީލެވެ.

ރައީސް ޔާމީން ސަރުކާރުގެ އިންތިހާބީ ނައިބު ރައީސް، ޖަމީލް މިހާރު ހުންނެވީ ޓެރަރިޒަމްގެ ދައުވާ ސާބިތުވެ ޖަަލަށް ހުކުމް ކޮށްފައިާ ރައީސް ޔާމީންގެ ފަހަތްޕުޅުގަ އެވެ. އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ޖަމީލް ހިމެނިވަޑައިގަންނަވަ އެވެ.

ޖަމިލް ނައިބު ރައީސް ކަމުން ދުރުކުރީ، އޭރު ޕީޕީއެމްގެ ބާރުއޮތް މަޖިލިސް ތެރެއިން އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށްފަހު އެވެ. ޖަމީލް މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާ އެ މަގާމުން ދުރު ކުރީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ގާނޫނާ ހިލާފަށެވެ. އަދި އެ މައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާ ވަނީ ސްޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު