އިންޑިއާގެ ރީތީގެ ރާނީގެ ތާޖު ރާޖަސްތާނުގެ ސުމަން އަށް!

އިއްޔެ ނިމިގެން ދިޔަ ފެމިނާ މިސް އިންޑިއާ 2019ގެ ތާޖު ރާޖަސްތާނަށް އުފަން ސުމަން ރާއޯ ހޯދައިފިއެވެ.

މުމްބާއީގެ ސަރްދާރް ވައްލާބާއި ޕަޓޭލް އިންޑޯ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ ހަފްލާގައި ސުމަންގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރު މިސް އިންޑިއާ ކާމިޔާބު ކުރި އަނުކްރިތީ ވާސް އެވެ.

އުމުރުން 20 އަހަރުގެ ސުމަން އަކީ ނިއު ދިއްލީގައި ޗާޓާޑް އެކައުންޓެންސީ އަދި ކޮމާސް އިން ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ.

ސުމަން އަކީ މިސް އިންޑިއާ ރާޖަސްތާން 2019 ކާމިޔާބުކޮށް، މިސް އިންޑިއާއަށް އައި މޮޑެލް އެކެވެ. މިސް އިންޑިއާ 2019 ގެ "މިސް ރޭމްޕް ވޯކް" އަކަށް ވެސް ހޮވުނީ އޭނާއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ބެންކޮކްގައި އޮންނަ މިސް ވޯލްޑް 2019 ގައި އިންޑިއާ ތަމްސީލު ކުރާނީ ސުމަން އެވެ.

މިސް އިންޑިއާގެ ތާޖު ކާމިޔާބުކޮށް ސުމަން ބުނެފައި ވަނީ ކަމެއް ހާސިލް ކުރުމަށް ހިތްވަރާ އެކު މަސައްކަތް ކޮށްފިނަމަ އެކަން ހާސިލް ވާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު