ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 149 މުވައްޒިފުންގެ ވަޒީފާ މަދުކޮށްފި އެވެ.
އެޗްޑީސީ އިން މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ، ދާދި ފަހުން އެ ކުންފުނިން 149 މުވައްޒިފުންގެ ވަޒީފާ މަދު ކޮށްފައިވާ ކަމަށާއި ހުރިހާ މުވައްޒިފުންނަކީ ވަޒީފާ އިން ވަކިކުރި މުވައްޒިފުން ނޫން ކަމަށެވެ. އެގޮތުން، 149 މުވައްޒިފުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އަމިއްލަ އަށް ކެނޑިގެން ދިޔަ މީހުންނާއި ކޮންޓްރެކްޓް ހަމަވުމުން މުއްދަތު އިތުރުނުކޮށް ދިން މުވައްޒަފުން ކަމަށް ސުހައިލް ވިދާޅުވި އެވެ.
"ބައެއް މީހުންނަކީ އަމިއްލަ އަށް ކެނޑިގެން ދިޔަ މީހުން. ބައެއް މީހުންނަކީ ކޮންޓްރެކްޓް ހަމަވެގެން ކޮންޓްރެކްޓް އާ ނުކުރުމުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުން. ޑިސިޕްލިންގެ މައްސަލައިގައި ކަނޑާލި މީހުންވެސް ހިމެނޭ،" ސުހައިލް ވިދާޅުވި އެވެ.
ސުހައިލް ވިދާޅުވީ، އެ ކުންފުނިން ފުރަތަމަ މުވައްޒިފުން ކޮންޓްރެކްޓަށް ނަގަނީ އެއް އަހަރު ދުވަހަށް ކަމަށާއި އެއަފަހު އޮންނަ އުސޫލުގެ ދަށުން ކުންފުނިން ބޭނުން ނުވާ ނަމަ މުވައްޒިފުގެ ކޮންޓްރެކްޓް އާ ނުކުރާ ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި ހުރިހާ މުވައްޒިފުންވެސް ވަޒީފާއިން ވަކިކޮށްފައިވަނީ އޮންނަ އުސޫލުގެ ދަށުން ނޯޓިސް ދީފައި ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، ގިނަ އަދަދެއްގެ މުވައްޒިފުން އެ ކުންފުންޏަށް ވެއްދި ކަމުގެ ޝަކުވާތަކެއް މީގެ ކުރިން އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި އެވެ. އަދި ސިޔާސީ ބޭނުމަށް ކުންފުނީގެ މުވަޒިފުން ބޭނުން ކުރަމުންދާ ވާހަކަ އަކީ އޭރު ވަރަށް ބޮޑަށް ދައްކަމުން އައި ވާހަކަ އެކެވެ.