މިއީ އުމުރުން 40 އަހަރުގެ މޫސާ ޔޫސުފެވެ. ލޯބިން އެންމެން ވެސް ކިޔަނީ ބުއްތި އެވެ. ޑައުން ސިންޑްރޯމް މީހެކެވެ. ނަމަވެސް އާންމު މީހަކާއި މާބޮޑު ތަފާތެއް އޭނާގެ ދިރިއުޅުމަކު ނެތެވެ. އޭނާއަކީ އާއިލާއެއްގެ މުހިންމު މެންބަރެކެވެ. ބަރާބަރަށް ވަޒީފާއަށްދާ އިތުބާރުހުރި މުވައްޒަފެކެވެ. އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ރަހުމްތެރިން ވެސް ލޯނުވާ ނުހަނު ގާތް އެކުވެރިއެކެވެ.
ޑައުން ސިންޑްރޯމްގެ ނުކުޅެދުންތެރިކަން ހުންނަ މީހެކޭ ބުނެފިނަމަ ކޮންމެ މީހަކަށްވެސް ހީވެފައި އޮންނަނީ އެއީ ވަރަށް ބަލި މީހެއްކަމަށެވެ. ފެންނަ ފެނުމަށް އެހެން މީހުންނާއި ހުންނަ ތަފާތުތަކާއެކު، އުޅުމާއި ގުޅުމުގައިވެސް އާންމު އެހެންމީހުންނާއި އެކީ އުޅުން ވާނީ އެއީ ދަތިކަމެއް ކަމަށް ބައެއް މީހުންދެކެ އެވެ. އެހެންނަމަވެސް މިއީ ހަގީގަތެއް ނޫނެވެ.
ކިތަންމެ ގިނަ އަދި ބޮޑެތި ތަފާތުތަކެއް ހުއްޓަސް އަދި ނެތަސް، ޑައުން ސިންޑްރޯމް ކުދިންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އެންމެންގެ އެހީތެރިކަމާއި އޯގާތެރިކަމެވެ. ތަފާތުތަކާއި އެކީވެސް ބަލައިގަތުމެވެ. މުޖްތަމައުގެ ބައެއް ކަމުގައި އެ މީހުން ބަލައިގަތުމެވެ.
މޫސަގެ ވާހަކަ އަހަރެމެންނަށް މި ކިޔާދެނީ އޭނާގެ ދައްތަ، އަދި އެންމެ ގާތުން އޭނާގެ ކަންތައްތައް އެންމެ ކުޑައިރުއްސުރެވެސް ކޮށްދެމުން އަންނަ ފާތުމަތު ޔޫސުފް (ފާތުން)އެވެ.
ބޮޑުވީ އެންމެންގެ ލޯތްބާއެކު
ފާތުން ބުނާގޮތުގައި މޫސައަކީ އޭނާގެ ނުވަ ކުދިންގެ އާއިލާގެ "ކިންގް" ނުވަތަ ރަސްގެފާނެވެ. އެންމެ ފުރަތަމަ މޫސަގެ ނުކުޅެދުންތެރިކަމަކީ ޑައުން ސިންޑްރޯމްކަން ނުވެސް އެނގެ އެވެ.
"މޫސަ ލިބިގެން ގާތްގަނޑަކަށް ހަތް ދުވަސް ވީތަނާ ބައްޕަ ގެނަޢީ އަލްމަރުހޫމް ޑރ. އަލީ ރަޝީދު މޫސަ ބަލާލަން. އެއީ މާ ފުންކޮށް ނޭވާ ލާތީ ގެނައީ. ދެން ޑޮކްޓަރު ވިދާޅުވީ މޫސައަކީ އެހެން ކުދިންނާއި ތަފާތު ކުއްޖެކޭ. އެހެން ކުދިން ގެންގުޅޭހެން އޭނާ ނުގެންގުޅެވޭނެއޭ. އެވަރަށް އެކަނި ބުނީ، ދެން ބޮޑުވި އިރު ޑިވަލޮޕްމަންޓް [ހެދިބޮޑުވުން] ވަރަށް ސްލޯކޮށް އައީ،" ފާތުން ކިޔައިދިނެވެ.
ފަހުން އޭނާއަކީ ޑައުން ސިންޑްރޯމް ކުއްޖެއްކަން އެނގުނެވެ. ނަމަވެސް މިއީ ކިހާވަރެއްގެ ކޮން މައްސަލައެއް ދިމާވާ ނުކުޅެދުންތެރިކަމެއްކަން އާއިލާއަށް ނޭނގުނެވެ.
ކެއާ ސޮސައިޓީ ހުޅުވައި ތައުލީމު އުނގެނުމުގެ ދޮރު ހުޅުވުނީ އިރު އުމުރުން މާ ދޮށިވުމުން އެ ފުރުސަތު މޫސައަށް ގެއްލުނެވެ. ނަމަވެސް ފާތުން ބުނިގޮތުގައި އާއިލާގެ ފަރާތުން އޭނާއަށް އެ ތައުލީމާއި ތަރުބިއްޔަތު ދިނެވެ. ހެވާއި ނުބައި ވަކިކޮށްދިނެވެ. ވަށައިގެންވާ މާހައުލުގައި ވަމުންދާ ކަންކަން ކިޔައިދީ ދިރިއުޅެން ދަސްކޮށްދިނެވެ. އާއިލާއިން އޭނާ ބެލީ ލޯތްބާއި އޯގާތެރިކަން ދީގެންނެވެ. އޭގެ ނަތީޖާ ފޮންޏެވެ.
ޑައުން ސިންޑްރޯމްގެ ސަބަބުން މޫސައަށް ވާހަކަ ނުދެކެވުނު ނަމަވެސް، މީހުން ދައްކާ ހުރިހާ ވާހަކައެއް އޭނާއަށް އެނގެ އެވެ. އަދި ސައިން ލެންގުއޭޖް ނުވަތަަ އަތުގެ ހަރަކާތް އަދި މަދު ލަފްޒުތަކަކުން އޭނާ އުނދަގުލުގައި މީހުންނާއި ވާހަކަ ދައްކަ އެވެ. ގާތް މީހުންނަށް އޭނާ ދައްކާ ހުރިހާ ވާހަކައެއްވެސް ރަގަޅަށް ދޭހަވެ އެވެ.
އަބަދުވެސް މަސައްކަތްކުރުމަށް ލޯބިކުރޭ
ކަން ދިމާކުރި ގޮތުން މޫސައަކީ އެންމެ ކުޑައިރުއްސުރެ ވެސް މަސައްކަތްކުރުމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ފާތުން ބުނިގޮތުގައި އެއީ ފަހަރެއްގައި އެ މީހުންގެ މައިންބަފައިންގެ ފަރާތުން ލިބުނު ސިފައެއްކަމުގައި ވެދާނެ އެވެ. މޫސައަކީ އަބަދުވެސް ވަރަށް ތަރުތީބު، ސާފުކޮށް ރީތިވެގެން ހުންނަން ލޯބިކުރާ މީހެއްކަމަށް ފާތުން ބުންޏެވެ.
"އަޅުގަނޑުމެން ކުރަންޖެހޭނެ ހަމައެކަނި ކަމަކީ މޫސަގެ އެއްޗެހި ދޮވެ، އިސްތިރިކޮށްދިނުން. އެ ނޫން ހުރިހާ ކަމެއް އޭނާ އަމިއްލައަށް ކުރާނެ. ވަރަށް ރީތިވާނެ، ވަރަށް ސާފުވާނެ. އަމިއްލައަށް ހެދުން މެޗްކޮށްގެން ލާނީވެސް" ފާތުން ބުންޏެވެ.
ހުރިހާ ޝުކުރެއް ރައީސް "މޯޑޭ" އަށް
މަސައްކަތަށް ހުންނަ ޝައުގުވެރިކަމާއި އެކީ މޫސަ އަށް ވަޒީފާދިން ފަރާތަކީ މޯޑޭ އެވެ. މޯޑޭއަކީ ފާތުން ބުނާގޮތުން އެގޭދޮށު މީހެކެވެ. މޫސަ އޭނާއަށް ކިޔަނީ ރައީސް އެވެ. އެއީ އޭނާއަށްވުރެ އުމުރުން ދޮށީ މީހުންނަށް މޫސަ ކިޔާ ނަމެކެވެ.
މޫސަ މޯޑޭ ކައިރީގައި މަސައްކަތް ކުރާތާ މިހާރު 18 އަހަރު ވެދާނެ އެވެ. މޯޑޭގެ ސީޑީ ވިއްކާ ފިހާރައެއްގައި ފުރަތަމަ މޫސަ މަސައްކަތްކުރަން ފެށިއިރު މިހާރު މޯޑޭގެ ދެ ފިހާރަ ސާފުކޮށް ރީތިކޮށް ބަހައްޓައި، އަދި ފިހާރަ ބަންދުކޮށް ތަޅުލުމާއި ހަމައަށް މޫސަ ހުރެ އެވެ. މޯޑޭ ބުނާގޮތުން މޫސައަކީ އޭނާގެ އަމިއްލަ ދަރިއެއް ފަދަ ކުއްޖެކެވެ.
"މުސާރައެއް ދިނަސް، މޫސަ ނުވެސް ހިފާނެ. އާންމު މީހަކަށްވުރެ އޭނާގެ މަސައްކަތް މާ ބޮޑަށްވެސް ބަރާބަރު. ގަޑިއަށް ވަފާތެރި، ތެދުވެރި އަދި މަސައްކަތްވެސް ވަރަށް ފުރިހަމަ. އަޅުގަނޑުގެ ކުއްޖެއްފަދަ އޭނާ،" މޯޑޭ ބުންޏެވެ.
މޯޑޭގެ ދެ ފިހާރައިގެ އިތުރަށް ހެނދުނު ގަޑީގައި މޫސަ ދަނީ ހޭންޑީ ހާޑްއަށެވެ. ފާތުން ކިޔައިދިން ގޮތުގައި އެތަނުން ވެސް މޫސައާ ދޭތެރޭ ކަންތައްތައް ކޮށްދެނީ ވަރަށް ގާތްކޮށެވެ.
ގަޑިއަށް ފަރުވާތެރިކަމުގެ ލާމަސީލު ނަމޫނާއެއް
ފާތުން އަދި މޯޑޭ ވެސް ބުނިގޮތުގައި މޫސަގެ އެންމެ ހާއްސަކަމަކީ ދީނީ ކަންކަމަށް އޭނާ ކުރާ ލޯތްބާއި ގަޑިއަށް ފަރުވަތެރިވުމުގެ ސިފަ އެވެ.
ގަޑިން ގަޑިއަށް ނަމާދުކުރުމާއި، ސުންނަތްތައް އަދާކުރުމަކީ މޫސަ އެންމެ އިސްކަންދޭ ކަންކަމެވެ. ފަތިސް ނަމާދު ނޫން ހުރިހާ ވަގުތެއްގައި ބަރާބަރަށް މިސްކިތަށް ދިއުމާއި، ކެއުމާއި، މަސައްކަތާއި އަދި ޓީވީބެލުން ފަދަ ކަންކަންވެސް އޭނާ ކުރަނީ ގަޑިން ގަޑިއަށް ބަހާލައިގެން ވަރަށް ތަރުތީބުކޮށެވެ. ހުކުރު ދުވަސް ދުވަހުވެސް އެހެން މީހުންނަށްވުރެ ކުރިން މިސްކިތަށް ގޮސް މިސްކިތް ސާފުކޮށް ދޭން އެހީވެދިނުމަކީ މޫސަ ވަރަށް ކުރާހިތްވާ ކަމެކެވެ.
މޯޑޭވެސް ފާހަގަކުރިގޮތުގައި މިވީހާ ދުވަހު މޫސަ ގަޑިޖެހިގެން މަސައްކަތަށް އައުން އެފަދަ އެއްވެސް މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.
އަދިވެސް މީހުން ގޯނާކުރޭ، އެކަން ހުއްޓުވައިދީ
ޑައުންސިންޑްރޯމް ހުރި ނަމަވެސް، މޫސަ އާއި އަދި އޭނާގެ އާއިލާއިންވެސް ބޭނުންވަނީ ވީހާވެސް ބޮޑަށް އާންމުންގެ ތެރޭގައި އާންމު މީހުންނެކޭ އެއްފަދައިން މޫސަ އުޅޭށެވެ. ގޭދޮށު އަދި ގާތް ރަހުމަތްތެރި ގިނަ ފަރާތްތަކުން އޭނާއަށް ލޯތްބާއި އިހްތިރާމު ދޭ ނަމަވެސް އަދިވެސް މުޖްތަމައުން ފުރައްސާރަ އާއި އެކި ކަހަލަ ގޯނާ ކުރިމަތިވަމުންދާކަން ފާތުން ފާހަގަކުރި އެވެ.
މި ފަހުންވެސް އޭނާ ގެންގުޅޭ ފޯނު އަތުލަން ކުއްޖަކު މަސައްކަތްކޮށް އެކަމުގެ ތެރޭގައި މޫސައަށް އެކިވަރުގެ ހާނިއްކަތައްވި އެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައި ވީ ނަމަވެސް އަދިވެސް އެއްވެސް ކަހަލަ ކުރިއެރުމެއް ނުލިބޭކަން ފާތުން ހިތާމައާއިއެކު ފާހަގަކުރި އެވެ.
މިކަހަލަ ދިމާކުރުމުގެ އެތައް ކަމެއް މަދުން ނަމަވެސް، މޫސާއާ ދިމާވެ އެވެ. އެއީ އެ އާއިލާއަށް އޮތް ކަންބޮޑުވުމެކެވެ.
ތަފާތުވިޔަސް މި ކުދިން ބަލައިގަނޭ
މޫސަގެ މޫނުން އަބަދުވެސް ފެންނަނީ އުފާވެރިކަމެވެ. ހިނިތުންވުމެވެ. އެކަމުގެ ސިއްރަކީ، އޭނާގެ އާއިލާއިންނާއި ދަންނަ އަދި ގާތް މީހުންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އަޅާލުމެވެ.
ފާތުން އާއި އަދި އޭނާގެ އާއިލާގެ ފަރާތުން ދޭން ބޭނުންވާ މެސެޖަކީ، ޑައުން ސިންޑްރޯމް ހުރި ނަމަވެސް އެ ކުދިންނަކީ މި މުޖުތަމައުގެ ބައެއްކަން އެންމެން ވެސް ބަލައިގަތުމެވެ. އެކުދިންނަށް ބޭނުންވާ ތައުލީމާއި، ފުރުސަތުތައް ފަހިކޮށްދިނުމެވެ.
"އަޅުގަނޑުގެ ބައްޕަގެ އެންމެ ފަހު ނޭވާގައިވެސް އެދުނީ މޫސައަށް އަޅާލަން. މިއަދު ކޮންމެހެން އެހެންވީމައެއް ނޫން. އެކަމަކު އެފަދަ ކުއްޖަކަށްޓަކައި މައިންބަފައިން ކުރާނެ އުންމީދުތައް އެނގޭ. އެ ކުދިން ދިރިއުޅުމަށް ދެކޭނެ ހުވަފެންތައްވެސް އެނގޭ، އެހެންވީމަ އެ ލޯބި އަޅުގަނޑުމެން އެންމެންވެސް ދޭންޖެހޭ." ފާތުން އެދުނެވެ.