ހާލުގައި ޖެހިފައި އޮތް ވެލައަކަށް މިފަހަރު އެހީވީ ޓީއެމްއޭގެ ފަޅުވެރިން!

ޓީއެމްއޭގެ ކެބިން ކުރޫ އިބްރާހިމް މުހައްމަދު ވެލާ ސަލާމަތް ކުރަން މަސައްކަތް ކުރަނީ--

މޫދަށް އުކާލާފައި ހުރި ކުނި ތަކެއްގައި ތާށިވެ ހިރިނުލެވިފައި އޮތް ވެލައެއް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭނެއްގެ ފަޅުވެރިން ސަލާމަތް ކޮށްފިއެވެ.

އެ ވެލާ ސަލާމަތްކުރި އިރު އެވަގުތު އެ ސީޕްލޭންގައި ހުރި އެހެން މީހަކު ކޮށްފައިވާ ވީޑިއޯއެއް މީސް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ. އެ ވީޑީއޯއިން ފެންނަނީ އެ ސީޕްލޭންގައި މަސައްކަތް ކުރާ ފަޅުވެރިއަކު ކަނދު މައްޗަށް ފައިބައި ސުތުލު ގޯންޏެއްގައި އޮޅިފައިވާ ވެލާ ސަލާމަތް ކުރާ މަންޒަރެވެ.

އެކަން ހިނގާފައިވަނީ މިއަދު ހެނދުނު ކޮކޫން މޯލްޑިވްސް ރިސޯޓްކައިރި ފަޅުތެރޭގައެވެ.

އެންމެ ފުރަތަމަ ވެލާ ސަލާމަތް ކުރަން ގޯނި ނައްޓާލެވޭތޯ ސީ ޕްލޭންގެ ކަނދު މަތީގައި އިނދެގެން އެ ބޯޓްގެ ކެބިން ކުރޫ އިބްރާހިމް މުހައްމަދު މަސައްކަތް ކުރި ނަމަވެސް އެކަން ވާގޮތް ނުވުމުން ވީޑިއޯއިން ފެންނަނީ ވެލާ ހިފައިގެން ދުއްވާފައި ގޮސް ރިސޯޓަށް ގެސްޓުން ބަލާ ޕްލެޓް ފޯމް މަތީގައި ވެލާ ބާއްވައިގެން އޭގެ ގައިގާ އޮޅިފައިއޮތް ގޯނި ނަގާ މަންޒަރެވެ.

ވެލާ ސަލާމަތްކޮށް މޫދަށް ދޫކޮށްލި ނަމަވެސް އެއަށް ރަނގަޅަށް ފީނާ ނުގަނެވިގެންއުޅޭ މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ވެލާ ސަލާމަތް ކުރި ވީޑިއޯ އާންމު ކުރަމުން ޓީއެމްއޭގެ ފަސްޓް އޮފިސަރު އަހްމީން އަމްޖަދު މުސްތަފާ ވިދާޅުވީ "އަހަރެމެން އެންމެން ވެގެން އެ ވެލާ އަށް އެހީތެރިކަން ފޯރުކޮށްދީ ސަލާމަތް ކޮށްދެވިއްޖެ" ކަމަށެވެ. އަދި އެ ޕޯސްޓްގައި އޭނާވަނީ އެ ބޯޓްގެ ކެޕްޓަން ސަމީރު ޝަރްގީލްވެސް ޓެގްކޮށްފައެވެ. އެ ވީޑިއޯ މިހާރު 53،000 މީހުން ވަނީ ބަލާފައެވެ.

މިދިޔަ ހަފްތާތެރޭގައިވެސް ވަނީ ހާލުގައި ޖެހިފައި އޮތް ވެލައެއް ދިވެއްސަކު ސަލާމަތް ކޮށްފައެވެ. މާލޭގެ އިރުމަތީ ފަރާތުން ޑައިނަމޯ ގާޑެން ކައިރީ މޫދުގައި ދަލެއްގައި ޖެހިފައި އޮއްވައި އެ ވެލާ ސަލާމަތް ކޮށްފައިވަނީ މ. އަރާރަތްކުރި މުހައްމަދު އާދަމް (އެލްޓީ ބޮޑޭ) އެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ހަތަރު ވަނަ މާއްދާގެ (ހ) ގެ ދަށުން ދިރޭ ތަކެތީގެ ނަސްލު ރައްކާތެރިކުރުމުގެ ގޮތުން، ކަނޑުގެ މާހައުލުގައި އުޅޭ ވެލައާއި ކަހަނބުގެ ހުރިހާ ބާވަތެއް ވަނީ ރާއްޖޭގައި ހިމާޔަތްކޮށްފައެވެ.

comment ކޮމެންޓް