ފުލުހުންގެ ޖިޕެއް އެކްސިޑެންޓުވެ، ގެއެއްގެ ފާރަށް އަރައިފި

ސްޓެލްކޯ ވޭނުގެ ސެކިއުރިޓީ އަށް ނުކުތް ޕޮލިސް ޖިޕެއް، ކާރަކާއި ސައިކަލެއްގައި ޖެހި ކޮންޓްރޯލް ނުވެ ގޮސް ގެއެއްގެ ފާރަށް އަރައިފި އެވެ.

މަންޒަރު ދުށް މީހަކު ބުނީ ސްޓެލްކޯ ވޭނުގެ ފަހަތުން ޕޮލިސް ޖިޕު ދަނިކޮށް ވޭނާއި ޕޮލިސް ޖިޕުގެ ދޭތެރެއަށް އެވަގުތު އައި ކާރެއް ވަންނަން އުޅެނިކޮށް ފުލުސް ޖިޕާ ކާރާ ޖެހި އެކްސިޑެންޓްވީ ކަމަށެވެ. އަދި އެ އެކްސިޑެންޓްގައި ކޮންމެ ވެސް ވަރަކަށް ކާރުގެ ކަނާތް ފަރާތް ބަނޑިވެފައި ހުރި ކަމަށް ވެސް އެމީހާ ބުންޏެވެ.

އޭނާ އަދި ބުނީ ދެ ވަނަ އެކްސިޑެންޓް ހިނގީ ފުލުހުންގެ ޖިޕު ސްޓެލްކޯ ތެރެއަށް ވަދެ ދެވަނަ ފަހަރަށް ނުކުމެ ދުއްވާލިތަނާ ޕާކްކޮށްފައި ހުރި ސައިކަލެއްގައި ޖެހި ކަމަށެވެ. އަދި ކޮންޓްރޯލް ނުކުރެވި ގޮސް އެތަނުގައި ހުރި ގެއެއްގައި ފާރަށް އެރީ ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ. އެގޭގެ ފާރަށް ގެއްލުމެއް ނުލިބެ އެވެ.

ނަމަވެސް، ސައިކަލަށާއި ޖިޕަށް ކޮންމެވެސް ވަރަކަށް ގެއްލުންތަކެއް ލިބިފައިވެ އެވެ.

ފުލުސް ޖިޕު ދުއްވަން އިން މީހާ ހޭނެތުނު ކަމަށް މަންޒަރު ދުށް މީހުން ބުނި ނަމަވެސް، ފުލުހުން އެކަން ކަށަވަރުކޮށެއް ނުދެ އެވެ. އަދި އެކްސިޑެންޓް ތަހުގީގު ކުރަމުންދާތީ އެއްވެސް ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު