މާލޭ ސިޓީ ކައުންސިލާއި މިފްކޯ ގުޅިގެން ޓީ ޖެޓީ ސަރަހައްދުގައި، ރޯދަ މަހަށް، ރޯމަސް މާރުކޭޓެއް ހުޅުވުމަށް ނިންމައިފި އެވެ.
މާލެ ސިޓީއާ މިފްކޯ ގުޅިގެން މާދަމާ ހަވީރު 4:00 ގައި ހުޅުވުމަށް ހަމަޖައްސާފައިވާ މާރުކޭޓު ހުންނަނީ ޓީ ޖެޓީ ކުރިމަތިން، ކުރިން ކަރާ މާރުކޭޓު ނުވަތަ ޗަމްޕާ މާރުކޭޓު ހުރި ތަނުގައި ކަމަށް މާލޭ ސިޓީ އިން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާ މިއަދު ވިދާޅުވީ ރޯދަ މަހަށް ހާއްސަކޮށްގެން މާދަމާ ހުޅުވުމަށް ހަމަޖައްސާފައިވާ އެ މަސްމާރުކޭޓަކީ ރޯމަސް ކާރުކޭޓުގައި މަހުގެ އަގުތައް އުފުލެން ފެށުމުން އާއްމުންނަށް ވީހާވެސް ފަސޭހައިން އަދި ވީހާ ވެސް ހެޔޮއަގެއްގައި މަސްލިބޭނެ ގޮތް ހެދުމުގެ ގޮތުން ސިޓީ ކައުންސިލާއި މިފްކޯއާ މަޝްވަރާކުރުމަށް ފަހު ހުޅުވާ މާރުކޭޓެއް ކަމަށެވެ.
އަލަށް ހުޅުވާ ރޯމަސް މާރުކޭޓުގައި ކަނޑައިގެން ވިއްކާ އާދައިގެ މަހެއް ވިއްކުމަށް ހަމަޖައްސާފައިވާ އަގަކީ 75 ރުފިޔާ އާއި 80 ރުފިޔާ އަށެވެ. އަދި ނުކަނޑާ މަހެއްގެ އަގު ވިއްކުމަށް ހަމަޖައްސާފައިވަނީ 35 ރުފިޔާ އާއި 40 ރުފިޔާ އާ ދޭތެރޭގަ އެވެ.
"މިމަހަކީ މިފްކޯގެ ބޯޓުތަކުން ގެންނަ ހަމަ ތާޒާ މަސް، އާއްމު ގޮތެއްގައި މަހުގެ އަގުތައް އުފުލެނީ ރޯދަމަހު، އެހެންވެ މުޅި ކައުންސިލުން މިއަދު ނިންމި ނިންމުމެއް މިއީ މާރުކޭޓެއް އެސަރަހައްދުގައި ހުޅުވުން،" ސުޖާ ވިދާޅުވި އެވެ.