މަހުގެ ތަފާތު ބާވަތްތަކާއެކު ކޫއްޑޫ މަސްފިހާރަ ހުޅުވައިފި

ގިނަ އަދަދެއްގެ ކަނޑުމަހުގެ ބާވަތްތަކާއެކު ކޫއްޑޫގެ މަސްފިހާރަ މިއަދު މާލޭގައި ހުޅުވައިފި އެވެ.

ކުއްޑޫ ފިޒަރީޒް މޯލްޑިވްސްގެ މޭނޭޖިންގް ޑިރެކްޓާ އިސްމާއިލް އާދަމް މިރޭ ވިދާޅުވީ މިއަދު މާލޭގައި ހުޅުވި ކޫއްޑޫގެ މަސްފިހާރާގައި އެ ކުންފުނިން އުފައްދާ އުފެއްދުންތަކުގެ އިތުރުން އެ ކުންފުނިން މަސްބޭރު ކުރާ ބޭރުގެ ކުންފުނިތަކުން އުފައްދާފައިވާ ކޫއްޑޫގެ އުފެއްދުންތައް ވެސް ހުންނާނެ ކަމަށެވެ.

އާދަމް ވިދާޅުވީ "ވުުޑް އެޕަލް"ގެ ކުރިމަތިން ހުޅުވި ކޫއްޑޫގެ މަސްފިހާރައިން ގަންނަން ލިބެން ހުރި ދަޅުމަހުގެ ބާވަތްތައް މާލޭގެ ބާޒާރުގެ އަގަށްވުރެ ހެޔޮވާނެ ކަމަށާއި ރޯދަމަހު އެއްކޮށް ދަޅުމަހުގެ އަގު ބޮޑުވިޔަ ނުދެއްވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު އުފެއްދުންތައް ކޫއްޑޫގެ މަސްފިހާރައަށް ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަތްފޯރާ ފަށުގައި ކޫއްޑޫގެ މަސްފިހާރައިން ވިއްކަމުން ގެންދާ ދަޅުމަހުގެ ބާވަތްތައް ރާއްޖެތެރޭގެ ރަށްރަށަށް ހޯލްސޭލްކުރި ނަމަވެސް މާލެއަށް ހޯލްސޭލެއް ނުކުރެ އެވެ. ބޭރުން ގެންނަ ދަޅުމަހުގެ އުފެއްދުމުގައި ރާއްޖޭގެ ކަނޑުމަހުގެ އިތުރުން ބޭރުގެ މަސްވެސް ހިމެނެ އެވެ.

" އަޅުގަނޑުމެންގެ ވިސްނުން ހުރީ އަޅުގަނޑުމެންނަށް މާބޮޑު ފައިދާއެއް ނުވިނަމަވެސް ރައްޔިތުންނަށް މަންފާއެއް ލިބޭނެ ގޮތްތަކެއް ހޯދައިދިނުން، މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް ކުޑަވި ނަމަވެސް ކުންފުންޏަށް ގެއްލުންކޮށްފައެއް ނޫން މިވިއްކަނީ، މިއީ ދެން އަލަށް މާކެޓަށް އެއްޗެއް އައުމުން މާކެޓް ހޯދުމަށް ކުރާ ކަމެއް،" އާދަމް ވިދާޅުވި އެވެ.

ކޫއްޑޫގެ މަސްފިހާރައިން ލިބެން ހުރި އުފެއްދުންތަކުގެ ތެރޭގައި ސީފުޑްގެ ގިނަ ވައްތަރުތަކާއި ދަޅު މަހުގެ ގިނަ ވައްތަރުތަކުގެ އިތުރުން ވަގުތުން ތައްޔާރުކޮށްލެވޭ ގޮތަށް އުފައްދާފައިވާ ބައެއް ކަހަލަ ހެދިކާގެ ބާވަތްތައް ހިމެނެ އެވެ.

ވުޑްއެޕަލް ރެސްޓޯރެންޓްގެ ކުރިމަތީގައި މިއަދު ހުޅުވި ކޫއްޑޫގެ މަސްފިހާރަ ހުޅުވައިދެއްވީ ފިޒަރީޝް މިނިސްޓާ ޑރ. އިބްރާހިމްދީދީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު